ސިއްހަތު

މާބަނޑު ދުވަސްވަރު ކަސްރަތުން ގިނަގުނަ ފައިދާ ލިބޭ!

މާބަނޑު ދުވަސްވަރުގައި ވެސް ކަސްރަތު ކުރުން އެންމެ ރަނގަޅެވެ. މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ވަރަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އެ ދުވަސްވަރުގައި ކަސްރަތުކޮށް ހަރަކާތްތެރިކޮށް އުޅުމުގައި މައްސަލައެއް ނެތް ކަމަށް ސިއްހީ ދާއިރާގެ މާހިރުން ވިދާޅުވެ އެވެ.

މާބަނަޑު ދުވަސްވަރު ކަސްރަތު ކުރާނަމަ ވިހެއުމަށް ފަސޭހަވާ ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ. އަދި މާބަނޑު ދުވަސްވަރުވާ އެކި އެކި އުނދަގޫތަކުން ރައްކާތެރިކޮށްދޭ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ. ގިނަ ކޭސްތަކުގައި މާބަނޑު ދުވަސްވަރު އިތުރު އުނދަގޫތަކެއް ނުވާނަމަ ކަސްރަތުކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދި ޑޮކްޓަރުން އިރުޝާދުވެސް ދެއްވަނީ ހަރަކާތްތެރިވެ އުޅުމަށެވެ.

މާބަނޑުދުވަސްވަރު ކުރާ ކަސްރަތަކީ ބަރުދަން ލުއި ކުރުމަށް ކުރާ ކަސްރަތުތަކަކަށް ވުރެ ބޮޑަށް ދުޅަހެޔޮކަން އިތުރުކުރަން ކުރާ ކަސްރަތުތަކެކެވެ. މާބަނޑުދުވަސްވަރު ކަސްރަތުކުރާނަމަ ވިހެއުމަށްފަހު ބަރުދަން ލުއި ކުރުމަށް އެހީތެރިވެ ދެއެވެ.

މާބަނޑުދުވަސްވަރު ކަސްރަތުކުރާނަމަ ބައިގެން ހިނގައިދާނެ ކަމަށް ހީވެދާނެ އެވެ. ނަމަވެސް ހައި ރިސްކް ޕްރެގްނެންސީއެއް ނުވަތަ އެއްވެސް އިތުރު ސިއްހީ މައްސަލައެއް ނެތްނަމަ ކަސްރަތުކުރުމުގައި މައްސަލައެއް ނެތެވެ.

މާބަނޑު ދުވަސްވަރުގައި ކަސްރަތު ކުރުމުން ލިބޭ ފައިދާ ހޯދަން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 30 މިނެޓު ކަސްރަތުކުރެވިދާނެ އެވެ. ނުވަތަ ހަފްތާއަކު ތިނެއް ނޫނީ ހަތަރު ދުވަހު 20 މިނެޓުވަންދެން ކަސްރަތުކުރެވިދާނެ އެވެ. މުހިއްމުކަމެއް ދޭންވީ ހަރަކާތްތެރިވުން އިތުރު ކުރުމަށެވެ. ހަރަކާތްތެރިކަން އިތުރުކުރާ ނަމަ ހަށިގަނޑުގައި ލޭ ދައުރުކުރުން އިތުރުކޮށްދެ އެވެ.

މާބަނޑުދުވަސްވަރު ކަސްރަތުކުރުމުގައި ގިނަ ފައިދާތަކެއް ވެސް ވެއެވެ. ދުޅަވުމާއި އުނަގަނޑުގައި ރިއްސުމާއި ބަނޑުހަރުވުން މިއީ ގިނަ މީހުން ތަޖުރިބާކުރާ ކަންކަމެވެ. ކަސްރަތު ކުރުމުން މިފަދަ ކަންކަމުން ސަލަމާތް ކޮށް ދެއެވެ.

މާބަނޑުދުވަސްވަރު ހަކުރު މައްޗަށް ދިއުން ނުވަތަ ގެސްޓޭޝަނަލް ޑައެބެޓީސް އަކީވެސް ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ހަކުރު ކޮންޓްރޯލް ކުރުމަށް ރަނގަޅު ޑައެޓެއްގައި ހުރުމަށް ޑޮކްޓަރުން ލަފާދެއްވާ ގޮތެވެ. އަދި ކެއުމަށްފަހު ބައިގަޑިއިރު ހިނގުމަކީ ވެސް ހަކުރު ކޮންޓްރޯލް ކުރަން އެހީތެރިވާ ކަމެކެވެ.

ކަސްރަތު ކުރުމުން މީހާގެ މޫޑު ރަނގަޅުވެ، ހަކަތަ އިތުރު ވެއެވެ. އަދި ކަސްރަތުކުރާނަމަ ވިހެއުމަށް ވެސް ފަސޭހަވެއެވެ. ދިވެހިންގެ ތެރޭގައިވެސް މާބަނޑުވުމަށްފަހު ކަސްރަތުކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ.

މިހާރު ބަނޑަށް ހަތް މަސްވެފައިވާ ދިވެހި އަންހެނަކު ބުނިގޮތުގައި ޖިމަށްގޮސް ކަސްރަތުކުރާ ފޮޓޯ އަދި ވީޑިއޯ އޭނާ އިންސްޓަގްރާމްގައި ހިއްސާކުރެ އެވެ. އެއަށް މީހުން ކޮމެންޓްކޮށް ސުވާލުތައް ވެސް ކުރެއެވެ.

"ކަސްރަތު ކުރާ ފޮޓޯތަކަށް ގިނައިން ކޮމެންޓް ކުރަނީ ބަނޑު ބޮޑު މީހުން. އެމީހުން އަހާ އޮޅުންފިލުވައި ސޭފްޓީ އާއި މެދު ސުވާލު ކުރޭ. ހައިރިސްކް ޕްރެގްނެންސީއެއް ނޫނިއްޔާ އަދި މާބަނޑުވުމުގެ ކުރިން ކަސްރަތުކުރަންޏާ ވޯކްއައުޓް ކުރުމުގައި މައްސަލައެއް ނެތް. އަޅުގަނޑަށް ފާހަގަކޮށްލެވުނު ޖިމްތަކުގައި މާބަނޑުމީހުންނަށް ޓްރެއިން ކުރުމުގެ ތަޖުރިބާ ހުރި އިންސްޓްރަކްޓަރުން މަދުކަން. އަދި ތިބި އިންސްޓްރަކުން ވެސް ޖެހިލުންވާކަން. އަޅުގަނޑު ކަސްރަތުކުރުމުގައި ވިސްނަނީ ނޭވާ ކުރު ނުވެ ވާހަކަ ދެއްކޭ ނަމަ އެއީ އޯކޭ ވަރަކަށް އިންޓެންސިޓީއެއް ކަމުގައި. އަދި އަޅުގަނޑު ކުރާ ކަސްރަތުތަށް ޕްލޭންކުރުމުގައި އިންސްޓްރަކްޓަރާއި މަޝްވަރާކުރަން. އަޅުގަނޑު ލިމިޓް ކަނޑައަޅަނީ، ކުރެވޭނީ ކޮންކަމެއްތޯ ނިންމަނީ"

މާބަނޑު ދުވަސްވަރުގައި ކަސްރަތުކުރުމުގައި ބަލަންވީ ކަންކަން

- ކަސްރަތުކުރުމަށްފަހު އަދި ކަސްރަތު ކުރުމުގައި ވެސް ގިނައިން ފެންބޮއި ހައިޑްރޭޓް ކުރަންވާނެ އެވެ.
- ކަސްރަތުކުރުމުގެ 1 ގަޑި އިރު ކުރިން ކެއުން ނިންމާލަންވާނެ އެވެ.
- މާބަނޑު ދުވަސްވަރު ކަސްރަތުކުރާނަމަ ވަކިން ހާއްސަކޮށް ސިއްހަތަށް ފާއިދާހުރި ކާނާ ކެއުމަށް އަހައްމިއްޔަތުކަން ދޭންވާނެއެވެ.
- ކަސްރަތު ކުރާ އިރު ހަމަތަނެއްގައި ކަސްރަތު ކުރުމަކީ ވެއްޓި ހާނިކައަށްވުން ކުޑަކޮށްދޭނެ ކަމެކެވެ.
- އަދި ބިންމަތީގައި އޮށޯވެ އޮވެ ކުރާ ކަސްރަތުތަށް ކުރުމަށްފަހު މަޑުމަޑުން ތެދުވުމަށް އާދަކުރަންވާނެއެވެ. އެއީ ބޯ އެނބުރުން ފަދަކަމެއް ދިމާވެދާނެތީ އެވެ.
- އެހެންކަމުން ހައި ރިސްކް ޕްރެގްނެންސީ ނުވަތަ މާ ބަނޑުދުވަސްވަރުގައި އެހެން ސިއްހީ މައްސަލައެއް ނެތްނަމަ ކަސްރަތު ކުރެވިދާނެ އެވެ. އަދި މާބަނޑުވުމަށްފަހު ވަރުގަދަ ކަސްރަތު ޕްރޮގްރާމެއް ފެށުމުގެ ބަދަލުގައި ބަލަންވީ ހިނގުން ނުވަތަ ފެތުން ފަދަ ކަސްރަތުތައް ކުރުމަށެވެ.