ހަބަރު

މިއަދުން ފެށިގެން ދުންފަތަށް އަލްވަދާއު ކިޔަމާ: ރައީސް

ދުންފަތުގެ ވަބާއިން މިންޖުވެފައިވާ ގައުމަކަށް މި ރާއްޖެ ހެދުމަށްޓަކައި މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހެއްދެވުމަށް ރައީސް އިބްރަހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުއްވި ހިތޯބުގައި ރައީސް ވިދާޅުވީ އެފަދަ ދުވަހެއް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަނީ ދުންފަތުގެ ވަބާއިން އިންސާނުން ސަލާމަތްކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކޮށް، ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރުމަށްޓަކައި ބާރުއެޅުމަށް ކަމަށެވެ. އެގޮތުން ވަކިން ސިނގިރޭޓު ވިއްކުމާއި ސިއްހީ ގެއްލުންތައް ދައްކުވައިދޭ ލޭބަލް ޖަހައިގެން ނޫނީ ސިނގިރޭޓު ފޮށި ވެސް ނުވިއްކޭ ގަވައިދު މިއަދު ގެޒެޓުކޮށްފައިވާ ކަަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ރައްޔިތުން ދުންފަތާ ދުރުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި މިއަދުން ފެށިގެން ދުންފަތަށް އަލްވަދާއު ކިޔުމަށް ގޮވާލާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ދެންނެވި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަކީ، ތިޔައިން ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މުޅި މުޖްތަމައުގެ މަސްލަހަތަށްޓަކައި ހަދާފައިވާ އެފަދަ ގާނޫނުތަކާއި ގަވާއިދުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް، އިދާރާތަކަށް ގޮވާލާފައިވާ ކަމަށެވެ. އަދި ދުންފަތުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ފަރުދީ އަދި އިޖްތިމާއީ ފެންވަރުގައި މަސައްކަތް ކުރުމަށް ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.

މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ހަރަކާތްތައް އަމާޒުކޮށްފައިވަނީ "ފުއްޕާމޭގެ ދުޅަހެޔޮކަމާއި ދުންފަތް"ގެ ޝިއާރުގަ އެވެ.