ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ އިސްލާހުތަކަކީ ވަކި ފަނޑިޔާރަކަށް އަމާޒުކޮށްގެން ހުށަހަޅާ އިސްލާހުތަކެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރޭ ބޭއްވި މަޖިލިސް ކެމްޕެއިން ޕޮލިސީ ވޯކް ޝޮޕްގައި އެ ޕާޓީގެ ފަރާތުން ވަނީ ޝަރުއީ ދާއިރާއާ ގުޅޭ ގިނަ އިސްލާހުތަކެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ދަށުގައި އޮންނަ ޑީޖޭއޭ މިނިވަން މުއައްސަސާއެއް ގޮތުގައި ހެދުމަށާއި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ފަނޑިޔާރުންނަށް އައްޔަން ކުރުމުގެ ބާރު ރަޖިސްޓްރާއިންނަށް ދޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީގެ ހުށަހެޅުމަކީ ވަކި ފަނޑިޔާރަކަށް އަމާޒުކޮށްގެން އެކުލަވާލި ހުށަހެޅުންތަކެއް ނޫން ކަމަށެވެ. އެއީ މިދިޔަ 10 އަހަރުގެ ތެރޭގައި އެމްޑީޕީއަށް ކުރެވުނު ތަޖުރިބާއިން އެކުލަވާލި އިހުލާސްތެރި ހުށަހެޅުމެއް ކަމަށާއި އެކަމުގައި އެންމެހާ ފަނޑިޔާރުންނާއި ވަކީލުން އެހީތެރިވެ ދެއްވަން އެދި ވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީ އިން ހުށަހެޅި އިސްލާހުތަކު ތެރޭގައި ސުޕްރީމް ކޯޓުގެ ބޮޑެތި ބާރުތައް ނަގަން ވަނީ ހިމަނާފަ އެވެ. އަދި އެ ކޯޓުގެ ބާރުތައް ކުޑަ ކޮށް ރަޖިސްޓްރާއަށް ބޮޑެތި ބާރުތައް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.