ކުޅިވަރު

ނިއު ސަސްޕެންޑް ކުރުމުން މަހުލޫފްގެ ނުރުހުން އެފްއޭއެމްއަށް

Jan 26, 2019

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލާގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ސަސްޕެންޑްކުރި މައްސަލާގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ފާޑުވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އެ ނިންމުން އެގޮތަށް އައިސްފައި މިވަނީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ކުލަބްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނިކޮށެވެ.

ބައެއް ކުލަބްތަކުން އެފްއޭއެމްގެ ލީޑަޝިޕް ބަދަލު ކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ސޮއި ކުރަމުން ދަނީ ފާއިތުވި ދެ އަހަރު އެފްއޭއެމްގެ ސިޔާސީ ހަރަކާތް ހިންގާ ދިވެހި ފުޓްބޯޅައަށް ގެއްލުންވާ އެތައް ކަމެއްކޮށް އަދި އެފްއޭއެމްގެ އަސާސީ ގަވައިދާ ހިލާފަށް ކަން ކޮށްފައިވާތީ ކަމަށް ބުނެ އެވެ.

ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމާއެކު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިއު ރޭޑިއަންޓަކީ އެފްއޭއެމްގަ ހުރި މައްސަލަތައް ފާހަގަކޮށް އެކްސްޓްރާ އޯޑިނަރީއެއް ބާއްވަން ލީޑްކުރި ކުލަބު ކަމަށެވެ.

އެފްއޭއެމްއިން މިހާރު އަމަލު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މެންބަރުން ސޮއި ކުރެއްވުމުން މެންބަރުންގެ ގޮނޑި ގެއްލުވާލި ހުތުރު އުސޫލުން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް ޖަލީލުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ކޮންގްރެސް ބޭއްވުމަށް ފުރަތަމަ ޑިވިޒަންގެ ފަސް ޓީމް ހިމެނޭ ގޮތަށް 15 ކުލަބަކުން ވަނީ ސޮއިކޮށްފަ އެވެ. އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭނީ 12 ކުލަބެއްގެ ސޮޔާއެކު އެވެ.

އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ނިއު ރޭޑިއަންޓްގެ 10 ކުޅުންތެރިއެއްގެ މުސާރައަށްވާ 3.8 މިލިއަން ރުފިޔާ ދެއްކުމަށް ތަކުރާރުކޮށް އަންގައި، އެކި މުހުލަތުތައް ދިނުމުން ވެސް އެކަން ކޮށްފައިނުވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުން މިއަދާ ހަމައަށް ކުޅުންތެރިންނަށް ނުދޭ މުސާރަ އެވެ.

އެ ފައިސާ ކުޅުންތެރިންނަށް ދެއްކުމަށްފަހު ނޫނީ އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ނިއު ރޭޑިއަންޓަށް ބައިވެރިނުވެވޭނެ ކަމަށް ވަނީ އަންގާފަ އެވެ. މީގެއިތުރުން އެ ކުލަބަށް އިތުރު ފިޔަވަޅެއް އަޅަން ޖެހޭތޯ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ވެސް މައްސަލަ މިހާރު ވަނީ ހުށަހަޅާފަ އެވެ.

އެފްއޭއެމްއިން އިއްޔެ ވަނީ މަހުލޫފަށް ބޮޑު ތުހުމަތެއް ވެސް ކޮށްފަ އެވެ. އެފްއޭއެމްގެ ރަސްމީ ޓްވިޓާ އެކައުންޓްގައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެފްއޭއެމްގެ އިންތިހާބީ ލީޑަޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އެކަން ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު މިނިސްޓަރު މަހުލޫފް ބޭނުން ކުރައްވައިގެން ކުންފުނިތަކުން ކުލަބްތަކަށް ދޭ އެހީ ނުލިބޭނެ ކަމަށް ބުނެ ކުލަބްތަކާ ބައްދަލުކޮށްގެން ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

މިފަދަ މޭރަމަކުން މީގެކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވާހަކަ ދައްކަވާފައިވެ އެވެ. އެންމެފަހުން ބޭއްވި ފުޓްބޯލް އެވޯޑް ހަފުލާގައި ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މަގާމުތަކަށް އަންނަން ބޭނުންވާ ފަރާތްތަކުން ދެ އަހަރު ފަހުން އޮންނަ އިންތިހާބަށް ތައްޔާރުވުމަށް އެދޭ ކަމަށެވެ.

މީގެކުރިން ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ނުލިބުނު ސަބަބު ބަލަން މަހުލޫފް ކޮމިޓީއެއް އެކުލަވައިލުމުން ވެސް މަހުލޫފާއި އެފްއޭއެމްއާ ދެމެދު ކޯޅުންތަކެއް ހިނގި އެވެ.