ހަބަރު

"ދުންފަތުގެ މައްސަލާގައި އަތް އުރާލައިގެން ތިބެވޭކަށް ނެތް"

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދު ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދުންފަތް ކޮންޓްރޯޯލް ކުރުމުގެ ގާނޫނު 2010 ގައި ފާސްކޮށްފައިވާ ކަމަށާއި އެ ގާނޫނުގެ ދަށުން ހަދަން ލާޒިމްކުރާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު ވެސް ވަނީ 2012 ވަނަ އަހަރު އެކުލަވާލާފައި ކަމަށެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ ގަވާއިދު އޮތީ ތަންފީޒުނުކޮށް ބާއްވާފައި ކަމަށެވެ.

ރައީސް ވިދާޅުވީ، 2017 ވަނަ އަހަރުވެސް އެ ގަވާއިދަށް އިސްލާހުތައް ގެނެސް ގެޒެޓް ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް ތަންފީޒު ކުރުމަށްޓަކައި އޭރުގެ ސަރުކާރަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ ގަވާއިދު ވެސް އޮތީ ގެޒެޓް ނުކޮށް ބާއްވާފައި ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އެ ގަވާއިދު ގެޒެޓްކޮށް އަމަލު ކުރަން ފެށީ މިކަމުގެ މުހިންމުކަން ބޮޑުކަމުން، އަޅުގަނޑު ދެކޭގޮތުގައި ގައުމެއް ކުރި އަރާނީ ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާ ކޮށްގެން، އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީ ދުންފަތާއި ގުޅުންހުރި ބަލިތަކަށް، ދެ އަތް އުރާލައިގެން މި އަޑުތައް އަހަން ތިބެވޭކަށް މިއަދަކުނެތް، މިއީ ފިޔަވަޅު އަޅަންވީ ވަގުތު، މިކަމަކީ ގެޒެޓްކުރާ ގަވާއިދަކުން ހާސިލް ކުރެވޭނެ ކަމެއް ނޫން،" ރައީިސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ދިވެހިން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި ރާއްޖޭގައި މިހާރު އެންމެ ގިނައިން މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ. ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުން 84 ޕަސެންޓަކީ ކެންސަރާއި ހިތުގެ ބަލިތަކާއި ސުޓްރޯކާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުންހުރި ބަލިތަކުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މިބަލިތަކަށް ވާސިލްވާ އެންމެ ބޮޑަށް ވާސިލްވާ ރިސްކް ފެކްޓާއަކީ ދުންފަތުގެ އިސްތިއުމާލް ކުރުން، އާސަންދައިން ކޮންމެ އަހަރަކު އެންމެ ގިނައިން ހަރަދުކުރަންޖެހޭ ފަސް ބަލީގެ ތެރޭގައި ދުންފަތާއި ގުޅުންހުރި ބަލިތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލް ކުރާ މީހަކު މަހެއްގެ މައްޗަށް 1000 ރުފިޔާ އާއި 3500 ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދުކުރާ ކަމަށާއި ރާއްޖެ ފަދަ ކުޑަ އާބާދީއެއްގެ ނިސްބަތުން އެ އަދަދަކީ ވަރަށްވެސް ބޮޑު އަދަދެއް ކަމަށެވެ.

"މިއަދު މިނަގާ ފިޔަވަޅުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުން ލިބޭ ގެއްލުންތަކާމެދު އާންމުން ހޭލުންތެރިކުރުން، އަދި ވަކިވަކިން ސިނގިރޭޓް ވިއްކުން ހުއްޓުވުން، ދުވާލަކު ސިނގިރޭޓް ފޮއްޓެއް ބޭނުންކުރާ މީހަކަށް އަހަރެއްގެ ތެރޭގައި 7003 ފަހަރުު މި އިންޒާރުގެ މެސެޖް ފެންނާނެ، މި އިންޒާރުތައްފެނި އާންމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުވުމުން ދުންފަތުގެ އިސްތިއުމާލް ކުރާ މިންވަރު މަދުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.