ހަބަރު

ހުޅުމާލެ، ގުޅީފަޅު އަދި ތިލަފުށިން ގޯތި ދޫކުރަން އުސޫލެއް ހަދަނީ

ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މީހުންނަށް ހުޅުމާލެ އާއި ގުޅީފަޅު އަދި ތިލަފުށިން ގޯތި ދޫކުރުމުގެ އުސޫލެއް ކަނޑައަޅަން އެމްޑީޕީއިން ނިންމައިފި އެވެ.

މި އުސޫލު ހިމަނަން ނިންމާފައިވަނީ އަންނަ ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީއިން ހުށަހަޅަން ނިންމާފައިވާ ބޯހިޔާވެހިކަމުގެ ބިލްގަ އެވެ. އެ ބިލްގައި ހިމަނާނެ ކަންކަން އެމްޑީޕީއިން މިހާރު އާންމުންގެ ހިޔާލު ހޯދުމަށް ވަނީ ހުޅުވާލައިފަ އެވެ.

އެމްޑީޕީއިން ބުނި ގޮތުގައި، އެ ގާނޫނުގެ ދަށުން ރަށްތަކުގައާއި ގްރޭޓާ މާލެ ސަރަހައްދުގައި ބޯހިޔާވެހިކަން އުފައްދާނެ ގޮތްތަކާއި އެ ބޯހިޔާވެހިކަން ހައްގުވާ ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ކަނޑައަޅާނެ އެވެ.

މާލެއާއި ވިލިގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ މަގުގެ މަސައްކަތާއި، ގުޅީފަޅު އަދި ތިލަފުށީ ފަޅުން ނުހިއްކިވާ ސަރަހައްދު ހިއްކުމުގެ މަސައްކަތުގެ އެންމެހައި އިލްމީ އަދި ފަންނީ ޑިޒައިންތަކާއި ކުރެހުންތަކާއި ހިސާބުތަކާއި މުތޯލިޔާތައް އެކުލަވާލުމަށް ހިމެނުމަށް ވެސް ވަނީ އެ ބިލްގެ ޑްރާފްޓްގައި ހިމަނައިފަ އެވެ.

މާލޭ ސަރަހައްދު ގުޅުވާލުމުގެ އެންމެ ބޮޑު މަގުސަދަކީ މާލޭގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނެވެ.

އެގޮތުން އެމްޑީޕީގެ ވިސްނުން ހުރީ ދިރިއުޅޭނޭ އަމިއްލަ ތަނެއް ނެތް ނުވަތަ އާއިލާތަކަށް ދިރިނޫޅެވޭނޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި، ނުވަތަ ކުދި ފްލެޓްތަކުގައާއި ތަންތަންކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުމާލެއިން ނުވަތަ ގުޅީފަޅުން ނުވަތަ ތިލަފުށިން، އެކަށީގެންވާ ވަރުގެ ގޯތި ދޫކުރުމުގެ އުސޫލުތައް ބޯހިޔާވަހިކަމުގެ ގާނޫނުގައި ބަޔާންކުރާށެވެ.

ގާނޫނުގައި ހިމަނާނެ އެހެން ކަންކަން

  • ވަކި ރަށެއް ނުވަތަ ތަނަކަށް ހިޖުރަކުރުން މަޖުބޫރުކުރާކުރުން މަނާކުރުން
  • ބިން މަދުވެފައިވާ ރަށްރަށުގައި ބިން ހިއްކުމުގެ މަސައްކަތް ހިނގާނޭ ގޮތްތަކުގެ އުސޫލު ކަނޑައެޅުން
  • ބިން މަދުވެފައިވާ ރަށްރަށުގައި ބިން ހިއްކުމުގެ މަސައްކަތް ހިނގާނޭ ގޮތްތަކުގެ އުސޫލު ކަނޑައެޅުން
  • ބިން މަދުވެ، އަދި ބިން ހިއްކޭނޭ ފަޅު ވެސް ނެތް ރަށްރަށުގައި އެ ރަށްރަށާ ގާތުގައިވާ އެހެން ރަށްރަށާއި ގުޅުވާލައި ބިން ބޮޑުކުރުމުގެ މަސައްކަތް ހިންގާނޭ އުސޫލުތައް ކަނޑައެޅުން
  • ހުޅުމާލޭގައި މިހާރު ހިއްކާފައިވާ ބިން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވެހިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނޭ ގޮތުގެ އުސޫލުތައް ކަނޑައެޅުން

ބޯހިޔާވަހިކަމުގެ ގާނޫނުގައި ބޯހިޔާވެހިކަން ހޯދުމަށް އެދޭއިރު ޝަރުތު ހަމަވާ ގޮތް އެ ގާނޫނުން ސާފުކޮށް ބަޔާންކުރަން ވެސް އެމްޑީޕީއިން ހުށަހަޅާފައިވެ އެވެ. އަދި ރައްޔިތުންނަށް ފުރިހަމަ އިތުބާރު ކުރެވޭނޭ ގޮތަށް ދެފުށްފެންނަ، ހާމަކަން ބޮޑުގޮތެއްގައި ޕްރޮސެސް ހިންގުމަށް ލާޒިމްކުރުން ހިމަނާފައިވެ އެވެ.

އެމްޑީޕީއިން ހުށަހަޅަނީ މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތި ކަމެއް ލިބިފައިވާ މީހުންނާއި ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ މީހުންނަށް، ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގައި އިސްކަމެއް ދެވޭނޭކަން އެ ގާނޫނުގައި ކަނޑައަޅާށެވެ.

މާލޭގެ ރަށްވެއްސަކަށްވެ އަމިއްލަ ބޯހިޔާވެހިކަމެއް ނެތް އާއިލާތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ވެސް ގާނޫނުގައި ކަނޑައަޅަން ވަނީ ހުށަހަޅާފަ އެވެ.

އެމްޑީޕީއިން ހުށަހެޅީ ގްރޭޓާ މާލޭ ސަރަހައްދުން ކަމަށް ވިޔަސް އަދި ރާއްޖޭގެ އެހެން ސަރަހައްދަކުން ކަމަށް ވިޔަސް، އެފަދަ ފަރާތްތަކުގެ ތެރެއިން ބޯހިޔާވެހިކަން ބިނާކުރާނެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް ދިގު މުއްދަތަކުން ދައްކާ ހަލާސްކުރާ ގޮތަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ލިބޭނޭ ގޮތް ދައުލަތުން ފަހިކޮށްދިނުން ލާޒިމު ކުރަން ވެސް ވަނީ ނިންމާފަ އެވެ.

ވެށިފަހި މާލޭ ޕްރްގްރާމުގެ ދަށުން މާލޭއިން ލިބިފައިވާ ބިންކޮޅެއް ނުވަތަ އިމާރާތުން ތަންކޮޅެއް ސަރުކާރަށް ދޫކޮށްލުމުން އޭގެ ބަދަލުގައި ހުޅުމާލެއިން ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކުރަމުން ކުރިން ގެންދިއަ ގޮތަށް، އެ އުސޫލު ގާނޫނުގައި ކަނޑައެޅުމަށް ވެސް ނިންމާފައިވެ އެވެ. އަދި މީގެކުރިން އެގޮތަށް ތަންކޮޅެއް ދޫކޮށްލުމަށް އެއްބަސްވުމުން ހުޅުމާލެއިން ބިމެއް ނުވަތަ ފްލެޓެއް ލިބޭނޭ ކަމަށް ސަރުކާރުން ލިޔުން ދީފައިވާ، އަދި އެ ހައްގުވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ހުޅުމާލެއިން ބިމެއް ނުވަތަ ފްލެޓެއް މިހާތަނަށް ދޫކޮށްފައިނުވާނަމަ، އެ ފަރާތަކަށް ބިން ނުވަތަ ފްލެޓް ދޫކުރުމަށް ގާނޫނުން ލާޒިމުކުރަން ވެސް ވަނީ ނިންމާފައިވެ އެވެ.

އެމްޑީޕީއިން މި ބަދަލުތައް ގެނައުމަށް އަންނަ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ލިބުމުގެ މުހިންމުކަން ދަނީ ފާހަގަ ކުރަމުންނެވެ. ވައުދުތައް ފުއްދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މަޖިލީހުގެ ބޮޑު ބައެއް އެމްޑީޕީއަށް ލިބުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ. ފަސޭހަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.