އަހުމަދު ނަސީރު

ރާއްޖޭގެ އިންޝުއަރެންސު ދާއިރާގެ ޖުމްލަ ފައިދާ 92 ޕަސެންޓް އިތުރުވެއްޖެ

ރާއްޖޭގެ އިންޝުއަރެންސް ދާއިރާގެ ޖުމްލަ ފައިދާ 92 ޕަސެންޓް އިތުރުވެ، 136 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.

އެލައިޑުގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި އޮތް "އެލައިޑް ސްޕެޝަލް އިވެންޓު" ގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ރާއްޖޭގައި އިންޝުއަރެންސް ހިދުމަތްދޭން ފަސް ކުންފުނި ހަރަކާތްތެރިވާއިރު ދާއިރާގެ ޖުމްލަ އަގު 800 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި މި ދާއިރާގެ ޖުމްލަ އެސެޓް ހަތް ޕަސެންޓުގެ އިތުރުވުމަކާއެކު 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

"ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ކުރިއަރަމުން މި އަންނަނީ ވަރަށް ބާރު މިނެއްގައި. ގިނަ ކުރިއެރުންތަކެއް ވެސް ދަނީ ހޯދަމުން،" ނަސީރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އެމްއެމްއޭގެ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން ހަދާފައިވާއިރު، އިންޝުއަރެންސް ދާއިރާ ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާނެ ކަމަށެވެ.

އިންޝުއަރެންސް ގާނޫނެއް ހަދާނެ

ގަވަރުނަރު ވިދާޅުވި ގޮތުގައި އިންޝުއަރެންސުގެ ގާނޫނެއް ހެދުމުގެ ގޮތުން ކަމާބެހޭ އިދާރާއަށް އެ ބިލް ފޮނުވާފައިވާނެ އެވެ.

"އިންޝުއަރެންސް ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅަށް ދެނެގަތުމަށްޓަކައި ގަވައިދެއް މަސައްކަތް ވެސް ދަނީ ކުރަމުން. އިރާދަ ކުރެއްވިއްޔާ މި އަހަރު އެ ރެގިއުލޭޝަނަށް އަމަލު ކުރަން ކުރަންޖެހޭ ކަންތައްތައް ކުރެވޭނެ،" ނަސީރު ވިދާޅުވިއެވެ.

އިންޝުއަރެންސް އެޑްވައިޒަރީ ބޯޑެއް

ގަވަރުނަރު އިތުރަށް ވިދާޅުވީ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަރުނަންސް ހަރުދަނާ ކުރުމުގެ ގޮތުން އެކަމަށް ހާއްސަ ގަވާއިދެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ދާއިރާ ފުޅާ ކުރުމަށް އިންޝުއަރެންސް ކެޕޭސިޓީ އިތުރުކޮށް، ޓެކްނޮލޮޖީއަށް އިތުރު އަހައްމިއްޔަތުކަން ދޭން ޖެހޭ ކަމަށެވެ. މީގެ އިތުރުން މި ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރުކޮށް ދިވެހިންނަށް ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންޝުއަރެންސާ ގުޅުންހުރި ކަންކަތައްތަކުގައި އިންޝުއަރެންސް އެޑްވައިޒަރީ ކައުންސިލެއް ހެދުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. މި މަސައްކަތާއެކު އުންމީދު ކުރަނީ އިންޝުއަރެންސް ސެކްޓާ އިިތުރަށް ތަރައްގީވެ ފުޅާ ވެގެންދާނެ ކަަމަށް،" ގަވަރުނަރު ވިދާޅުވި އެވެ.

އިންޝުއަރެންސާ ގުޅުންހުރި ކަންކަތައްތަކުގައި އިންޝުއަރެންސް އެޑްވައިޒަރީ ކައުންސިލެއް ހެދުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. އުންމީދު ކުރަނީ އިންޝުއަރެންސް ސެކްޓާ އިިތުރަށް ތަރައްގީވެ ފުޅާ ވެގެންދާނެ ކަމަށް.
އަހުމަދު ނަސީރު | އެމްއެމްއޭގެ ގަވަރުނަރު

އެލައިޑް އިންޝުއަރެންސުގެ ވިޔަފާރިއާބެހޭ ގޮތުން ގަވަރުނަރު ނަސީރު ވިދާޅުވީ މި ދާއިރާ ތަރައްގީ ވެގެން ދިއުމުގައި އެލައިޑުގެ ދައުރު ބޮޑު ކަމަށެވެ.

"އެލައިޑް ވަނީ ރާއްޖޭގެ އިންޝުއަރެންސް މާކެޓުގެ ބޮޑު ބައެއް ނަގާފަ. އެލައިޑްއަކީ ހަމައެކަނި ރާއްޖޭގައި ލައިފް އިންޝުއަރެންސް ދޭ ކުންފުނި. ހަމައެހެންމެ ތަކާފުލް ވިންޑޯގެ ދަށުން އިސްލާމިކް އުސޫލުގެ އިންޝުއަރެންސްދޭ. އެހެން ކުންފުނިތަކާ ހިލާފަށް އެކި ކްލާސްތަކަށް އެލައިޑުން ދަނީ އިންޝުއަރެންސް ދެމުން،" ނަސީރު ވިދާޅުވި އެވެ.