ހަބަރު

އިޖުތިމާއީ ދާއިރާއިން ރާއްޖޭގެ އެންމެ މުހިއްމު ބައިވެރިޔަކީ އިންޑިއާ: ޝިދާތާ

އިންޑިއާއިން ރާއްޖޭގެ އިޖުތިމާއީ ތަރައްގީއަށް މުހިންމު ހިއްސާއެއްވާ ކަމަށާއި އިޖުތިމާއީ ދާއިރާގައި ރާއްޖޭގެ އެންމެ މުހިއްމު އެއް ބައިވެރިޔަކީ އިންޑިއާ ކަމަށް މިނިސްޓާ އޮފް ޖެންޑާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިއު ދިއްލީގައި ވިވަކަންޑަނާ ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ވަށްމޭޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ ތާރީހީ ގުޅުމެއް ކަމަށާއި ގުޅުން ދެމިގެން ގޮސްފައިވަނީ ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ސަގާފަތާއި ވައްޓަފާޅީގެ ސަބަބުން ކަމަށެވެ.

އަދި ދެ ގައުމުގެ ދެމެދުގައި މި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ ސަބަބުން ރާއްޖެއަށް އެކި ދާއިރާތަކުން ފައިދާކުރާ ކަމަށާއި އިޖުތިމާއީ ދާއިރާގެ އިތުރުން އަންހެނުންގެ ތަރައްގީއަށާއި އަންހެނުން ބާރުވެރިކުރުވުމަށް އިންޑިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ކަމަށެވެ.

މީގެ އިތުރުން، އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެންނަވައި، އެ ކަންކަން ހައްލުކުރުމުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ހިއްސާ ކުރައްވައިފައިވެ އެވެ.