ދިވެހި ސިނަމާ

"ގޮށްރާޅަށް" ތައްޔާރުތަ؟

ރާއްޖޭގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމަންޓުން ދެން އެންމެ އަވަހަށް ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ގޮށްރާޅު" އޮލިމްޕަހުގައި އަޅުވަން އެންމެ ހަތަރު ދުވަހަށް ވެފައިވާއިރު، މި ފިލްމަކީ މިއަހަރު އެންމެ ބޮޑު އުއްމީދެއް ކުރެވޭ އެއް ފިލްމެވެ.

"އަހްމަދު ޝިނާން އަދި ފިލްމުގެ ޓީމުން ދިވެހި ސިނަމާއަށް އާ ބެންޗްމާކެއް ގެނެސްދީފި،" މިއީ ޑާކް ރެއިންގެ ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށްފައިވާ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ)، "ގޮށްރާޅު" ގެ ޓްރެއިލާ އާންމުކުރި ދުވަހު ފޭސްބުކްގައި ކޮށްފައިވާ ފޯސްޓެއްގައި ބުނެފައިވާ ބަސްކޮޅެކެވެ. މި ފިލްމުން ދިވެހި ސިނަމާ އަށް އިންގިލާބެއް ގެނުވާނެ ކަމަށް ފިލްމުގެ ޓީމުން ބުނަމުންދާއިރު، މިއީ ވަރުގަދަ ފިލްމަކަށް ވާނެ ސަބަބުތައް ގިނަ އެވެ.

ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ތައްޔާރުކުރީ، ދިވެހި ސިނަމާގައި ބޮޑު ކާމިޔާބީތަކެއް ހޯދި ފިލްމުތައް ކަމުގައިވާ "ލޫދިފާ" އާއި "ހެޕީ ބާތްޑޭ" ގެ ސްކްރީންޕްލޭ ތައްޔާރުކުރި މޫމިން ފުއާދު އެވެ. މިއީ ރާއްޖޭގައި ނެރޭ ފިލްމުތަކާ ހިލާފަށް ތަފާތު ޖޯންރާ އަކަށް ގެނެސްދޭ ފިލްމަކަށް ވެފައި، މިހާތަނަށް ނެރުނު ކުޑަ ޓްރެއިލާ ތަކުންވެސް ފިލްމުގެ ހުރި ތަފާތު ދައްކާލައިފި އެވެ. ޓްރެއިލާ ވެސް ވެގެން ދިޔައީ މުޅިން ތަފާތު ކޮމްބިނޭޝަން އެއްގެ ޓްރެއިލާ އަކަށެވެ. ސިނަމެޓޮގްރަފީ އާއި އެކްޓަރުންނަށް ބެލި ކަމުގައިވިޔަސް "ގޮށްރާޅު"ގެ ކުޑަ ޓްރެއިލާ އިން ތަފާތު ދެއްކި އެވެ.

"ގޮށްރާޅު"ގެ އެންމެ ފަހު ޓްރެއިލާ

"ގޮށްރާޅު" އޮލިމްޕަހުގައި އަޅުވަން ހަތަރު ދުވަހަށް ވެފައިވާއިރު، ފިލްމުގެ ޕްރިމިއާ ނައިޓުގެ ޓިކެޓުތައް މިހާރު ހުސްވެފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) މިއަދު ބުންޏެވެ.
"ފިލްމު އަޅުވަން މިހާރު ތިން ދުވަހަށް ވެފަ މިއޮތީ، ޕްރިމިއާ ނައިޓްގެ ހުރިހާ ޓިކެޓްތަކެއްވެސް މިހާރު ހުސްވެއްޖެ. އާއްމުންގެ ފަރާތުން ލިބޭ ތަރުހީބު ވަރަށް ބޮޑު"

ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު"ގެ ކާސްޓުން ހޮވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރި ދުވަހުން ފަށައިގެންވެސް ގިނަ ބަޔަކު ތިބީ އެ ފިލްމް ބަލަން އޮލިމްޕަހަށް ވަންނަން ރެޑީގަ އެވެ. ފިލްމުގެ ޓީމުން ބުނާފަދަ، "އިންގިލާބެއް ގެނުވާނެ" "ބެންޗްމާކަކަށްވާނެ" ފިލްމަކަށް މި ފިލްމު ވެދާނެ ހެއްޔެވެ؟

އެންމެ ނުފޫޒުގަދަ ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ތަފާތު ފިލްމުތަކަކީ އެހެން ޕްރޮޑަކްޝަން ހައުސްތަކަށް ގޮންޖަހާލެވޭ ވަރުގެ ބައެއްކަން ރާއްޖޭގައި އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑްސް ނައިޓްގައި އެ ޓީމުން ވަނީ ޔަގީންކޮށްދީފަ އެވެ. މިދިޔަ އަހަރު ބޭއްވި ފިލްމު އެވޯޑްސްގައި 32 ދާއިރާއަކުން އެވޯޑް ދިން އިރު 21 އެވޯޑެއް ގެންދިޔައީ ޑާކްރެއިން އިންނެވެ.

މި ފިލްމު އޮލިމްޕަހުގައި ޕްރިމިއާ ކުރާނީ ފެބްރުއަރީ މަހުގެ ހަތަރެއްގަ އެވެ. ލީޑު ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާ މި ފިލްމުގައި މުހިންމު ރޯލުތަކުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެންދާނެ އެވެ. މިއީ ޒަކިއްޓެއް ދިވެހި ސިނަމާއަށް ތައާރަފުވާ ފިލްމެވެ.
ކާސްޓުގައި ހިމެނޭ އިތުރު ފަންނާނުންނަކީ ނުޒުހަތު ޝުއައިބް، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް އަދި ހަމްދާން އެވެ. މީގެ ތެރޭގައިވެސް ގިނައީ ދައިރާއަށް އަލަށް ތައާރަފުވާ ފަންނާނުންނެވެ.