މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން، އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް މެޖޯރިޓީ ކުލަބުތަކުން މަސައްކަތް ކުރަމުންދާ ކަމުގެ އިޝާރާތެއް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ދެއްވައިފި އެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ދެ އަހަރު އެފްއޭއެމްގެ ސިޔާސީ ހަރަކާތް ހިންގާ ދިވެހި ފުޓްބޯޅައަށް ގެއްލުންވާ އެތައް ކަމެއްކޮށް އަދި އެފްއޭއެމްގެ އަސާސީ ގަވައިދާ ހިލާފަށް ކަން ކޮށްފައިވާތީ އެކްސްޓްރައޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ވޯޓުލެވޭ މެޖޯރިޓީ ފުޓްބޯޅަ ކުލަބުތަކުން ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މަހުލޫފް މިހެން ވިދާޅުވީ އެފްއޭއެމްއިން އޭނާއަށް ބޮޑު ތުހުމަތެއްކޮށް ޓްވީޓެއް ކޮށްފައިވަނިކޮށެވެ.
އެފްއޭއެމްގެ ރަސްމީ ޓްވިޓާ އެކައުންޓްގައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެފްއޭއެމްގެ އިންތިހާބީ ލީޑަޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
އެކަން ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު މިނިސްޓަރު މަހުލޫފް ބޭނުން ކުރައްވައިގެން ކުންފުނިތަކުން ކުލަބްތަކަށް ދޭ އެހީ ނުލިބޭނެ ކަމަށް ބުނެ ކުލަބްތަކާ ބައްދަލުކޮށްގެން ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
މިފަދަ މޭރަމަކުން މީގެކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވާހަކަ ދައްކަވާފައިވެ އެވެ. އެންމެފަހުން ބޭއްވި ފުޓްބޯލް އެވޯޑް ހަފުލާގައި ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މަގާމުތަކަށް އަންނަން ބޭނުންވާ ފަރާތްތަކުން ދެ އަހަރު ފަހުން އޮންނަ އިންތިހާބަށް ތައްޔާރުވުމަށް އެދޭ ކަމަށެވެ.
މީގެކުރިން ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ނުލިބުނު ސަބަބު ބަލަން މަހުލޫފް ކޮމިޓީއެއް އެކުލަވައިލުމުން ވެސް މަހުލޫފާއި އެފްއޭއެމްއާ ދެމެދު ކޯޅުންތަކެއް ހިނގި އެވެ.