ހަބަރު

އިސްތިއުނާފުގައި ވަކީލަކު ހަމަޖައްސަން އަދީބަށް 10 ދުވަސް

ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އިއްވި 15 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގައި ވަކީލަކު ހަމަޖައްސަން 10 ދުވަސް ހައި ކޯޓުންދީފި އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ހައި ކޯޓަށް އަދީބުގެ ފަރާތުން ހުށަހެޅީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ. ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދެ އަހަރަށްވުރެ ގިނަ ދުވަހަށްފަހު މި މައްސަލައިގެ އިސްތިއުނާފް ފުރަތަމަ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބުގެ ވަކީލް މައްސަލައިން ތަނާޒުންވެފައިވާތީވެ، އޭނާގެ ފަރާތުން އެދުނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެކަމަށް ދައުލަތުންވެސް އިއުތިރާޒެއް ނެތުމުން އެމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ އިސް ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. އަދި 10 ދުވަސް ފަހުން އަޑުއެހުން ތައާވަލް ކުރާނެ ކަމަށާއި އެމުއްދަތުގައި ވަކީލަކު އައްޔަން ނުކުރެވިއްޖެނަމަ އަދީބު އެމައްސަލައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކުރީ ޓެރަޒިޒަމް ގާނޫނުގެ ދެ ވަނަ މާއްދާގެ އަކުރު (ހ) އާއި (ރ) އާއި (ބ) އާއި (ކ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ އަކުރު (ށ) ގެ ދަށުންނެވެ. ފަނަރަ އަހަރުގެ ޖަލު ހުކުމެއް އަދީބަށް އިއްވީ ޓެރަރިޒަމްގެ ކުށް ސާބިތުވުމުން ކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.

މި މައްސަލާގައި އަދީބު އެދިގެން ލޯންޗެއްގައި ގޮއްވާލުމަށް ދެ އައިއީޑީ އެއް ތައްޔާރުކޮށްދިން ކަމަށް ބުނެ އެތަކެތި ހެދި ސިފައިންގެ މީހާ ޝަރީއަތުގެ މަޖިލީހުގައި ވަނީ ހެކި ބަސް ދީފަ އެވެ.

އަދީބުގެ ދެ ބޮޑީގާޑުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލީ، ރިޔާސީ ލޯންޗުކޮޅުގައި އަދީބުއާއެކު އާރަށަށް ގޮސް، އެ ލޯންޗުކޮޅުގައި އައިއީޑީއެއް ހަރުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށެވެ. އެދެމީހުން މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން އަދީބަށް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ފިސްތޯލައެއް ގެންގުޅުނު މައްސަލައެއްގައި އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ.