އެފްއޭއެމް

ހާލަތުން އަރައިގަންނަން ނިއުއަށް އެހީވާނަން: ބައްސާމް

ނިއު ރޭޑިއަންޓާ ދެކޮޅަށް އަޅާފައިވާ ސަސްޕެންޝަން ފިޔަވަޅުން އަރައިގަންނަން އެފްއޭއެމުން، އެ ކުލަބަށް އެހީވާނެ ކަމަށް އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ، ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމަށް، އެފްއޭއެމްގެ ޕްލޭއާ ސްޓްޓަސް ކޮމިޓީން ނިންމީ، ކުޅުންތެރިންނަށް މުސާރައިގެ މައްސަލަ ދިމާވެފައި ވާއިރުވެސް އެކަންކަން ހައްލުކޮށް ނުދީއޮތް ނަމަވެސް އެ ޓީމަށް ކުރިމަތިވާ ގެއްލުމެއް ނެތިފައި ހުރިހާ ގެއްލުމެއް ކުޅުންތެރިންނަށް ކުރިމަތިވާތީ ކަމަށެވެ.

"ފިއާ އެއް ނެތް ނިއު ރޭޑިއަންޓަކަށް، އެއް ދުވަހު ކޮމިޓީގައި އައިސް ބުނެދާނެ ފައިސާއެއް ނެތޭ ދެވޭކަށް، ދެން ކޮބައިތޯ މީގެ ހައްލަކީ،" ސުވާލު އުފައްދައި ބައްސާމް ވިދާޅުވި އެވެ. "އެހެންވީމަ މިކަންކަން [މުސާރަ ނުދިނުމުގެ މައްސަލަތައް] އޮންނައިރުވެސް ކުޅުންތެރިން ހޯދުމުގެ މަސައްކަތްވެސް ކުރަމުން ދިޔަ، ނިއު ރޭޑިއަންޓަކަށްވެސް ނެތް މިއިން ކަމާކާ ގުޅިގެން ގެއްލުންވާނެ ގޮތެއް، ކުޅުންތެރިންނަށް ގެއްލުން ވަނީ، އަޅުގަނޑުމެން މެންޑޭޓެއް ކުޅުންތެރިން ޕްރޮޓެކްޓް ކޮށްދިނުމަކީ،"

އޭނާ ވިދާޅުވީ، މިއަދުވެސް ނިއު ރޭޑިއަންޓުން ކުޅުންތެރިންނަށް މުސާރަ ދީފިނަމަ ސަސްޕެންޝަން އުވިގެން ދާނެ ކަމަށެވެ. އަދި މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިން އަނބުރާ އެ މައްސަލަ ގެންގޮސި ނަމަވެސް ސަސްޕެންޝަން އުވިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކަށްވީ އެ ކުލަބަށް އިތުރު ކަންތައްތައް ކުރެވެން ވާނީ ނިމުނު ކުޅުންތެރިންގެ މައްސަލަ ހައްލު ކުރުމަށް ފަހުގައި ކަމަށް،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، މުސާރައިގެ މައްސަލައިގައި ބައެއް އެހެން ކުލަބުތަކުންވެސް ހުށަހަޅާފައިވާ މައްސަލަތައް ބަލައި ނިމި ހައްލު ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން ކުލަބު ގްރީން ސްޓްރީޓާ ދެކޮޅަށް ހުށަހެޅި މުސާރައިގެ މައްސަލައާ ގުޅިގެން އެ ކުލަބުތަކުން އެކަންކަން އެ ކުލަބުން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

މުސާރައިގެ މައްސަލަ ވިކްޓަރީއަށް ދިމާވުމުން، އެ ކުލަބުން ލޯނަކަށް އެދުމުން އެފްއޭއެމުން ވަނީ ވިކްޓަރީއަށް ލޯނެއް ދީފަ އެވެ. ބައްސާމް ވިދާޅުވީ ނިއު ރޭޑިއަންޓަށްވެސް އެ ފުރުސަތު އެބައޮތް ކަމަށާއި އެ ކުލަބުން އެކަމަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެފްއޭއެމްގެ މާލީ ފުއްދުންތެރިކަން ހުރި މިންވަރަކުން އަޅުގަނޑުމެން އެހީވާނަން، މިހާރު ނިއު ރޭޑިއަންޓުން އެބައޮތް (އެހީއަކަށް އެދި) އައިއްސަ، އިރާދަކުރެއްވިއްޔާ ކޮންގްރެސްއިން ބަޖެޓް ފާސްވުމަށް ފަހު ނިއު ރޭޑިއަންޓާއެކު މި މަޝްވަރާތައް އިރާދަ ކުރެއްވިއްޔާ ކުރެވިގެން ދާނެ."

ނިއު ރޭޑިއަންޓަށް، އެފްއޭއެމުން ދޭން ޖެހޭ އިނާމު ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް އެ ކުލަބުން ވަނީ ކޮށްފަ އެވެ. ބައްސާމް ވިދާޅުވީ މިދިޔަ ސީޒަންގެ އިނާމު ފައިސާ ފިޔަވައި އެހެން އަހަރުތަކުގެ ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

މިދިޔަ ސީޒަންގެ ފައިސާ ހިފަހައްޓާފައި ވަނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ، ކުޅުންތެރިންގެ ފަރާތުން ހުށަހެޅުމުން އެކަންކަން ބަލައި ނިމެންދެން ކަމަށެވެ.

"ސިޒަނެއް ނިމޭއިރުގައި އެ ސީޒަނެއްގެ ކުޅުންތެރިންނަށް އެބަލިބޭ ސީޒަން ނިންމާފައި 30 ދުވަސްތެރޭ މުސާރައިގެ މައްސަލަ އުޅެންޏާ އެފްއޭއެމްއަށް އެ ޝަކުވާ ކުރުމަށްޓަކައި، ދެން އައުމަށް ފަހު ކޮންމެ ކުލަބަކަށް އެ ކުލަބަކަށް ދޭން އޮންނަ އިނާމު ފައިސާ އަޅުގަނޑުމެން ހިފަހައްޓާނެ،" ބައްސާމް ވިދާޅުވީ އެވެ.

"އޭގެ ބޭނުމަކަށް މިވަނީ ޕްލޭއާ ސްޓޭޓަސް ކޮމިޓީން މުސާރައިގެ ކަންކަން ވަކިކޮޅެއްގައި ހަމަޖެހެންދެން އިނާމު ފައިސާ ހިފަހައްޓަންޖެހޭ، ދެން މިދިޔަ ތިން އަހަރުގައި ނިއު ރޭޑިއަންޓަށް ދޭން ޖެހޭ އިނާމު ފައިސާ ވަނީ ކުޅުންތެރިންނަށް ދެވިފައި، މިދޔަ އަހަރުގެ ފައިސާ ފިޔަވައި އިތުރު ފައިސާއެއް ދޭކަށް ނޯންނާނެ."

އޭނާ ވިދާޅުވީ ނިއު އިން މުސާރަ ނުދޭ، ދިވެހި 10 ކުޅުންތެރިން މައްސަލަ އާއި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތައްވެސް އެބަހުރި ކަމަށާއި މިދިޔަ އަހަރުގެ އިނާމު ފައިސާ ހިފަހައްޓާފައި ވަނީ ޕްލޭއާ ސްޓޭޓަސް ކޮމިޓީގެ އެންގުމަކަށް ކުޅުންތެރިންގެ މައްސަލައިގައި ވަކިގޮތެއް ނިމެންދެން ކަމަށެވެ.