ވިޔަފާރި

އަތޮޅު ތެރޭގައި ގެދޮރު އަޅަން ފަސް ޕަސެންޓުގައި ލޯނު ދޫކުރަނީ

ރަށްރަށުގައި ގެދޮރު އަޅަން ފަސް ޕަސެންޓުގައި ލޯނު ލިބޭނެ ސްކީމެއް ތައާރަފު ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ތައްޔާރުވާން ފަށައިފި އެވެ.

އެމްއެމްއޭގެ އަހަރީ ދުވަހުގެ ޖަލްސާގައި ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި ގެދޮރު އަޅަން ތައާރަފުކޮށްފައިވާ ލޯނު މި ސްކީމްގެ ތިންވަނަ ފިޔަވަހީގައި އަތޮޅު ތަކަށް ފަސް ޕަސެންޓުގެ ރޭޓުން، އެއް މިލިޔަން ރުފިޔާގެ ލޯނު ސްކީމެއް ހުޅުވާލަން ތައްޔާރު ވަމުންދާ ކަމަށެވެ. ނަމަވެސް މި ސްކީމުގެ ތަފްސީލެއް ގަވަރުނަރު ނުދެއްވަ އެވެ.

މަރުކަޒީ ބޭންކުން މި ލޯނު ސްކީމު ފުރަތަމަ ތައާރަފުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. މި ސްކީމުގެ މަގުސަދަކީ ގެދޮރުގެ ދަތިކަން ހުރި ރައްޔިތުންނަށް ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސް ހޯދޭނެ ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމެވެ. މި ސްކީމުން ލޯނު ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މި ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 53 ފަރާތެއްގެ ޑައުންޕޭމަންޓަށް ވާ ފައިސާގެ އަދަދު ކަމުގައިވާ 24 މިލިއަން ރުފިޔާ ގެރެންޓީ ވަނީ ދީފަ އެވެ. އަދި 31 ޑިސެމްބަރު 2018 ގެ ނިޔަލަށް، ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން 75 ފަރާތަކަށް ލޯން ހަމަޖައްސައިފީފައިވެ އެވެ.

މި ސްކީމު ތައާރަފުކޮށްފައިވަނީ ޓާޓާ ފްލެޓް ލިބުނު ފަރާތްތަކަށް އިސްކަންދީގެންނެވެ. މި ލޯނު ދައްކަން 25 އަހަރު ލިބެ އެވެ. މި ލޯނު ލިބޭ އެންމެ ބޮޑު އަދަދަކީ 2.2 މިލިއަން ރުފިޔާ އެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓް ބިނާވަނީ ޑައުންޕޭމަންޓް ދައްކާ ނިސްބަތަކުންނެވެ. މި ސްކީމަށް ނަގާ ލޯނުތަކަށް ލޯނު ޑައުންޕޭމަންޓަށް 20 ޕަސެންޓް ދައްކާނަމަ ފަސް ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި ލިބެ އެވެ. ދިހަ ޕަސެންޓްގެ ޑައުންޕޭމަންޓެއް ނަމަ އިންޓަރެސްޓް ރޭޓަކީ 5.5 ޕަސެންޓެވެ. އޭގެ އިތުރުން ޑައުންޕޭމަންޓަށް ފަސް ޕަސެންޓް ދައްކާ ނަމަ އިންޓަރެސްޓް ރޭޓު އުޅެނީ ހަ ޕަސެންޓުގަ އެވެ.

ރާއްޖޭގެ ބޭންކްތަކުގައި އާއްމު ގޮތެއްގައި ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓްއުޅެނީ 11 ޕަސެންޓުން މަތީގަ އެވެ.