ހަބަރު

ފަރުވާއަށްފަހު އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ފަރުވާ ދިނުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

އަދީބު މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވަނީ ހޭނެތިގެން ފާހަނާ ތެރެއަށް ވެއްޓުމާއި ގުޅިގެނެވެ. އޭނާ މާލެގެނެސް އެޑްމިޓް ކޮށްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެވެ.

އާއިލާއިން ބުނީ، އަދީބަށް ފަރުވާ ދިނުމަށްފަހު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ރޭ 8:45 ގައި ކަމަށެވެ.

އެކަމާ ގުޅިގެން އަދީބުގެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ، އަދީބުގެ ސިއްހީ ފަރުވާގެ ކަންތައްތައް ހިނގަމުން ދަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބޭނުންފުޅުވާ ގޮތަށް ކަމަށާއި މިނިސްޓަރު އިމްރާން ބޭނުންވާ މިންވަރަކަށް ބޭނުންވާ ފަރުވާއެއް ދެއްވުމަށްފަހު ބޭނުންުނުވާ ފަރުވާ ނުދެއްވާ ކަމަށެވެ. އެގޮތުން އަދީބުގެ ސިއްހީ ހާލަތާއި އެކަށީގެންވާ މާހައުލެއް އަދީބަށް ފަހިކޮށްދިނުމުގެ ބަދަލުގައި އަދީބުގެ ކިޑްނީ ސްޓޯންގެ ފަރުވާގެ އެއްބައި ހުއްޓާލީ ކަމަށްވެސް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ، އަދީބު ޖަލު ގޮޅީގެ ފާހާނާތެރެއަށް ވެއްޓި ހާނިކަވެފައި ވަނީ އަދީބުގެ ފަރުވާ ނިމެންދެން އަދީބު ގެންގުޅެން ޖެހޭނީ އާއިލީ އެހީތެރިކަން ލިބޭނެ "ސްޓްރެސް-ފްރީ" މާހައުލެއްގައި ކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައި ވަނިކޮށް ކަމަށެވެ. އަދި
އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި އަދީބުގެ ސިއްހީ ހާލަތާއި ފުރާނައަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބެލުމެއްނެތި، މިނިސްޓަރު އިމްރާން ބޭނުންވާގޮތަކަށް ކުރިއަށް ގެންދާ ކަމަށެވެ. އެކަންކަން ހުއްޓާލުމަށް އާއިލާއިން ވަނީ ގޮވާލާފަ އެވެ.

އަދީބަށް ބޭނުންވާ ފަރުވާ އެއްވެސް ނުފޫޒެއްނެތި، އެންމެ އެކަށީގެންވާ ގޮތެއްގައި ލިބޭނެ ގޮތަކަށް އިންތިޒާމުތައް ފަހިކޮށްދެއްވުމަށް ދައުލަތުގެ ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް އާއިލާއިން ގޮވާލާފައި ވެއެވެ. އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދީބު އިތުރު ބަލިމަޑުކަމެއްގެ ތެރެއަށް ނުދާނެ ގޮތަށާއި އަދީބަށް ބޭސްފަރުވާގެ ހައްގު ކަށަވަރުކޮށްދިނުމަށް ވެސް އާއިލާ އިން ވަނީ ގޮވާލާފަ އެވެ.

އަދީބުގެ މައްސަލަ ބޮޑު ޝަކުވާއަކަށް ބަދަލުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އަދީބާމެދު ކަންކުރާ ގޮތުގައި ގޯހެއް އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.