އެކި މީހުން ދުވަން ދަނީ އެކި ސަބަބުތަކަށްޓަކަ އެވެ. ބައެއް މީހުން ބަރުދަން ލުއި ކުރުމަށާއި ރީތި ބައްޓަމެއްގައި ހުރުމަށެވެ. އަނެއް ބައިމީހުން ފިޓުވާށެވެ. އަނެއް ބަޔަކު ސްޓްރެސް ފިލުވާލައި ސިކުނޑި ތާޒާ ކުރުމުގެ ބޭނުމުގަ އެވެ. އަދި ބައެއް މީހުން ބިޓު ކަޓައިގެން ހިތްދަތިކަން ފިލުވައިލަން ވެސް ދުވުން ހިޔާރު ކުރެ އެވެ.
ދުވަން ދިއުމަކީ ނޫނީ ދުވުމަކީ ދިވެހިންގެ މެދުގައި ކުރިން މާ އާއްމުކަމެއް ނޫނަސް މިހާރު ވަރަށް ގިނަ މީހުނަށް އެއީ ވަރަށް ސަޅި ކަމެކެވެ. ފަތިހާއި އިރުއޮއްސޭ ވަގުތު މާލޭގައި މަގުތަކުގައި ދުވަން ދާ މީހުން ގިނަ އެވެ. އެކި އެކި ގުރޫޕުތަކާއެކުގަ އާއި އެކަނި ދާ މީހުންވެސް ފެނެ އެވެ. ފަތިހު ފަތިހާ ދުވަން ދާ މިހުންވެސް ވަނީ އިތުރުވެފަ އެވެ.
ކުރިން ފަތިހު ހިނގާލަން ދިއަސް ގިނައިން ފެންނާނީ އުމުރުން ދޮށީ މީހުން ހިނގާލާން ގޮސް އުޅޭ މަންޒަރެވެ. ނަމަވެސް، މިހާރު ގިނަ އަދަދެއްގެ ޒުވާނުން ޖޯޝާއި ފޯރީގައި ދުވަންދެ އެވެ. އަދި ހުކުރު ދުވަހެއް ވެއްޖިޔާ މާ ގިނައެވެ. މި ޒުވާނުން ދުވަސް ފަށަނީ ދުވުމަކުންނެވެ. އޮފީހަށް ދިއުމުގެ ކުރިން މާލެ ވަށައި ދުވެލާ ބުރެއް އަޅައިލަނީ އެވެ. ފަތިހު ނުދެވިއްޖެޔާ އިރުއޮއްސޭ ވަގުތު ކޮންމެހެން ވެސް ދުވެލަން ވެއެވެ.
ދުވުމަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. ގަވާއިދުން ދުވުމަކީ ހަށިގަނޑުގެ އެތައް ކެލޮރީ އެއް ބާން ވުމުގެ އިތުރުން މީހާގެ އެންޑިއުރެންސް ބިލްޑް ކޮށްދޭ ކަމަކެވެ. ދުވަން ދާން ފަށާކަށް މާ ގިނަ އެއްޗެއް ހޯދާކަށް ނުޖެހެ އެވ. އަދި އަމިއްލަ ޝެޑިއުލްއެއްގައި ބޭނުން އިރަކު ގޮސް ދުވެވިދާނެތީ ގިނަ މީހުން ކަސްރަތެއްގެ ގޮތުގައި ހިޔާރުކުރަނީ ވެސް މިކަމެވެ. ދުވަންދާން ފަށާނަމަ، ވިސްނަންޖެހޭ ބައެއް ކަންކަން ހުރެ އެވެ.
ރަނގަޅު ފެންވަރުގެ ބޫޓަކަށް އިންވެސްޓް ކުރުން
ދުވަންދާން ފެށުމުގެ ކުރިން ރަނގަޅު ބޫޓަކަށް އިންވެސްޓްކުރަންވީ އެވެ. ރަނގަޅު ބޫޓެއް ހޯދަންވާ އެއް ސަބަބަކީ މާ ގިނަ ދުވެސްވެފައި ހުރި ބާ ބޫޓެއްގައި ދުވާނަމަ އެކި އެކި ތަދުތައްވުން ކައިރި އެވެ. އަދި ދުވާއިރު އަނިޔާ ވުމުން ރައްކާތެރިވުމުގެ ގޮތުންނެވެ. ރަނގަޅު ބޫޓެއް ހޯދުމުގައި ވަކި މީހަކު އަރާކަހަލަ ނުވަތަ ވަކި ބްރޭންޑެއްގެ ބޫޓެއް ހޯދުމަށްވުރެ ބޮޑަށް ބަލަންވީ ވީހާވެސް ފަޔަށް ފަސޭހަ ބޫޓެއް ގަތުމަށެވެ.
ހާއްސަކޮށް ޕޭވްމަންޓް ނުވަތަ މަގުމަތީގައި ދުވާނަމަ ކުޝަނިން ހުންނަ ބޫޓެއް އިހްތިޔާރު ކުރުން މުހިއްމެވެ. އެއީ ހަރު ތަނެއްގައި ތަކުރާރުކޮށް ފިޔަވަޅު އަޅާނަމަ ފަޔަށް ލިބިދާނެ އަނިޔާއަކަށް ރައްކާތެރިވުމުގެ ބޭނުމުގަ އެވެ. އަދި ހޯދާ ބޫޓަކީ ރަނަގަޅު ފިޓެއް ކަމުގައިވެސް ވާންޖެހެ އެވެ.
ރަނގަޅު ރަނިން ގިއަރަށް އިންވެސްޓްކުރުން
ދުވާއިރު ދިމާވާ އަނެއް ކަމަކީ ގައިގައި ހެދުން ޖެހުމުގެ ސަބަބުން ހަންގަނޑު މަށައިގެން ދިއުމުންނާއި ކަނޑައިގެން ދިއުމެވެ. މިއީ ހޫނުގަދަވުމާއެކު، ރަނގަޅަށް ފިޓް ނޫން، ހެޔޮވަރު ނޫން ހެދުމުގެ ސަބަބުން ވެސް މެދުވެރިވާ ކަމެކެވެ. ފިރިހެނުންނާއި އަންހެނުންނަށް ވެސް މި ކަން ދިމާވާއިރު ދުވަން ދާން ފަށާނަމަ ރަނގަޅަށް ގަޔަށް ހެޔޮވަރު ލައިޓް ވެއިޓް އަދި ޑްރައިފިޓް ޓީޝާޓާއި ޓައިޓް އަދި ސޯޓަށް އިންވެސްޓް ކުރުން ވެސް ރަނގަޅެވެ.
އަންހެނުން ރަނގަޅު ސްޕޯޓްސް ބްރާއަކަށް އިންވެސްޓް ކުރުމެވެ. ރަނގަޅު ސްޕޯޓްސް ބްރާގެ ސަބަބުން ވެސް ހަންގަނޑު މަށައިގެން ދިއުމާއި، އިތުރު ސަޕޯޓް ދިނުމާއި، ދާ ހިފެހެއްޓުމުގެ އިތުރުން ވެންޓިލޭޓްވެސް ކޮށްދެ އެވެ. ދުވަން ދާން އާ ހެދުންތަކެއް ހޯދުމަކީ ދުވުމަށް ލޯބިޖައްސާ މޯޓިވޭޝަން އިތުރުވާ ކަމެކެވެ.
ރަނގަޅަށް ހައިޑްރޭޓް ކުރުން
މިއީ ގިނަ ފަހަރަށް އަލަށް ދުވަން ފަށާ މީހުން ވަރަށް ސަމާލުވާ ކަމެކެވެ. އެހެން ނަމަވެސް ހައިޑްރޭޓް ކުރުމުގައި ވިސްނަންވީ ދުވާއިރު ކަރުހިއްކާނަމަ ފެން ބުއިމަށެވެ. އަދި ދުވާއިރު ފެން ފުޅިއެއް ހިފައިގެންވެސް ދުވިދާނެ އެވެ. ހައިޑްރޭޓް ކުރުމަށް ހަމަ އެންމެ ރަނގަޅީ ފެނެވެ. ދުވާއިރު ހަށިގަނޑުން ކޮންމެވެސް ވަރަކަށް ސޯޑިއަމް ފަދަ އިލެކްޓްރޯލައިޓްސްތަކެއް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. "ސްޕޯޓްސް ޑްރިންކް" ތަކަކީ މިގޮތަށް ގެއްލޭ އިލެކްޓޮރޮލައިޓްސް އަލުން ހަށިގަނޑަށް ފޯރުކޮށްދޭ ކަމަށް ބުނާ ތަފާތު ވައްތަރު ވައްތަރު ޑްރިންކްތަކެވެ.
އެހެންނަމަވެސް، ތަޖުރިބާކާރުން ބުނާގޮތުގައި ދުވުމުގައި ހޭދަވާ ވަގުތަކީ ހައިޑްރޭޓް ކުރަން ބޯންވީ ސްޕޯޓް ޑްރިންކްތޯ ނުވަތަ ފެންތޯ ކަނޑައަޅާދޭނެ ކަމެކެވެ. އެގޮތުން، އެއްގަޑިއިރަށް ވުރެ މަދުން ދުވާނަމަ ހައިޑްރޭޓް ކުރަންވީ ހަމަ ފެނުންނެވެ. އަދި އެއް ގަޑި އިރަށްވުރެ ގިނަވަގުތު ދުވުމުގައި ހޭދަ ކޮށްފިނަމަ ހަށިގަނޑުން ގެއްލޭ ނިއުޓިރިއެންޓްސް ހޯދުމުގެ ގޮތުންނާއި ހަކަތަ ޖެއްސުމަށް މި ފަދަ ބުއިމެއް ހިޔާރުކުރިޔަސް މައްސަލައެއް ނެތެވެ.
މި ފަދަ ބުއިންތަކަކީވެސް އޭގައި ހަކުރު އެކުލެވިގެންވާ އެއްޗެއްކަމަށްވުމާއި އަދި ދުވާ ކޮންމެ ފަހަރަކު ބޯން ގަތުމަށް ހަރަދު ބޮޑު އެއްޗަކަށް ވެދާނެތީ ތަޖުރިބާކާރުން ލަފާ ދެނީ ހަމަ ފެނުން ހައިޑްރޭޓް ކުރުމަށެވެ. އެލީޓު އެތްލީޓުންނާއި ގިނަ ވަގުތު ކަސްރަތުކުރާ މީހުންނަށް މި ބުއިން އެކަށީގެންވި އަސް އާއްމުކޮށް ދުވެލަން ގޮސް މެދުމިނެއްގައި ގަޑިއެއްހާއިރު ދުވާ މީހުންނަށް ރަނގަޅީ ހަމަ ފެނެވެ.
ދުވުމަކީ ވަރަށް ގިނަ މީހުން ގަޔާވާ ކަމެކެވެ. އަދި ދުވެލައިގެން އެއްބުރުން މީހާގެ މޫޑު ރަނގަޅުވާ ކަމަކެވެ. ދުވަން ދާން ފަށާނަމަ ވިސްނަންވީ ކުރާ ކޮންމެ އާ ކަމެއް އާދައަކަށް ހެދުމަށް އުނދަގޫވެދާނެ ކަމެކެވެ. އެހެން ނަމަވެސް މި ރަނގަޅު އާދަ ހަރުލައިފިނަމަ މީގެ ސަބަބުން ހަށިގަނޑަށް އެތަށް ފައިދާއެއް ލިބޭނެ އެވެ.