ހަބަރު

ކޮންގްރެސް ޕާޓީގެ މައްސަލަ ބަލާ ނިންމަން ކޮމިޓީއެއް

ޕީޕަލްސް ނޭޝަނަލް ކޮންގްރަސްގެ މައްސަލަ ބަލަން އިލެކްޝަން ކޮމިޝަނުން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ، ކޮންގްރެސް ޕާޓީއަކީ އުފެއްދުމުގެ މަރުހަލާގައި އޮތް ޕާޓީއަކަށްވާތީވެ އެޕާޓީގެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމުމަށް ތިން މެންބަރުންގެ ކޮމިޝަނެއް އުފައްދާފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނުގެ ލީގަލް ޑިޕާޓްމެންޓުގެ ދެ ބޭފުޅަކާއި ކޮމިޝަނުގެ ލޯ ފާމްގެ ބޭފުޅެއް ހިމެނޭ ގޮތަށް ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ދެދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމަން އެކޮމިޓީއަށް އަންގާފައިވާނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

އެމައްސަލައަކީ އީސީ އިން ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އަލަށް ގެނައި އިސްލާހުގެ ދަށުން އަމިއްލަަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އީސީ އިން ގެނައި އިސްލާހުގައިވާ ގޮތުން އާ ޕާޓީއެއް މިހާރު ވެސް ހިނގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ކޮށްގެން ކަމަށްވާނަމަ ހުއްދަ ހިފެހެއްޓުމުގެ ބާރު އީސީއަށް އޮންނާނެ އެވެ. އަދި ހިނގަމުންދާ ޕާޓީގެ ލީޑާޝިޕް ގެއްލި، އެ ޕާޓީއެއް ހިނގާނެ ފަރާތެއް ނެތް ހާލަތަކަށް ދާނަމަ އާ ޕާޓީގެ އުފެއްދުމަށް ދޫކުރި ހުއްދަ ބާތިލް ކުރާނެ ކަމަށް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އާ ޕާޓީއެއް އުފައްދަނީ ނުފޫޒާއި އޮޅުވާލުމާއި ބާރުގެ ބޭނުންކޮށްގެން ކަމަށްވާނަމަވެސް ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލް ކުރެވޭނެ އެވެ. ޕާޓީ އުފެއްދުމުގެ މަރުހަލާގައި އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އެ ޝަކުވާއެއް ބަލައި ނިމެންދެން ހުއްދަ ނުދީ ހިފެހެއްޓިދާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ގަވައިދަށް މިފަދަ އިސްލާހެއް ގެނައިރު ކޮމިޝަނުން ވަނީ ރައީސް ޔާމީން އިސްކޮށް ހުންނަވާ ކޮންގްރަސް ޕާޓީއަށް ހުއްދަ ދީފަ އެވެ. އަދި އެޕާޓީ އުފެއްދުމުގެ ޖަލްސާ ރޭ ވަނީ ބާއްވައި މަގާމުތަކަށް މެންބަރުންވެސް އައްޔަންކޮށްފަ އެވެ. ނަމަވެސް ގަވައިދަށް ގެނައި އިސްލާހުގައި ޕީޕީއެމް އާއި ކޮންގްރަސް ޕާޓީއަށް މިވަގުތު އޮތް ހާލަތަށް ވަނީ އަމާޒުކޮށްފަ އެވެ. އެ ހާލަތުގެ ދަށުން އެ ޕާޓީގެ ހުއްދަ ހިފެހެއްޓުމުގެ ބާރު އީސީ އިން ވަނީ އަމިއްލައަށް ހޯދާފަ އެވެ.