މޯލްޑިވްސް ޕޮލިސް ސާވިސް

އައިފޯނު ވިއްކާ ކަމަށް ބުނެ މަކަރުން ފައިސާ ހޯދާ މައްސަލައެއް ބަލަނީ

އައިފޯން އެކްސް ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާތަކެއް މަކަރުން ހޯދި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ފޭސްބުކްގައި ހިންގަމުންދާ "މުހައްމަދު ޓެލެކޮމިއުނިކޭޝަން ލިމިޓެޑް" ނަމަކަށް ކިޔާ ޕޭޖަކުން އައިފޯން އެކްސް ވިއްކާ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމުގެ ދެ މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި އެޕޭޖް މެދުވެރިކޮށް އައިފޯން އެކްސް ގަންނަން ފައިސާ ޖަމާކޮށްފައިވަނީ ދިވެހި އަންހެނެއްގެ އެކައުންޓަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތް ކަމަށްވާ އެ އަންހެން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، އެ ފޭސްބުކް ޕޭޖުން އޭނާއަށް އޮޅުވާލައިފައިވާ ކަމަށާއި، އޭނާ އަތުން ފައިސާ ނެގުމަށްފަހު އައިފޯން އެކްސް ގެނެސްދީފައިނުވާ ކަމަށް އެ އަންހެންމީހާ ބުނި ކަމަށް ފުލުހުން ބުނެ އެވެ. އަދި ފަހުން އެ ފޭސްބުކް ޕޭޖު ހިންގާ ފަރާތުން އެ އަންހެން މީހާއަކީ އެޖެންޓެއް ކަމަށް ނިންމައި އެހެން ދިވެހިންގެ އަތުން ވެސް ފައިސާ ނެގުމަށްފަހު އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރަމުން ގެންދިޔަ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އެ އަންހެން މީހާގެ އެކައުންޓަށް ފައިސާ ޖަމާވުމުން، ފައިސާ ޖަމާވި ކަމުގެ ސްލިޕް އެ ފޭސްބުކް ޕޭޖް ހިންގާ ފަރާތުގެ ނަންމަބަރަށް ވައިބާ މެދުވެރިކޮށް ފޮނުވަމުންދާ ކަމަށެވެ. ފުލުހުން ބުނީ އެޕޭޖް ހިންގާ ފަރާތުން ގެންގުޅެނީ ބޭރު ގައުމެއްގެ ނަންބަރު ކަމަށެވެ. އަދި އެ އަންހެންމީހާގެ އެކައުންޓަށް އައިފޯން އެކްސް ގަތުމުގެ ބޭނުމުގައި އެކި ފަރާތްތަކުން ޖަމާކުރަމުންދާ ފައިސާ ވެސްޓާން ޔޫނިއަން މެދުވެރިކޮށް އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާގެ އެޑްރެސްއަކަށް ފޮނުވަމުން ދިޔަ ކަމަށެވެ.