ހަބަރު

"ޕަވަބޯޓް" ކުޅިވަރު ރާއްޖެއަށް ތައާރަފް ކުރަނީ

ޕަވަބޯޓް ކުޅިވަރު ރާއްޖެއަށް ތައާރަފް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް އިސްތިހާރުވާނޭހެން ގިނަ އުފެއްދުންތައް އުފައްދައިގެން ކަމަށެވެ. ސްޕޯޓްސް ޓޫރިޒަމާއި އެޑްވެންޗާ ޓޫރިޒަމް ރައްޔިތުންނާއި ގުޅިގެން މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްރީލަންކާގެ ބާއްވާ ޕަވަބޯޓް މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށް މިނިސްޓްރީއާ ކުންފުނިތައް ގުޅިގެން އިއްޔެ ޒުވާނުންތަކެއް އެގައުމަށް ފޮނުވާފައިވާ ކަމަށެވެ.

"އުންމީދަކީ އެމުބާރާތް ދިވެހިރާއްޖެއަށްވެސް ގެނައުން، އެއީ ރާއްޖޭގައި ކުރިން ނުކުރާކަމެއް، މިކަހަލަ ތަފާތު ކަންތައް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އާހިޔާލުތަކާއި ކުޅިވަރުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް ހިތްވަރުދޭ ކަމަށެވެ. ރާއްޖެއަކީ ހަނީމޫން ޑެސްޓިނޭޝަނެއްގެ ބަދަލުގައި ފެތުމާއި ބައިސްކަލު ދުއްވާލަން އަދި އިތުރު އެހެން ކަންކަމަށްވެސް މަޝްހޫރު މަންޒިލަކަށް ރާއްޖެ ހެދުމަކީ އަމާޒުކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ހާއްސަ ކޮންސެޕްޓްސްތަކުގައި ރާއްޖެއަށް މިއަހަރު ކުޅިވަރުތައް ތައާރަފް ކުރުމަކީ އުންމީދެއް ކަމަށެވެ. އެގޮތުން މޯލްޑިވްސް އޯޕެން ބީޗް ވޮލީ މިހާރުވެސް އެކްސްޕްލޯ ކުރަމުންދާ ކަމަށެވެ. އަދި ރިސޯޓްތަކުގެ ވޮލީ އަދި ފުޓްސަލް މުބާރާތްތައްވެސް ލައިވް ކޮށް ގެނެސްދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.