ހަބަރު

ޖޭޕީގެ ޓިކެޓް ހޯދަން 97 މީހަކު ހުށަހަޅައިފި

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ، ޖޭޕީގެ ޓިކެޓް ހޯދުމަށް 97 ފަރާތުން ހުށަހަޅާފައިވާ ކަމަށް އެ ޕާޓީއިން ބުނެފި އެވެ.

ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ، ޖޭޕީގެ 125 ވަނަ ކައުންސިލް ބައްދަލުވުމުގައި މަޖިލީހުގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައި، އިއްޔެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އިއްޔެގެ ފުރުސަތު ބަންދުކުރި އިރު 97 މީހަކު ހުށަހަޅާފައިވާ ކަމަށެވެ.

ސޯލިހް ވިދާޅުވީ، ދާއިރާތަކަށް މީހުން ކަނޑައެޅުމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަމަށްޓަކައި އެކުލަވާލި ކޮމިޓީއިން ޓިކެޓަށް ހުށަހެޅި މީހުން ބަލައި، މައުލޫމާތު ސާފުކޮށް، ޗެކްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށެވެ.

"އަދި ކުރިމަތިލީ މީހުންގެ އަދަދު ގިނަވުންވެސް ނުވަތަ މަދުވުންވެސް އެކަށީގެންވޭ، އޮންލައިިންކޮށްވެސް ވަނީ އެކަމަށް ހުށަހެޅުމަށް ހުޅުވާލާފަ،" ސޯލިހް ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވީ، ޖޭޕީއިން ދާއިރާތަކަށް ޓިކެޓް ދިނުމުގައި ވަކި އުސޫލެއް ކަނޑައަޅާފައިނުވާ ކަމަށާއި ކައުންސިލުން އެކަން ވަރަށް އަވަހަށް ނިންމާފައި އިއުލާން ކުރާނެ ކަމަށެވެ.

"ޕާޓީގެ ކައުންސިލުން އަދި ވަކިގޮތެއް ނުނިންމާ، ކިތައް މީހުނަށްތޯ ދޭނީ، ނޫނީ ޕްރައިމަރީ ބާއްވާނަންތޯ، ވަކި އުސޫލެއް ކަނޑައެއްނާޅަ،" ސޯލިހް ވިދާޅުވި އެވެ.

ސޯލިހް އިތުރަށް ވިދާޅުވީ، ޖޭޕީ އިން މަޖިލިސް ހުރިހާ ދާއިރާއަކަށް ކުރިމަތިލުމާމެދު އަދިވެސް ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓް ހޯދަން 97 މީހަކު އެދިފައިވާއިރު، އެމްޑީޕީ އިން ވަނީ މަޖިލިސް އިންތިހާބުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމައި ޕްރައިމަރީވެސް ބާއްވާފަ އެވެ.

އެކަމާ ގުޅިގެން ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކާއެކު މަޖިލިސް އިންތިހާބަށް ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި ގާސިމް ވަނީ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހައްލެއްވެސް ހޯދައިދެވިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ރައީސް ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވިދާޅުވީ، ކޯލިޝަންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކޮންމެ ޕާޓީއަކުންވެސް މަސައްކަތް ކުރަނީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ކުރެވެންހުރި މަސައްކަތް ކަަމަށެވެ. އަދި ވިދާޅުވީ، ބޭނުން ވަނީ ސަރުކާރު މެޖޯރިޓި އޮންނަ މަޖިލީހެއް ކަމަށެވެ.