ހަބަރު

ހުޅުމާލެއިން އަތޮޅު ބިން ދިނުމުގެ ހިޔާލެއް ތިލަކޮށްފި

Jan 26, 2019
11

ލާމަރުކަޒީ ނިޒާމްގެ ގާނޫނު އިސްލާހު ކުރާއިރު، ކޮންމެ އަތޮޅަކަށް ހުޅުމާލެއިން ބިމެއް ލިބޭ ގޮތް ހެދުމަކީ ކުރެވިދާނެ ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ގާނޫނު އިސްލާހު ކުރާއިރު ކޮންމެ އަތޮޅެއްގެ ކައުންސިލަށް ހުޅުމާލެއިން 5000 އަކަ ފޫޓްގެ ބިމެއް ދީ، އެތަނުގައި އިންވެސްޓްކޮށްގެން ލިބޭ މަންފާ މުޅި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ލިބޭ ގޮތް ހަމަޖެއްސުން ރަނގަޅު ކަމަށެވެ. އެއީ ކުރިން މާލޭގައި ހުރި އަތޮޅު ފިހާރައިގެ ބަދަލު ވެސް ލިބިފައިނުވާތީ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު މިހެން ވިދާޅުވިއިރު ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް ހިޔާލު ފޮނުވުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ހުޅުވާލާފަ އެވެ. އެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނާނެ ކަމަށް ބެލެވެ އެވެ.

ލާމަރުކަޒީ ނިޒާމް ހަރަދަނާކޮށް، ރަށަށް އާމްދަނީ ލިބި، ކައުންސިލްތަކަށް ބާރު ލިބޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.