ދިވެހި ސިނަމާ

"ސޯލް"ގެ ޓީޒާގައި ސިންހަޅަ ލަވައެއް!

ބައިސްކޯފް ޕްރޮޑަކްޝަން ހައުސް އާ ގުޅިގެން އަލީ ސީޒަން އުފައްދާ ފިލްމު "ސޯލް" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފި އެެވެ.

ސީޒަން އާއި ބައިސްކޯފު ޕްރޮޑަކްޝަން ހައުސް ގުޅިގެން އުފެއްދި 15 މިނެޓުގެ ކުރު ފިލްމު ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ރީތިކަން ދައްކުވައި ދޭށެވެ. ދިވެހި އަތިރިމައްޗާއި، ކަނޑުއަޑީގެ ގުދުރަތީ ރީތި މަންޒަރުތަކުން ޓީޒާ ކުރު ކޮށްލި އިރު، މި ޓީޒާގެ އެންމެ ތަފާތު ކަމަކީ، މީގައި ހިމަނާފައިވާ ސިންހަޅަ ލަވަ އެވެ. ދިވެހި ފިލްމެއްގައި ބޭރުގެ ލަވައެއް، ހާއްސަކޮށް ޓީޒާގައި ހިމަނާނީ ވަރަށް މަދު ފަހަރަކު އެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަލީ ސީޒަން ބުނި ގޮތުގައި މި ފިލްމުގައި ސިންހަޅަ އާއި ދިވެހި ލަވަ ހިމެނޭނެ އެވެ. އަދި ފިލްމުގައި ދިވެހިން ވާހަކަ ދެއްކިޔަސް، ބޮޑަށް ވާހަކަ ދައްކާނީ އިނގިރޭސި ބަހުންނެވެ. މި ފިލްމު ސީޒަން ސިފަ ކޮށްދެނީ "މިކްސް" އެއް ގޮތުގަ އެވެ.

ފިލްމުގެ ޓީޒާ ލޯންޗް ކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީގައި، މިނިސްޓަރު އަލީ ވަހީދު އެވެ. އަދި ރިލީޒް ކޮށް ދެއްވުމަށްފަހު ފިލްމުގެ ޓްރެއިލާ ވެސް މިނިސްޓަރު ވަނީ ބައްލަވާލާފަ އެވެ.

މި ފިލްމުގެ ބޮޑު ބައެއް ނަގާފައިވަނީ އއ. މަތިވެރީގަ އެވެ. އަދި މާލޭގެ އިތުރުން މާލެ އަތޮޅުގެ ބައެއް އެހެން ރަށްރަށުގައި ވެސް ފިލްމުގެ މަންޒަރުތައް ނެގި އެވެ. "ސޯލް" ގައި ރާއްޖެއިން ބޭރު ދެ ތަރިންނާއި، ފިލްމީ ތަރި ޖުމައްޔިލް ނިމާލްގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ.

މި ފިލްމަކީ ސާކް ފިލްމް ފެސްޓިވަލް އަށް ގެންދިޔުމަށް ބައިސްކޯފާއި ސީޒަން ގުޅިގެން އުފައްދާ ފިލްމެކެވެ. ސާކް ފިލްމް ފެސްޓިވަލްގެ ކުރު ފިލްމް ކެޓަގަރީން މި ފިލްމަށް ވަނަ އެއް ލިބޭނެ ކަމާމެދު ފިލްމުގެ ޓީމުން ތިބީ އުއްމީދު ކޮށްގެންނެވެ.