ވިޔަފާރި

އެމްއެމްއޭގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރަން ބަދަލު ގެންނަނީ

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަކީ ރައްޔިތުން އިތުބާރު ކުރާ މުއްސަސާއަކަށް ހެދުމަށްޓަކައި އެތެރޭގެ ހިންގުން ހަރުދަނާ ކުރަން ބަދަލު ގެންނަމުންދާ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ އެމްއެމްއޭ އަކީ ރާއްޖޭގެ މަރުކަޒީ ބޭންކު ކަމަށާއި ވިޔަފާރި ބޭންކުތަކާއި މުޅި މާލީ ދާއިރާގެ ބެލެނިވެރިފަރާތް ކަމަށްވާއިރު، މި އިދާރާއަކީ ރައްޔިތުން އިތުބާރުކުރާ ތަނަކަށް ވާން ޖެހޭ ކަމަށެވެ.

"މި އިދާރާއަކީ ރައްޔިތުން އިތުބާރުކުރާ، އަދި ނަޒާހަތްތެރި މުއައްސަސާއެއްގެ ގޮތުގައި އޮންނަން ޖެހޭ، މިގޮތުން، އޮތޯރިޓީގެ އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތައް އަޅުގަޑުމެން މި ދަނީ ގެންނަމުން، ރައްޔިތުންގެ އިތުބާރު ވަރުގަދަ ކުރުމަށްޓަކައި އަޅަންޖެހޭ ވަރަށް ގިނަ ފިޔަވަޅުތައް މިދަނީ އަޅަމުން،" ނަސީރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމައްޓަކައި ވަކި ވަކި މާލީ ކުންފުނިތަކާ އަދި މުޅި މާލީ ނިޒާމަށް ކުރިމަތިވެދާނެ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލެވޭނެ މިންވަރަށް އެ ދާއިރާ ތައްޔާރަށް އޮތްކަން ޔަގީން ކުރަންޖެހޭ ކަމަށެވެ. އަދި މި ފަދަކަމެއް ދިމާވެދާނެ ކަމަށް ފާރަވެރިވެ، އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމައްޓަކައި ވަކި ވަކި މާލީ ކުންފުނިތަކާ އަދި މުޅި މާލީ ނިޒާމަށް ކުރިމަތިވެދާނެ ކޮންމެ ގޮންޖެހުމަކަށް ކުރިމަތިލެވޭނެ މިންވަރަށް އެ ދާއިރާ ތައްޔާރަށް އޮތްކަން ޔަގީން ކުރަންޖެހޭ ކަމަށެވެ. އަދި މި ފަދަކަމެއް ދިމާވެދާނެ ކަމަށް ފާރަވެރިވެ، އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

ރާއްޖޭގެ މާލީ ދާއިރާގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން ގަވަރުނަރު ނަސީރު ވިދާޅުވީ 21 ވަނަ ގަރުނުގައި ބަވަނަވަމުންދާ ދުނިޔޭގައި މާލީ ދާއިރާއަށް އަންނަ ތަރައްގީއަށް އަހުލުވެރިވުމަށް އެމްއެމްއޭއިން ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.

"ޒަމާނީ ވިސްނުން ހުރީ ޑިޖިޓަލް ކަރަންސީ އާ ދިމާލަށް، އެހެންކަމުން އެމްއެމްއޭގެ ވެސް އަމާޒަކީ ޓެކްނޮލަޖީ ގޮތުން ކުރިއެރުންތައް ހޯދާ އިންގީލާބީ އަދި އީޖާދީ ބަދަލުތައް މިދާއިރާއަށް ގެނައުން، އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާ އެއް މަޝްރޫއަކީ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، މި މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ފައިސާގެ މުއާމަލާތްތައްކުރުމުގައި ނަގުދު ފައިސާއަށް ބަރޯސާނުވެ އެންމެ ޒަމާނީ ފެންވަރުގައި ޑިޖިޓަލްކޮށް ބޭނުންކުރުމުގެ މަގު ފަހި ވެގެން ދާނެ، އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާ، މި ލުއިފަސޭހަތައް ރައްޔިތުންނަށް ލިބިގެންދިއުން،" ނަސީރު ވިދާޅުވި އެވެ.