ހަބަރު

ހެކިބަސް ނަގަން ޑީޖޭއާ އާއި ދިރާގު ގުޅިގެން ނެޓްވޯކެއް ގާއިމްކުރަނީ

ޑީޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ދިރާގާ ގުޅިގެން ކޯޓުތަކުގައި ހެކިބަސް ނެގޭނެ ޑިޖިޓަލް ނެޓްވޯކެއް ގާއިމް ކުރަން އެއްބަސްވެއްޖެ އެވެ.

މި ނެޓްވޯކް ގާއިމްކުރުމުގެ ގޮތުން މިއަދު ޑީޖޭއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ކޯޓު ހުންނަ ރަށް ނޫން އެހެން ރަށެއްގައި ހުންނަ މީހެއްގެ ހެކި ބަސް ނަގަންޖެހޭ ހާލަތްތަކުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެކަން ހައްލުކުރުމުގެ ޑިޖަޓަލް ނެޓްވޯކެއް ގާއިިމް ކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒީރު ވިދާޅުވީ ހަތަރު މަސް ތެރޭގައި ނެޓްވޯކުގެ މަސައްކަތް ނިމޭނެ ކަމަށެވެ. ސިއްރު ހެކިބަސް އަދި ވީޑިއޯ ރިޕޯޓް ހެދުމުގެ މަސައްކަތް ވެސް އެ ނެޓްވޯކް މެދުވެރިކޮށް ކުރެވޭ ގޮތަށް ހަމަޖެހޭނެ ކަމަށެވެ.

"ދިރާގުގެ މި ޓެކްނެލޮޖީ ނެޓްވޯކުން ކޯޓްތަކަށް ގުޅާލުމުން ކޮންމެ ތާކު ހުރި މީހެއްގެ ވެސް ހެކިބަސް ނެގޭނެ،" ޑރ. ނަޒީރު ވިދާޅުވި އެވެ.

ދިރާގުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ރަޝީދެވެ. ނެޓްވޯކް ހުރިހާ ކޯޓްތަކާ ގުޅާލުމުން، ކަރުދާސް މެދުވެރިކޮށް ހިންގާ މުއާމަލާތް މަދުވެގެން ދާނެ ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ. ފެކްސް އަދި ޓެލެފޯން މެދުވެރިކޮށް ކުރާ މުއަމަލާތްތަށް ވެސް ނެޓްވޯކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ޑރ. ނަޒީރު ވިދާޅުވީ ރަޖިސްޓްރީ ކުރެވިފައިވާ ލޯ ފާމްތަށް އަދި ވަކާލާތު ކުރުމުގެ ހުއްދަށް ދީފައިވާ ވަކީލުންނަށް ވެސް މި ނެޓްވޯކް މެދުވެރިކޮށް ކޯޓުތަކާ މުއާމަލާތް ކުރެވޭނެ ކަމަށެވެ.

މިހާރު ވެސް ކޯޓުތަކުގައި ވީޑިއޯ އަދި އޯޑިއޯ މެދުވެރިކޮށް އެހެން ރަށްރަށުގައި ތިބޭ މީހުންގެ ހެކި ބަސް ނަގަ އެވެ.