ވިޔަފާރި

ޕޭމަންޓް ވިއުގަ އަޅައިދޭން 36 ކުންފުންޏެއް ޝައުގުވެރިވެއްޖެ

ރާއްޖޭގައި ނަގުދު ފައިސާ ބޭނުން ކުރުން މަދު ކުރަން މުޅި ރާއްޖޭގައި ގުޅާލައި ނޭޝަނަލް ޕޭމަންޓް ސިސްޓަމް ފޯރުކޮށް ދޭން ޝައުގުވެރިވި 36 ކުންފުންޏަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ ނޭޝަނަލް ޕޭމަންޓް ސިސްޓަމް ވިއްކަން ކުރިމަތި ލެވޭނީ މި އަހަރުގެ ޖެނުއަރީ 31 ގައި އެމްއެމްއޭގައި ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ރަޖިސްޓްރީ ކުރި ފަރާތްތަކަށް ކަމަށެވެ.

ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވެ 36 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި މި ފަރާތްތަކުގެ ތެރެއިން 25 ފަރާތަކުން ވަނީ އެ ފަރާތްތަކުން ގެންގުޅޭ ޕޭމަންޓް ސިސްޓަމްތަކުގެ ސޮލިއުޝަންތަކާ ބެހޭ ގޮތުން ޕްރެޒެންޓޭޝަން ވެސް ދީފަ އެވެ.

އެމްއެމްއޭ އިން ބުނީ ސިސްޓަމްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް ކުރިމަތިލާފައި ވަނީ ދުނިޔޭގައި މި ހިދުމަތް ދޭ މަޝްހޫރު ކުންފުނިތަކުން ކަމަށެވެ.

އެގޮތުން އެ ކުންފުނިތައް ނިސްބަތްވާ ގައުމުތަކުގެ ތެރޭގައި ލެޓްވިއާ އާއި ފިންލޭންޑް އަދި ސްވިޑަންގެ އިތުރުން ކެނެޑާ އާއި އިންޑިއާ އަދި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން އިޓަލީ އާއި ނިއުޒިލޭންޑް އަދި ސިންގަޕޫރު ފަދައ ގައުމުތައް ހިމެނެ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަނީ ރާއްޖޭގެ ބޭންކްތަކާއި ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ ބޭރުގެ ޖަމިއްޔާތަކާ ވެސް ގުޅިގެނެވެ. އެ ފަރާތްތަކުގެ ލަފާ ހޯދާ މި ނިޒާމަކީ ރާއްޖޭގެ ވިޔަފާރި އާއި އާއްމު ދިރިއުޅުމަށް އަންނާނެ އިންގިލާބަކަށް ވެގެންދާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވި ގޮތުގައި މި ސިސްޓަމްގެ ސަބަބުން ޒުވާނުންނަށް ވެސް ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. ގިނަ ޒުވާނުން މޮބައިލް އެޕްލިކޭޝަންތަކެއް ހަދައިގެން މަސައްކަތް ކުރާނެ ކަމަށާ، މި ސިސްޓަމްގެ ސަބަބުން އެފަދަ މަސައްކަތް ކުރާ ޒުވާނުންނަށް އާ ދޮރެއް ހުޅުވޭނެކަ ކަމަށެވެ.

"މި ސިސްޓަމް މިހާރު ހުރި އެޕްތަކާ ގުޅިގެންދާނެ. އެހެންވީމަ ކޮންމެ ބޭންކްއެއްގައި އެކައުންޓު އޮތް ނަމަވެސް ވަގުތުން ވަގުތަށް ރިއަލް ޓައިމްކޮށް ޕޭކޮށްލެވޭނެ. ބިލްތަކާ ސަރުކާރަށް ދައްކަން ޖެހޭ ޕޭމަންޓްތައް ވެސް ބަރާބަރަށް ދައްކާލެވޭނެ،" ނަސީރު ވިދާޅުވި އެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމްކުރަނީ ރާއްޖޭގެ 400،000 މީހުންނަށް މި ހިދުމަތް ދެވޭ ފެންވަރަށެވެ. އަދި މި ނިޒާމަކީ އަވަސް ފަސޭހަ އަދި ރައްކާތެރި ނިޒާމަކަށްވާނެ އެވެ. މި ސިސްޓަމް ގާއިމްކޮށް ނިމޭއިރު، ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް މި ފަސޭހަ ލިބިގެންދާނެ އެވެ. އެގޮތުން އެ މީހުންނަށް ސްމާޓް ކާޑަކުން ހިދުމަތް ހޯދޭނެ އެވެ. އަދި އާއްމު މީހާ އަށް އެއް ތަނުން އަނެއް ތަނަށް ފައިސާ ފޮނުވަން މިހާރަށް ވުރެ ފަސޭހަ ވެގެންދާނެ އެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ހާއްސަ ސެލްފް ސާވިސަސް ޓާމިނަލްތަކެއްގެ އެހީގައި ޕޭމަންޓް އެޕްލިކޭޝަން ދައްކާލެވޭނެ އެވެ.