ރިޕޯޓް

ކޯލިޝަން ޓިކެޓް ދޭނެ ގޮތެއް ބުނެބަލަ؟

މިހާރު މިކިޔާ ބިޔަ ބޮޑު ކޯލިޝަން އެހާމެ ތަފާތު ފިކުރުތަކެއް އެއްވެ އުފެދިގެން ދިޔައީ، ގިނަ ސަބަބުތަކެއް އޮވެގެންނެވެ. އޭގެ އެންމެ މަތީ އޮތް ސަބަބަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އޮތް ހިތްހަމަ ނުޖެހުމާއެކު ހިނގަމުންދިޔަ ގާނޫނާ ހިލާފު ކަންކަން ހުއްޓުވުމެވެ. ކޯލިޝަންގެ ބަހުރުވައިންނަމަ، "އަނިޔާވެރިކަން" ނިންމާލުމެވެ. އޭރު ކޯލިޝަނުން ރައްޔިތުންނަށް ކިޔައިދިނީ އެ ސަރުކާރުގެ ކޮންމެ އަމަލެއް ގޯހެވެ. އެކަމަކު އުފެއްދި ކޯލިޝަންގައި ވެސް މިހާރު އެ ރޫހު އެނބުރެމުންދާ މަންޒަރު އެބަ ފެނެ އެވެ.

ކޯލިޝަންގެ ބާރާއި އެކުވެރިކަން އިތުރުވެގެން ދިޔައީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހަށް ވައްޓާލި ވަރުގަދަ ކޯޓު އަމުރާއެކު އެވެ. އެ އަމުރާއެކު ކޯލިޝަންނަށް އުފާވެރިކަން އައި ނަމަވެސް ދެމި އޮތީ ހިނދުކޮޅަށެވެ. އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އެ އަމުރު ތަންފީޒު ކުރަން އުޅުމުން ބޭރުކޮށްލި އެވެ. އެއަށްފަހު ރައީސް ޔާމީންގެ އަމުރަށް ކިޔަމަންވާނެ ބޭފުޅަކު އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްއަކަށް ހެދި އެވެ. އެއީ އަބްދުﷲ ނަވާޒެވެ. އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ނުކޮށް މަޑު ޖެއްސީ، ނަވާޒުވެސް ބައިވެރިވެގެނެވެ.

އެއަށްފަހު، ކޯލިޝަންގެ ގިނަ ބޭފުޅުންތަކެއް ހައްޔަރުކުރި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިޔާސީ ކަންކަމާއި އެއްވެސް ގުޅުމެއް ނެތް ދަރިކަލުން އިބްރާހިމް ސިޔާދާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވެސް ބަންދުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް ޖަލަށްލި އެވެ. މުއްދަތު ޖެހުމަށް ކޯޓަށް ގެނައުމެއް ނެތެވެ. އާންމުކޮށް ލިބޭ ހައްގުތަކުން މަހުރޫމްކުރި އެވެ. މި އަނިޔާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގިނަ އާންމު މެންބަރުންތަކަކަށް ވެސް ލިބުނެވެ. ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަނެއް ދެ ޕާޓީގެ ވެސް އެތައް މެންބަރުންނެއް ފުލުހުންގެ އެތައް އަނިޔާއެއްގެ ޝިކާރައަކަށްވި އެވެ. އޭރު ވެސް ފުލުހުންގެ ވެރިޔާއަކީ އަބްދުﷲ ނަވާޒެވެ.

އެކަމަކު މިހާރު އެއީ ފުލުހުންގެ ވެރިޔާއެއް ނޫނެވެ. ކޯލިޝަންގެ މެންބަރެކެވެ. ޖުމްހޫރީ ޕާޓީ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމަށް ފައި ނަންގަވައިގެން ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީ އަދިވެސް އޮތީ ކޯލިޝަންގެ ތެރޭގަ އެވެ. ކޯލިޝަންގެ ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖުމްހޫރީ ޕާޓީ ވަކާލާތު ކުރަނީ ވެސް މަޖިލިސް އިންތިހާބަށް ރައީސްއަށް މެޖޯރިޓީ ހޯދައިދިނުމަށް ޕާޓީތައް އެކުގައި މަޖިލީހަށް ވާދަ ކުރުމަށެވެ. ޕާޓީތަކުގެ މެދުގައި ދާއިރާތައް ބަހާލައި، ކޯލިޝަންގެ ޓިކެޓްގެ ނަމުގައި ޓިކެޓް ދިނުމަށެވެ. އެ ކެންޑިޑޭޓުންގެ ފަހަތަށް ރައީސް އަރުއްވައި ކެމްޕެއިން ކޮށް ދެއްވުމަށެވެ. އެކަމަކު، އެއީ ކިހިނެއް ކުރާނެ ކަމެއްކަން ބުނެބަލާށެވެ؟

"ކޯލިޝަންގެ ޓިކެޓް އަބްދުﷲ ނަވާޒަށް ދޭނެ ގޮތެއް ނުވިސްނޭ، ރައީސް ސޯލިހު އޭނާގެ ކެމްޕެއިންއަށް ވަޑައިގެން ދައްކަވާނެ ވާހަކައެއް ވެސް އަޅުގަނޑަކަށް ނުވިސްނޭ، އެގޮތަށް ކެމްޕެއިން ރައީސް ކުރައްވައިފިނަމަ އެއީ ކޯލިޝަން ޕާޓީތަކުގެ އާންމު މެންބަރުންނަށް ކުރައްވާނެ މަލާމާތެއް، އޭގެ ތެރޭގައި ހުދު ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ހިމެނޭ، ވެރިން ހަނދާން ނެތުނަސް އަޅުގަނޑުމެން އެ ދުވަސްތައް އެ ރޭތައް ހަނދާނެއް ނުނެތޭ،" އެކެއް ފެބުރުއަރީގެ އަމުރަށްފަހު އައި ކުއްލި ހާލަތުގެ ދަށުން ކުޑަ ގޮޅިއަށްލީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކު ބުންޏެވެ.

ކުރީ ސަރުކާރުގެ ގޯސް ވާހަކަތައް ދެއްކި އިރު ރައީސް އަބްުދުﷲ ޔާމީނާއެކު ތިއްބެވި އެތައް ބަޔަކު ވެސް މިހާރު ތިބީ ކޯލިޝަންގެ ތެރޭގަ އެވެ. އޭގެ ގިނަ ބޭފުޅުން މަސައްކަތް ކުރައްވަމުން ދަނީ ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓަށެވެ. ބައެއް ބޭފުޅުން ކެމްޕެއިން ވެސް ފައްޓަވައިފި އެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރައީސް ޔާމީންގެ ދިފާއުގައި ސަނާ ކިޔުއްވަމުން ގެންދެވި އޭރުގެ މިނިސްޓަރު އިރުތިޝާމް އާދަމަކީ އޭގެ އެއް މިސާލެކެވެ.

އެފަދަ ބޭފުޅުންނަށް ކޯލިޝަންގެ ޓިކެޓް ލިބިއްޖެނަމަ، އެއީ މިދިއަ ދުވަސްތަކުގެ ތެރޭގައި އެތައް ގުރުބާނީއެއްވީ މީހުންނަށް ބޭއިންސާފެއް ނޫން ހެއްޔެވެ؟

"އަޅުގަނޑުމެން މަގުމަތީ މިހެން އުޅޭތާ ހަތް އަހަރު، ޖުމްހޫރީ ޕާޓީގެ އިހްލާސްތެރި މެންބަރުން އެހެން އުޅޭތާ ތިން އަހަރުވީ، ވެރިންގެ ދިފާއުގައި ނިކަމެތިވެ އަނިޔާތައް ލިބުނީ އަޅުގަނޑުމެންނަށް، އެކަމަކު އިސްކަން މި ދެނީ އިއްޔެ ފުއްމާލާ ބޭފުޅާއަށް، އިހްލާސްތެރި މީހުން މިއޮތީ ބާކީވެފަ، އެހެންވެ ގަބޫލެއް ނުކުރެވޭ، ކޯލިޝަންގެ ތެރެއިން މަޖިލީހަށް ވާދަ ނުކުރެވޭނެ މިއީ އެއް ސަބަބު،" ގައުމީ މަޖިލިސް މެންބަރު ވިދާޅުވި އެވެ.

އިރުތިޝާމްގެ އިތުރުން މި ލިސްޓްގައި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީނާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހީމް ވެސް ހިމެނެ އެވެ.

އިސްދޫ ދާއިރާ މެންބަރުގެ ސަބަބުން ކޯލިޝަންގެ މުހިންމު ޕާޓްނަރެއް ކަމަށްވާ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނަށް ބޭއިންސާފު އެތައް އަނިޔާއެއް، އެތައް ދުވަހެއް ޖަލުގައި ހޭދަކުރަން ޖެހުނެވެ. އެކަމަކު، ކޯލިޝަން ޓިކެޓްދީ، އެމީހުންނަށް ކެމްޕެއިންކޮށް ދޭންވީ ހެއްޔެވެ؟

މަޖިލިސް އިންތިހާބާ ހަމައަށް ދިޔައިރު ކޯލިޝަންގެ ތެރޭގައި ކުރަކި ކަމެއް ވަނީ އައިސްފަ އެވެ. އޭގެ ސަބަބަކީ އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމުންކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އޭގެ ސަބަބުން އެ ޕާޓީއަށް ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ. އެކަމަކު، ޖުމްހޫރީ ޕާޓީއަށް ހިފެހެއްޓުމެއް ނެތި ގުޅުމެންދާ ކޯލިޝަންގެ "ދުޝްމަނުން"ގެ ސަބަބުން ކޯލިޝަން ތެރެއަށް އަންނަ ނުތަނަވަސްކަން ބޮޑު ކަމަށް އެމްޑީޕީ މެންބަރުން ދެކެ އެވެ.

"ހަމައެކަނި އެމްޑީޕީ މެންބަރުންނެއް ނޫން، އެމްޑީޕީ މެންބަރުން ޔަގީން، ޖުމްހޫރީ ޕާޓީއަށް އެ ގުޅޭ މީހުން ބަލައިގަންނަން އުނދަގޫ، އެއީ ކޯލިޝަންގެ މީހުނެކޭ ނުބުނެވޭނެ، ހަމަ އެ ވިސްނުން ޖުމްހޫރީ ޕާޓީއަށް ހެޔޮ ހިދުމަތްތަކެއްކޮށްދިން އާންމު މެންބަރުންގެ ވެސް އެބަ ހުރި، މަޖިލީހަށް ޝައުގުވެރިވާ މީހުން ވެސް އެބަ ތިބި، އެކަމަކު ބޭފުޅުން ޕާޓީގެ ތެރޭގައި ގިނަވީމަ އެ މީހުންނަށް ދަނީ ފުރުސަތު ގެއްލެމުން،" ކުރިން ވެސް ވާހަކަ ދެއްކި އެމްޑީޕީގެ މެންބަރު ކިޔައިދިނެވެ.

ކޯލިޝަން އެކުގައި ނުކުތުމަކީ އެންމެ ބުއްދުވެރި އަދިި ނަތީޖާ ރަނގަޅުވާނެ ގޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގަބޫލުފުޅު ކުރައްވަ އެވެ. ނަމަވެސް ކޯލިޝަންގެ ނަމުގައި ޓިކެޓް ބަހާލަން ނިންމިޔަސް މިފަދަ ގޮތަކަށް ޓިކެޓްތައް ދޫވެގެންދާނަމަ، އެއީ ކޯލިޝަނަށް އެންމެ ރަނގަޅު ގޮތަށް ނުވުން ވަރަށް ގާތެވެ. އެމްޑީޕީއިން ވަކި މަޖިލީހަށް ވާދަކުރުމުގެ އަޒުމުގައި ތިބިއިރު، މިފަދަ ބޭބޭފުޅުންނަށް ކޯލިޝަން ޓިކެޓް ދޭނެ ގޮތެއް އެހެން ޕާޓީތަކުން ބުނަން ޖެހެ އެވެ.