ގައިދީންނަށް ބޭސްފަރުވާގެ ހިދުމަަތް ދިނުމުގެ ކަންކަން ފަސޭހަ ކުރަން އައިޖީއެމްއެޗްގައި ހާއްސަ ދެ ކޮޓަރި ހަދާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީއާ މޯލްޑިވްސް ކަރެކްޝަނަލް ސަވިސް އަދި އައިޖީއެމްއެޗް ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ގައިދީންނަށް ބޭސްވަރުވާ ދިނުމުގައި އިހުމާލުތަކާކާއި ލަސްވުންތަކެއް ވެފައިވަ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން ރަނގަޅުކޮށް ގައިދީންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސަން ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ގައިދީން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށާއި އެ ފަރާތްތަކަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުޅާކޮށްފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެގޮތުން ގައިދީންނަށް ވަކިން ފަރުވާ ދެވޭނެ ހާއްސަ ދެ ކޮޓަރިއެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފައި ހުންނާނެ ކަމަށާއި އޭގެ ސަބަބުން ލަަސްތަކެއް ނުވެ އެ ފަރާތްތަކަށް ފަރުވާ ދެވޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"ކުރިން ރޫމްއެއް ހުސްވަންދެއް ގައިދީން މިތިބެން ޖެހެނީ ޖަލުގައި މަޑުކޮށްގެން. އޭގެ ނަތީޖާއެއްގެ ގޮތުން ގައިދީންނަށް ކޮންމެހެން އެޑްމިޓްކޮށްގެން ދޭން ޖެހޭ ފަރުވާ ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދޭ މިގެ ސަބަބުން އެޑްމިޓްކޮށްގެން ދޭން ޖެހޭ ފަރުވާ ފަސޭހަ ވެގެން ދާނެ،" އިމްރާން ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ ގައިދީންނަށް ހާއްސަ ޖާގައެއް ހޮސްޕިޓަލުގައި ގާއިމް ކުރުމުގެ އިތުރުން އައިޖީއެމްއެޗް އިން މާފުށީ ޖަލަށް ޑޮކްޓަރުން ފޮނުވުމުގައި ވެސް އެއްބަސްވުންތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަން ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެން ދާނެ ކަމަށް ސަލިމް ވިދާޅުވި އެވެ.
"އައިޖިއެމްއެޗް އިން ކަރެކްޝަން އަށް ކުރިޔަށް އޮތް ތަނުގައި ދެވޭ ހިދުމަތުގެ ފެންވަރު ވަރަށް ރަނގަޅު ވާނެ، އޭގެ އިތުރުން ޑޮކްޓަރުންނަށް ދެވޭ ހިދުމުގެ ފެންވަރު ރަނގަޅު ވެގެން ވެސް ދާނެ،" އެނާ ވިދާޅުވި އެވެ.