ހަބަރު

ޓިކެޓް ހޯދަން ޖޭޕީއަށް ބަދަލުވި ބައެއް ބޭފުޅުން އަނބުރާ ނަން ގެންދަނީ

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ޖުމްހޫރީޕާޓީގެ ޓިކެޓް ހޯދަން އެ ޕާޓީއަށް ބަދަލުވި ފަރާތްތަކުގެ ތެރެއިން ބައެއް ބޭފުޅުން އެ ބޭފުޅުންގެ ނަން އަނބުރާ ނަގަން ފަށައިފި އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވުމަށް ފަހު ދާދި ފަހުން ޖުމްހޫރީޕާޓީއާއި ގުޅިވަޑައިގެންނެވި މިހާރުވެސް މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނި ވަޑައިގަންނަވަ އެވެ. މަޖިލީހަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރުމަށްފަހު އަނބުރާނަންތައް ނަގަން ފަށާފައިވަނީ ޖޭޕީން ޓިކެޓް ހޯދަން ކުރިމަތިލީ ފަރާތްތަކާއި އިންޓަވިއުކޮށް ނަންތައް ދިރާސާ ކުރަން ވެސް ފަށާފައިވަނި ކޮށެވެ. އަދި އެފަދަ ބައެއް ބޭފުޅުނަން ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށެވެ.

ކުރީގެ ސަރުކާރާއެކު ތިއްބެވުމަށްފަހު މިހާރު ޖޭޕީގައި ތިއްބެވި އަދި މަޖިލީހަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ބައެއް ބޭފުޅުންނާބެހޭ ގޮތުން އަވަސްގައި ލިޔެފައިވާ ރިޕޯޓެއް

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަރާތްތަކުން ނަންތައް އަބުރާ ގެންދަން ނިންމީ ޖޭޕީގެ ޓިކެޓް ނުލިބިއްޖެ ނަމަ އެ ޕާޓީއާ ވަކިން ވާދަ ކުރުމުގެ ފުރުސަތު އެ ބޭފުޅުންނަށް ގެއްލޭތީ އެވެ. މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓް ހޯދަން 97 މީހަކު އެދިފައިވާއިރު، އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމައި ޕްރައިމަރީ ވެސް ބާއްވާފަ އެވެ.

އެކަމާ ގުޅިގެން ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކާއެކު މަޖިލިސް އިންތިހާބަށް ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި ގާސިމް ވަނީ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ހައްލެއްވެސް ހޯދައިދެވިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.