ރާއްޖޭގެ ޓޫރިޒަމްގެ ސާޅީސް ފަސް އަހަރުގެ ދިގު ތާރީހުގައި ތަކުރާރުކޮށް ރާއްޖެ އަންނަ ރާއްޖެ ދެކެ ވަރަށް ލޯބިވާ ރިިޕީޓާސް އުޅެ އެވެ. އޭގެ ބައެއް މީހުން ރާއްޖެ ފުރަތަމަ އައީ އެމީހުންގެ މަންމަގެ އުރުގައި ކުޑަކުދީން ފަދައިންނެވެ. އެންމެ ތުއްތު އިރު އެވެ. އަނެއް ބަޔަކު ރާއްޖޭގެ ދޮންވެލި ގޮނޑު ދޮއްތަކުގައި ފައި ބީއްސާލީ އެމީހުންގެ ޓީނޭޖުގަ އެވެ. މިއީ ރާއްޖެ ދެކެ އެންމެ ލޯބިވާ މީހުންނެވެ. އެމީހުންގެ ހިތުގައި ރާއްޖެއަށް ހާއްސަ ގަދަރެއް އޮވެ އެވެ. އެކަން އެނގިގެން ދަނީ އެމީހުންގެ ގައުމުން ދިވެހިންނާ ބައްދަލުވީމަ އެވެ.
އެންމެ ފަހުން ޖަރުމަނުގެ ޑުސެލްޑޯފުގައި އޮތް ޓޫރިޒަމްގެ ބޫޓްފެއާއަށް މީގެ ބޮޑު ގްރޫޕެއް ޖަމާވި އެވެ. އަދި އެމީހުންގެ ހަރަކާތްތައް "ވިޒިޓް މޯލްޑިވްސް" ގެ ސޯޝަލް މީޑިއޯއަށް ވެސް ވަނީ ދޫކޮށްލާފަ އެވެ. ކުރު ވީޑިއޯ ކޮޅަކުން ފެންނަނީ ބޫޓް ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ޖަރުމަނުގެ ބައެކެވެ. މި މީހުންނަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގުނަސް، އެ އެމީހުން ލިޔެލަނީ ދިވެހިންނެވެ. ދިވެހި ބަހުންނެވެ. ދިވެހިރާއްޖޭގެ ވާހަކަ އެވެ.
"ރާއްޖެއަކީ ފީނަން [ޑައިވްކުރަން] ވަަރަށް ސަޅި ތަނެއް. ދިވެހިންނަކީ ވަރަށް ގާތް ރަހުމަތްތެރި ބައެއް،" ވިޒިޓް މޯލްޑިވްސް އަށް ދީފައިވާ ކުރުން އިންޓަވިއުގައި ފެއާ އަށް ގޮސްހުރި ޖަރުމަނުގެ ފިރިހެނަކު ބުންޏެވެ.
ރިޕީޓާސްގެ ގޮތުގައި ރާއްޖެ އަންނަ ޖަރުމަނުގެ ގިނަ ބަޔަކު ޑުސިލްޑޯފްގައި ބޭއްވި ބޫޓްފެއާއަށް ދިޔަ އެވެ. ފެއާގެ ރާއްޖޭގެ ސްޓޭންޑުން ބެހި ވިޒިޓް މޯލްޑިވްސް ކެމްޕޭން ކަރުދާސް ކަނޑެއްގައި އެ މީހުން އަމިއްލައަށް އެ މީހުންގެ ނަން ފަސޭހަ ކަމާއެކު ލިޔެލާއިރު އެއީ ދެން ހަމަ ދިވެހިންނެވެ. ފެންނަނީ އެ މީހުންނާއި ދިވެހިން ގުޅި ލާމެހިފައިވާތީ އެވެ.
މީގެ ތެރެއިން އެކަކަށް ކިޔަނީ "އައްސު" އެވެ. އަތުގައި އޮތް މާކަރުން އޭނާގެ ނަން ލިޔެލައި ދެއެވެ. ޖެހިގެން ހުރީ "ސުޒާނާ" އެވެ. އަދި ދެން ހުރި އަންހެން މީހާއަކީ "ރޯޒީ" އެވެ. މި މީހުންގެ ނަން ލިޔެލުމަށްފަހު އަމިއްލައަށް ކެމެރާއަށް ދައްކާލަ އެވެ.
"އަހަރެމެން ރާއްޖެ ހިނގަޖައިން 30 ފަހަރު. ދެން މި ދަނީ 10 މީހުންގެ ގްރޫޕަކާއެކު އަންނަ މަހު،" ފިރިހެން މީހާ
ބުންޏެވެ.
ރާއްޖެ އަށް މިދިޔަ އަހަރު 1.4 މިލިއަން މީހުން އައިރު މީގެތެރޭގައި އެއް ފަަހަރަށް ވުރެ ގިނަ ފަހަރު އައިސްފައިތިބި މީހުން ގިނަ ވާނެ އެވެ. މިއީ ރާއްޖޭގެ އެންމެ މުހިންމު މެހުމާނުންނެވެ. މިއީ ރާއްޖެ ދެކެ އެންމެ ލޯބިވާ މީހުންނެވެ. އެ މީހުންނަކީ ރާއްޖޭގެ ސަގާފަތް ދަސްކޮށްފައިވާ މީހުނެވެ. އެ މީހުންގެ ހިތް އޮތީ މިތަނުގަ އެވެ. އަދި އެ މީހުންގެ އަމިއްލަ ނަން ވެސް އެ ލިޔެލަނީ ރީތި ދިވެހި ބަހުންނެވެ.