ވިޔަފާރި

މިދިޔަ އަހަރު ގްރީން ޓެކުހުން ލިބުނު އާމްދަނީ 16 ޕަސެންޓް އިތުރުވެއްޖެ

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16.7 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް ގްރީން ޓެކުހުން ލިބިފައިވަނީ 810 މިލިއަން ރުފިޔާ އެވެ. އެއީ ކުރީ އަހަރު ލިބުނު 693 މިލިއަން ރުފިޔާއާ އަޅާބަލާއިރު 16.7 ޕަސެންޓުގެ އިތުރު ވުމެކެވެ.

މީރާއިން ބުނި ގޮތުގައި ޑިސެމްބަރު މަހު އެކަނި ގްރީން ޓެކުހުގެ ގޮތުގައި 66 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބުނީ 61 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް 1، ސެޕްޓެމްބަރު 2015 އިން ފެށިގެން ނަގަމުން ގެންދާ ގްރީން ޓެކުސް ނަގަނީ ގެސްޓްހައުސްތައް ނޫން އެހެން ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުން ނަގަނީ ތިން ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ހަމަޖެހިފައި ވަނީ ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުންނެވެ. މި ޓެކުސް ނަގަން ފެށި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރީ ދައުލަތުން އަންދާޒާ 314 މިލިއަން ރުފިޔާ އެވެ. އަދި ޖެހިގެން އައި އަހަރު މި އާމްދަނީ 1.1 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރި އެވެ. އަދި 2017 ވަނަ އަހަރު މި އަދަދު 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.