ދިވެހި ސިނަމާ

"ސޯލް" ގެ ޕޯސްޓަރަށް ރާއްޖޭގެ ރީތި ގޮނޑުދޮށް!

ބައިސްކޯފް ޕްރޮޑަކްޝަން ހައުސް އާ ގުޅިގެން އަލީ ސީޒަން އުފައްދާ ފިލްމު "ސޯލް" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މި ކުރު ފިލްމަކީ ރާއްޖޭގެ ރީތި މަންޒަރުތައް ފުރިހަމައަށް ދައްކުވައިދޭ ފިލްމެއް ކަމުން، މި ޕޯސްޓަރުގައި ވެސް ފެންނަނީ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށެވެ. އަދި ފިލްމުގައި ލީޑް ރޯލުން ފެންނާނެ ރާއްޖޭން ބޭރުގެ ދެ ތަރިން ކަމަށްވާ އަމިލާ ކަރުނަޔަކާ އަދި ނިޕުނި ވިލްސަން ވެސް ޕޯސްޓަރުގައި ފެނެ އެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، ފިލްމުގެ ޕްރޮޑިއުސަރު އަލީ ސީޒަން ބުނީ، ފިލްމުގެ ޕޯސްޓަރު ބައިސްކޯފު އެޕްލިކޭޝަންގައި ވެސް މިހާރު ރިލީޒް ކޮށްފައިވާ ކަމަށާއި، ފިލްމުގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒް ކުރާނޭ ކަމަށެވެ. އަދި ރާއްޖޭގެ ރީތި މަންޒަރެއް ޕޯސްޓަރުގައިވެސް ހިމެނި މި ފިލްމަކީ ރާއްޖޭގެ މަންޒަރުތައް ވަރަށް ރީތިކޮށް ދައްކުވައިދޭ ފިލްމަކަށް ވުމުންނެވެ.

މި ފިލްމަކީ ސާކް ފިލްމް ފެސްޓިވަލް އަށް ގެންދިޔުމަށް ބައިސްކޯފާއި ސީޒަން ގުޅިގެން އުފައްދާ ފިލްމެކެވެ. ސާކް ފިލްމް ފެސްޓިވަލްގެ ކުރު ފިލްމް ކެޓަގަރީއިން މި ފިލްމަށް ވަނަ އެއް ލިބޭނެ ކަމާމެދު ފިލްމުގެ ޓީމުން އުުއްމީދު ކުރެ އެވެ.

ފިލްމުގެ ޝޫޓިން މިހާރު ނިންމާލާފައިވާއިރު، ފިލްމުގެ ބޮޑު ބައެއް ނަގާފައިވަނީ އއ. މަތިވެރީގަ އެވެ. އަދި މާލޭގެ އިތުރުން މާލެ އަތޮޅުގެ ބައެއް އެހެން ރަށްތަކުގައި ވެސް ފިލްމުގެ މަންޒަރުތައް ވަނީ ނަގާފަ އެވެ. އެސް ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ 15 މިނެޓުގެ މި ކުރު ފިލްމުގައި ސީޒަން ނުހިމެނުނަސް ރާއްޖެއިން ބޭރު ދެ ތަރިންނާއި، ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ.