ހަބަރު

ޕީޖީއަށް އީމެއިލް މެދުވެރިކޮށް ކޯޓުތަކަށް މައްސަލަ ހުށަހެޅޭ ގޮތް ހަދައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ލިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދުﷲ ދީދީ ސޮއި ކުރައްވާ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ރަށްރަށުގައި ގާއިމްކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ތަފާތު ސަބަބުތަކާހުރެ މައްސަލަ ހުށަހަޅަން އޮންނަ މުއްދަތުގައި މައްސަލަ ހުށަހަޅަން ދަތިތަކާއި ކުރިމަތިވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސާކިއުލާގައި ވަނީ، މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް އެކަށީގެންވާ އަވަސްކަމާއި ފަސޭހަކަމާއެކު ހުށަހެޅޭނެ ފުރުސަތު ލިބިދިނުމުގެ ގޮތުން ޕީޖީގެ ފަރާތުން ގާނޫނީ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަންޖެހޭ މައްސަލަތަކުގެ އަސްލު ހުށަހެޅުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ކޯޓުތަކަށް އެ މައްސަލަތައް އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅޭނެ ކަމަށެވެ.

މައްސަލަތަކުގެ ލިޔުންތަކުގެ އަސްލު ރަސްމީ މަސައްކަތުގެ ފަސް ދުވަހުގެ ތެރޭގައި ޕީޖީގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދާނެ ކަަމަށް ވެސް ސާކިއުލާގައިވެއެވެ.