ހަބަރު

ދުވަސްވީ މީހެއްގެ ގަޔަށް ކުޅު ޖަހާ އަނިޔާކުރި މައްސަލައެއް ބަލަނީ

އުމުރުން ދުވަސްވީ މީހެއް ގަޔަށް ކުޅު ޖަހައި އެ މީހާއަށް އަނިޔާ ކުރާ މައްސަލައެއް ބަލަން ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯގައި ސައިހޮޓަލެއްގައި އިން އުމުރުން ދުވަސްވީ ފިރިހެނަކާ ދޮށީ އުމުރުގެ މީހަކާ ދެމެދު ޒުވާބެއް ހިނގަ އެވެ. އަދި ޒުވާބު ހޫނުވެ އެކަކު އަނެކަކު މޫނަށް ކުޅުޖަހަ އެވެ.

ފުރަތަމަ ކުޅު ޖަހަން މަސައްކަތްކޮށްފައި ވަނީ ދޮށީ އުމުރުގެ މީހާ އެވެ. އެއަށް ފަހު އަނެއް މީހާ ދޮށީ އުމުރުގެ މީހާގެ މޫނަށް ކުޅުޖަހަ އެވެ. އަދި ދުވަސްވީ މީހާ އެތަނުން ރެކި ހިނގާފައި ދުރަށް ދިއުމުން އަނެއް މީހާ ފަހަތުން ގޮސް އެނާއަށް އަނިޔާކޮށް، ދެވަނަ ފަހަރަށް ވެސް ކުޅުޖަހަ އެވެ.

އެތަނުގައި އެ މީހުންނާއެކު ތިބި އިތުރު ތިން މީހުން ވެސް އެކަން ހިނގި އިރު ހުއްޓުވާކަށް މަސައްކަތެއް ނުކުރެ އެވެ. އަދި އެކަމަށް ހިތްވަރުދޭ އަޑު ވީޑިއޯ އިން އިވެ އެވެ.

ވީޑިއޯ އާންމު ކުރި މިހާ ބުނީ އެއީ އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހިނގައިދިޔަ ކަމެއް ކަމަށެވެ. އެތަނުން އުމުރުން ދުވަސްވީ މީހާއަކީ ސިކުނޑީގެ މައްސަލައެއް ވެސް ހުންނަ މީހެއް ކަމަށާއި އެކަން ތަހުގީގު ކުރަން ގޮވާލާ ކަމަށް އެނާ ބުންޏެވެ.

އެ މައްސަލާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީޑިއޯއިން ފެންނަނީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އަނިޔާވެރި އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހިންގި ފަރާތާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި މަސައްކަތްކުރަމުން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިދާތާ ކުރެއްވި ޓްވީޓު

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ. އާންމުކޮށް އެފަދަ މައްސަލަތައް ބަލާ މީގެ ކުރިން ވެސް ސަރުކާރުން ފިޔަވަޅު އަޅާފައިވެ އެވެ.