އދ. ގެ ސެކްރެޓަރީ ޖެނެރަލް އޮންޓޯނިއޯ ގުޓަރޭޒް އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ބައްދަލު ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އދ. ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި އޮންޓޯނިއޯ ގުޓަރޭޒްއާ ބައްދަލު ކުރައްވައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަމުގައި އަޑުއުފުލައި ސެކްރެޓެރީ ޖެނެރަލްގެ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށެވެ.
ދަތުރުފުޅުގައި އދ. ގެ އަންޑަރަ ސެކްރެޓަރީ ޖެނެރަލް އަދި ހައި ރެޕްރެޒެންޓޭޓިވް ފޮ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑް ލޮކްޑް ޑިވެލޮޕިން ކަންޓްރީޒް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ފެކީޓާ ކޭ އުޓޮއިކަމާނޫއާވެސް މިނިސްޓަރު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ މަޝްވަރާތައް ކުރިކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އދ. ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖެންކާއާ އިންޑޮނީޝިއާގެ ހާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއާ ނޯވޭގެ ހާރިޖީ ވަޒީރުގެ ނައިބުއާ މިނިސްޓަރު ބައްދަލުކުރެއްވި ކަމަށެވެ. މީގެ އިތުރުން އިކުއިޓޯރަލް ގިނީގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި މޮރިޝަސްއާ ބްރެޒިލާއި ބެލީޒާއި އިންޑިއާ އަދި ސްރީލަންކާ އިން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ނިއުޔޯކް ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިނިސްޓަރު ޝާހިދު މިއަދު ވަނީ ލަންޑަނަށް ވަޑައިގެންފަ އެވެ.