ކުޅިވަރު

ސަސްޕެންޑް ކުރީ އެފްއޭއެމް ބަދަލުކުރަން އުޅޭތީ: ނިއު

އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ސަސްޕެންޑްކުރީ ފުޓްބޯލް އެއެސޯސިއޭޝަންގެ ކޮންގްރެސް އެއް ބާއްވަން ނިއު އިން އިސްވެ އޮވެ ހަރަކާތްތެރިވަމުންދާތީ ކަމަށް އެކުލަމުން ތުހުމަތުކޮށްފި އެވެ.

އެފްއޭއެމުން ނިއު ސަސްޕެންޑް ކޮށްފައިވަނީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލާގައި އެވެ. ނިއު ސަސްޕެންޑް ކޮށްފައިވަނީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ކުލަބްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ނިއު އިން ނެރުނު ބަޔާނެއްގައިވަނީ، ހުރިހާ ދިވެހި ފުޓުބޯޅަ ކުލަބުތަކެއް ފަދައިން އެކުލަބްވެސް މިވަގުތުވަނީ މާލީ ދަތިކަމެއްގެ ތެރޭގައި ކަމަށެވެ. އެފްއޭއެމްގެ ޕްލޭޔާސް ސްޓޭޓަސް ކޮމެޓީއަށް 23 ޖެނުއަރީގައި އެކުލަބުން ހާޒިރުވުމުން އެކޮމެޓީން އެދިފައިވަނީ ކުޅުންތެރިންގެ މުސާރަ ނިންމުމަށް ކުލަބުން ޕްލޭން ކޮށްފައިވާ ގޮތާއި އޭގެ ތަފްސީލް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި އެފްއޭއެމްށް ލިއުމަކުން އެންގުމަށް ކަމަށްވެސް ބަޔާނުގައި ވެއެވެ.

"އެދުވަހުގެ ބައްދަލުވުމުގައި ކޮމެޓީގެ އޮފިސަލުންވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޒަނުގެ ދެ ކުލަބެއްފިޔަވައި އެހެން ހުރިހާ ކުލަބަކުން ވެސް މުސާރަ ނުދިނުމުގެ މައްސަލަ އެކޮމެޓީ އަށް ހުށައެޅިފާވައި ކަމަށާއި އަދި އޭގެ ތެރޭގާ މިކުލަބަށްވުރެ މުސާރާގަ މައްސަލަ ގިނަދުވަސްވީ ކުލަބުތަކާ އަދި ގިނަ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހުރި ކުލަބުތައްވެސް ހިމެނޭކަމަށް ފާހަގަ ކޮއްފަ،" ބަޔާނުގައި ވެއެވެ.

ނިއު އިން ބުނީ، ކުޅުންތެރިންނަށް ނުދެވިވާ މުސާރަ ދިނުމަށް އެކުލަބުން ކުރަމުންދާ މަސައްކަތް ކޮމެޓީ އާއި އެދުވަހުގެ ބައްދަލުވުމުގައި ހިއްސާކުރުމުން ކޮމެޓީން އެކަމަށް ތަޢުރީފް ކޮށްފައިވާ ކަމަށެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ފުޓުބޯޅަ އެސޯސިއޭޝަނުން އެކުލަބަށް ދޭންޖެހޭ ފައިސާ މިއަދާހަމައަށްވެސް ލިބިފައިނުވާ ކަަމަށްވެސް އެކުލަބުން ބުންޏެވެ.

"އެއްވެސް އިންޒާރު ދިނުމެއްނެތި އެފްއޭއެމްގެ ފަރާތުން ނިންމި ހަރުކަށި، ތާކުން ތާކު ނުޖެހޭ ނިންމުމަކީ މިކުލަބުން ބަލައިގަންނަ ނިންމުމެއްނޫން، ދިވެހި ފުޓުބޯޅަ އަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށްވެސް އެނގި ވަޑާގަންނަވާނޭ ފަދައިން މިއަދު ފުޓްބޯޅަ އެސޯސިއޭޝަނުން އަމަލު ކުރަމުންދާ ގޮތުން ދިވެހި ފުޓުބޯޅަ އަށް ލިބެމުންދާ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކުގެ ސަބަބުން މިކުލަބުން އިސްވެ އޮވެ ފުރަތަމަ ޑިގްޒަނުގެ އެންމެ ކުލަބެއްފިޔަވައި އެހެން ހުރިހާ ކުލަބަކާއި ދެވަނަ އަދި ތިންވަނަ ޑިވިޒަނުގެ ގިނަ ކުލަބު ތަކެއް ހިމެނޭގޮތަށް ފުޓުބޯޅަ އެސޯސިއޭޝަނުގެ ކޮންގްރެސްއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާތީ އެޅި ޒާތީ ފިޔަވަޅެއް،" ބަޔާނުގައި ވެއެވެ.

ނިއު ސަސްޕެންޑް ކުރުމާއި ގުޅިގެން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، ނިއު ރޭޑިއަންޓަކީ އެފްއޭއެމްގަ ހުރި މައްސަލަތައް ފާހަގަކޮށް އެކްސްޓްރާ އޯޑިނަރީއެއް ބާއްވަން ލީޑްކުރި ކުލަބު ކަމަށެވެ.

އެފްއޭއެމްއިން މިހާރު އަމަލު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މެންބަރުން ސޮއި ކުރެއްވުމުން މެންބަރުންގެ ގޮނޑި ގެއްލުވާލި ހުތުރު އުސޫލުން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް ޖަލީލުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ކޮންގްރެސް ބޭއްވުމަށް ފުރަތަމަ ޑިވިޒަންގެ ފަސް ޓީމް ހިމެނޭ ގޮތަށް 15 ކުލަބަކުން ވަނީ ސޮއިކޮށްފަ އެވެ. އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވޭނީ 12 ކުލަބެއްގެ ސޮޔާއެކު އެވެ.

އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ނިއު ރޭޑިއަންޓްގެ 10 ކުޅުންތެރިއެއްގެ މުސާރައަށްވާ 3.8 މިލިއަން ރުފިޔާ ދެއްކުމަށް ތަކުރާރުކޮށް އަންގައި، އެކި މުހުލަތުތައް ދިނުމުން ވެސް އެކަން ކޮށްފައިނުވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުން މިއަދާ ހަމައަށް ކުޅުންތެރިންނަށް ނުދޭ މުސާރަ އެވެ.

އެ ފައިސާ ކުޅުންތެރިންނަށް ދެއްކުމަށްފަހު ނޫނީ އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ނިއު ރޭޑިއަންޓަށް ބައިވެރިނުވެވޭނެ ކަމަށް ވަނީ އަންގާފަ އެވެ. މީގެއިތުރުން އެ ކުލަބަށް އިތުރު ފިޔަވަޅެއް އަޅަން ޖެހޭތޯ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ވެސް މައްސަލަ މިހާރު ވަނީ ހުށަހަޅާފަ އެވެ.