ހަބަރު

މަޖިލީހުގެ 61 ދާއިރާއަކަށް ކުރިމަތިލުމާއި މެދު ޖޭޕީން މިރޭ ގޮތެއް ނިންމަނީ

އަންނަ އޭޕްރީމް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 61 ދާއިރާއަކަށް ކުރިމަތިލުމާމެދު ޖުމްހޫރީ ޕާޓީން މިރޭ ގޮތެއް ނިންމާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މަޖިލީހުގެ 61 ދާއިރާއަކަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ލިސްޓެއް މިހާރު ޖުމްހޫރީޕާޓީން ވަނީ އާންމުކޮށްފަ އެވެ. ޖޭޕީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އެ ޕާޓީގެ އަސާސީ ގަވައިދުގެ 51 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ކަނޑައަޅާފައިވާ ކަމަށެވެ.

ޖޭޕީގެ ޓިކެޓް ހޯދަން ކުރިމަތިލީ ފަރާތްތަކުގެ އިންޓަވިއު އާއި، އެހެނިހެން މައުލޫމާތު ފުރިހަމަކޮށް، އެކަމަށްޓަކައި އެކުލަވާލި ހަތް މެމްބަރުންގެ ކޮމިޓީއިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް މިރޭ ބާއްވާ އެ ޕާޓީގެ ކައުންސިލަށް ހުށަހަޅާނެ ކަމަށާއި، އެ ކައުންސިލް ބައްދަލުވުމުގައި އެ ރިޕޯޓާއި މެދު ގޮތެއް ނިންމާނެ ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.

ޖުމްހޫރީ ޕާޓީން އާންމު ކޮށްފައިވާ ލިސްޓުގައި ބައެއް ދާއިރާތަކަށް އެއް ފަރާތަަށްވުރެ ގިނަ ފަރާތްތަކުން ވެސް ކުރިމަތިލާފައި ވެއެވެ. އެ ދާއިރާތަކުގެ ޓިކެޓް ދޭނެ ފަރާތެއް ވެސް ކަނޑައަޅާނީ ޖޭޕީ ކައުންސިލުން ކަމަށް ބެލެވެއެވެ.

ޖޭޕީން އާންމުކޮށްފައިވާ ލިސްޓުގައި މިހާރުވެސް ޖުމްހޫރީޕާޓީގެ މެމްބަރުން ގޮތުގައި މަޖިލީހުގައި ތަމްސީލުކުރާ ގިނަ އަދަދެއްގެ މެމްބަރުންނާއި ގޮނޑި ގެއްލުނު ކަމަށް ކުރިން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ޕީޕީއެމް ދޫކޮށް، ދާދިފަހުން އެޕާޓީއާއި ގުޅުނު ބައެއް ފަރާތްތަކުގެ ނަންތައް ވެސް އެ ލިސްޓުގައ ހިމެނެ އެވެ.