ދުނިޔެ

ދުބާއީގެ ޖިންސުގެ ތަފާތު ނައްތާލުމުގެ އެވޯޑް ހުސް ފިރިހެނުންނަށް

Jan 29, 2019
3

އަންހެނުންނާއި ފިރިހެނުންގެ ދެމެދު އޮންނަ ޖިންސުގެ ތަފާތު ނައްތާލަން އެކަށީގެންވާ މަސައްކަތް ކުރި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުބާއީގެ ސަރުކާރުން ދިން އެވޯޑް ހަމައެކަނި ފިރިހެނުންނަށް ދިނުމުން އެ ގައުމުގެ ސަރުކާރަށް މަލާމާތް ރައްދުވެއްޖެ އެވެ.

މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް އޮންނަ ތަފާތު ކުރުން ނައްތާލުމަށް މަސައްކަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް ދުބާއީ ސަރުކާރުން ހަތަރު ފަރާތަކަށް މިއަހަރު އެވޯޑް ދިނެވެ. ހާއްސަ ހަފްލާއެއްގައި ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަޚުތޫމް އެ އެވޯޑްތައް އެރުވީ، ފިނޭންސް މިނިސްޓަރަށާއި ސްޓެޓިސްޓިކް އޮތޯރިޓީގެ ވެރިޔާއަށާއި ހިއުމަން ރިސޯސް މިނިސްޓަރުގެ އިތުރުން އިންޓީރިއާ މިނިސްޓަރަށެވެ.

އިންޓީރިއާ މިިނިސްޓަރު، ލެފްޓިނެންޓް ޖެނެރަލް ޝެއިހް ސައިފް ބިން ޒައިދު އާލް-ނަހުޔާންއަށް ލިބިވަޑައިގަތީ ޖިންސުގެ ތަފާތު ނައްތާލުމަށް މަސައްކަތް ކުރުމުގެ ދާއިރާއިން އަހަރުގެ ސަހުސިއްޔަތުގެ އެވޯޑެވެ. އެ އެވޯޑް އޭނާއަށް ދިނީ، ޔޫއޭއީގެ ސިފައިންގެ ތެރޭގައި މަސައްކަތް ކުރާ އަންހެނުންނަށް މެޓާނިޓީ ލީވް ދޭން ނިންމުމާ ގުޅިގެން އެވެ.

އެ އެވޯޑާ ގުޅިގެން ޓްވިޓާގައި ޔޫއޭއީގެ ސަރުކާރަށް މަލާމާތް ކުރި މީހުން ބުނީ، ދެ ޖިންސުގެ ތަފާތު ނައްތާލުމަށް މަސައްކަތް ކުރުމުގެ އެވޯޑް ހަމައެކަނި ފިރިހެނުންނަށް ދިނުމުން އެ އެވޯޑްގެ މަގުސަދު ހާސިލްވާ ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އަދި މިފަދަ އެވޯޑެއް އަންހެނުންނަށް ނުލިބި ހަމައެކަނި ފިރިހެނުންނަށް ލިބުމަކީ، އަންހެނުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކުރި އެވެ.

އެ ފާޑު ކިޔުންތަކާއި މަލާމާތްތަކަށް ދުބާއީ ސަރުކާރުން ވަނީ ބީރުކަންފަތެއް ދީފަ އެވެ.

އެ ހަފްލާގައި ދުބާއީގެ ސަރުކާރުން އާންމުކުރި ތަފާސްހިސާބުތަކުގައި ބުނީ، ސަރުކާރުގެ އިދާރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް 2015 ގައި ކަނޑައެޅި ލަނޑުދަޑި ހާސިލްވެފައިވާ ކަމަށެވެ. އދ ގެ ޔުނައިޓަޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދިރާސާއަކުން ވެސް ދައްކާ ގޮތުން، ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޔޫއޭއީއަކީ މަސައްކަތުގެ މައިދާނުގައި އަންހެނުން އެންމެ ގިނަ ގައުމެވެ. އަދި މަސައްކަތުގެ ބާޒާރުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ވެސް އދ އިން ފާހަގަ ކުރެ އެވެ.

އެހެން ނަމަވެސް، މަދަނީ ޖަމްއިއްޔާތަކުން ބުނަނީ އަންހެނުންގެ ހައްގުތައް ހިމާޔާތްކުރުމުގައި ޔޫއޭއީ އަދިވެސް އުޅެނީ މާފަހަތުގަ އެވެ. އަދި އަންހެނުން ގެވެށި އަނިޔާއަށް ހުށަހެޅިފައިވާ ކަމަށާއި ގާނޫނީ ރައްކާތެރިކަން އެކަށީގެންވާ ގޮތުގައި އަންހެނުންނަށް ނުލިބޭ ކަމަށް ވެސް މަދަނީ ޖަމްއިއްޔާތަކުން ފާހަގަ ކުރެ އެވެ.