ހަބަރު

ކޮންގްރަސް ޕާޓީގެ މައްސަލައެއް އީސީއިން ބަލަން ފަށައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރަސްގެ މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައަކީ އީސީ އިން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އަލަށް ގެނައި އިސްލާހުގެ ދަށުން އަމިއްލަަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަ ދައްކަވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޮންގްރަސް ޕާޓީއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އީސީ އިން ގެނައި އިސްލާހުގައިވާ ގޮތުން އާ ޕާޓީއެއް މިހާރު ވެސް ހިނގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ކޮށްގެން ކަމަށްވާނަމަ ހުއްދަ ހިފެހެއްޓުމުގެ ބާރު އީސީއަށް އޮންނާނެ އެވެ. އަދި ހިނގަމުންދާ ޕާޓީގެ ލީޑާޝިޕް ގެއްލި، އެ ޕާޓީއެއް ހިނގާނެ ފަރާތެއް ނެތް ހާލަތަކަށް ދާނަމަ އާ ޕާޓީގެ އުފެއްދުމަށް ދޫކުރި ހުއްދަ ބާތިލް ކުރާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އާ ޕާޓީއެއް އުފައްދަނީ ނުފޫޒާއި އޮޅުވާލުމާއި ބާރުގެ ބޭނުންކޮށްގެން ކަމަށްވާނަމަވެސް ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލް ކުރެވޭނެ އެވެ. ޕާޓީ އުފެއްދުމުގެ މަރުހަލާގައި އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އެ ޝަކުވާއެއް ބަލައި ނިމެންދެން ހުއްދަ ނުދީ ހިފެހެއްޓިދާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ގަވައިދަށް މިފަދަ އިސްލާހެއް ގެނައިރު މިއަދު ކޮމިޝަނުން ވަނީ ރައީސް ޔާމީން އިސްކޮށް ހުންނަވާ ކޮންގްރަސް ޕާޓީއަށް ހުއްދަ ދީފަ އެވެ. ނަމަވެސް ގަވައިދަށް ގެނައި އިސްލާހުގައި ޕީޕީއެމް އާއި ކޮންގްރަސް ޕާޓީއަށް މިވަގުތު އޮތް ހާލަތަށް ވަނީ އަމާޒުކޮށްފަ އެވެ. އެ ހާލަތުގެ ދަށުން އެ ޕާޓީގެ ހުއްދަ ހިފެހެއްޓުމުގެ ބާރު އީސީ އިން ވަނީ އަމިއްލައަށް ހޯދާފަ އެވެ.

ކޮންގްރަސް ޕާޓީއިން އަންނަނީ އެ ޕާޓީގެ އިފްތިތާހީ ޖަލްސާ މިރޭ ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.