އިލެކްޝަންސް ކޮމިޝަން

މަޖިލިސް އިންތިހާބާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އަންނަށް އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނަނީ މަޖިލީހުގެ އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހަޅަން ބޭނުންވާ ފޯމް އެ އިދާރާއިން މިހާރު ލިބޭނެ ކަމަށެވެ. އަދި އީސީގެ ވެބްސައިޓުން އެ ފޯމް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެ ކަމަށެވެ.

އިންތިހާބާ ގުޅޭ ގޮތުން މާލޭގައި ޝަކުވާ ހުށަހަޅަން ހަމަޖައްސާފައި ވަނީ އިންތިހާބާބެހޭ މަރުކަޒުގައި ހުންނަށް ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށެވެ. އަތޮޅުތަކުން ޝަކުވާ ހުށަހަޅާނަމަ ރަށު ފޯކަލް ޕޮއިންޓް ނުވަތަ ސިޓީ ކޮމްޕްލެއިންސް ބިއުރޯ އަށެވެ.

އީސީ އެ އިއުލާނުގައި ބުނީ، މަޖިލިސް އިންތިހާބާ ދިމާކޮށް ހުށަހަޅާ ޝަކުވާތައް ބަަލައި ގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރުފަހު 3:00 އާ ހަަމައަށް ކަމަށެވެ. އަދި ބުނެފައި ވަނީ ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:00 ޝަކުވާ ބަލައިގަންނާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ހެދުނު 9:00 އިން ފެށިގެން ހަވީރު 5:00 ބަލައިގަންނާނެ ކަމަށެވެ.

ވޯޓު ނަގަން ހަމަޖައްސާފައިވާ ދުވަހު ޝަކުވާ ބަލައިގަންނާނީ ވޯޓުލާން ފެށުމާ ހަމައިން ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ކަމަށް ވެސް އީސީގެ އިއުލާނުގައި ބުނެ އެވެ.