ވިޔަފާރި

ރަށު ޓޫރިޒަމް މާކެޓުކުރާނެ ގޮތް އެމްއެމްޕީއާރުސީން ކިޔައިދީފި

Jan 26, 2019

ރަށު ޓޫރިޒަމް ސޯޝަލް މީޑިއާ މެދުވެރިކޮށް މާކެޓު ކުރާނެ ގޮތް، ކިޔައިދޭން މާކެޓިން ކުންފުނި އެމްއެމްޕީއާރުސީން ހާއްސަ ސެމިނާއެއް ބާއްވައިފި އެވެ.

ސަރުކާރުގެ މާކެޓިން ކުންފުނި އެމްއެމްޕީއާރުސީން އިން ބުނީ އެ ކުންފުނިން ކުރިއަށް ގެންދިޔަ މި ސެމިނާގެ މަގުސަދަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގެސްޓްހައުސްތައް ޕްރޮމޯޓް ކުރާނެ އެންމެ ރަނގަޅު ގޮތް ކިޔައިދިނުން ކަމަށެވެ.

ގެސްޓްހައުސްތަކަށް ހާއްސަ މި ސެމިނާގައި މައުލޫމާތު ދެއްވާފައިވަނީ ނިއުޒިލޭންޑުގައި ޓޫރިޒަމް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަމުންދާ އިސްމާއިލް ޝަހީރު އެވެ. އޭނާއަކީ ކުރިން އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް (އެމްޓީޕީބީ) ގައި 12 އަހަރު ވަންދަން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމަށްވަޑައިގެން ގެސްޓްހައުސްތަކަށް ދިރުން ގެނެސްދެއްވާނެ ކަމަށް ވަނީ ވައުދުވެޑައިގެންފަ އެވެ. އެގޮތުން ރައީސް ސޯލިހުގެ މެނިފެސްޓޯގައި ރަށް ޓޫރިޒަމް ކުރިއަރުވާނެ ތަފާތު ޕްލޭންތަކެއްވެސް ވަނީ ހިމަނާފަ އެވެ. މި ގޮތުން ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައިގެން ގެސްޓްހައުސް ސިމްޕޯޒިއަމްއެއް ވެސް ވަނީ ބާއްވާފަ އެވެ.