ހަބަރު

ވޯޓާސް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި

Jan 31, 2019

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލެވޭނެ މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

ވޯޓާސް ލިސްޓް ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

އިއުލާނުގައިވާ ގޮތުން ޝަކުވާ ހުށަހަޅަން ޖެހޭނީ ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށެވެ. ރަށްރަށުގައި ނަމަ އެ ރަށެއްގެ ކައުންސިލް އިދާރާއަށެވެ. އައްޑޫ، އަދި ފުވައްމުލައް ސިޓީ ނަމަ އަވަށު އޮފީހަށެވެ.

މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހަކަށް ލިބެ އެވެ.

ވޯޓާސް ލިސްޓް އާންމުކުރީ ރިޔާސީ އިންތިހާބަށް އެކުލަވާލި ގޮތަށެވެ. ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓްރީކޮށްފައިވާނަމަ، ވޯޓުލާ ރަށް ބަދަލުނުވާނަމަ މިފަހަރު އަލުން ރީ ރަޖިސްޓާކުރަން ނުޖެހޭނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.