ވެރިރަށް މާލޭގެ އެންމެ ކާރުބާރޫ ބޮޑު މަޖީދީމަގަކީ ސުރެންސުރެން ދަމާލާފައިވާ ބޮޑު ފިހާރަ ފައްޗެކެވެ. މިއީ މާލޭގައި އެންމެ ބޮޑު ބާޒާރު ވެސް މެއެވެ. ފައިވާނާއި ހެދުމާއި ބޫޓާއި ދަބަސްތަކުގެ ފިހާރަތަކުގެ މެދަށް މުޅީން އެހެން ރަހައެއްގެ ފިހާރައެއް ހުޅުވުމުން ދެން އަޅައި ނުގަނެއް ނުދާނެ އެވެ. ނަންވެސް ތަފާތީ އެވެ. ބާވަތާއި ރަހަ ވެސް ތަފާތީ އެވެ. މަޖީދީ މަގުގައި މާ އަލި ގަދަވެގެން އުޅެނީ "ފްރައިޑޭ ކިޗަން" އެވެ.
ބާޒާރު ހަބެއްގެ މެދުގައި ހުރި "ފްރައިޑޭ ކިޗަން" ފިހާރަތެރެއަށް ވަދެގެން ދިޔައިރު މި ވަދެވުނީ މަޖީދީ މަގުގެ ފިހާރައަކަށްތޯ ނޫނީ ޒަމާނީވެފައި އޮތް އިންޑިއާ / ޕާކިސްތާނު އަވަށްގަނޑު ހިސާބުގެ ބަޒާރުމަތީ ފިހާރައަކަށްތޯ ސުވާލު އުފެދުނެވެ. ތަފާތަކީ މި ފިހާރާގައި މިހިރަ ތަކެތި އިންޑިއާގައި ހުންނަހެން ގޯނި ގޯނީގައި ފުނި ފުންޏަށް ނެތުމެވެ. ވިއްކަން ހުންނަ މީހާ މުއްޖަހާފައި ގޯނިތަކުން ނުނަގާ ކަމެވެ. ވެއްޓޭ އެއްޗެހި ނަގައި އަނެއްކާ ގޯންޏަށް ނުލާ ކަމެވެ. އެކި ޒާތް ޒާތުގެ ފޮނި ކާއެއްޗެހި ބަންދުކޮށްފައި މިހުރީ ރީތި ބޮޑެތި ބޯ ބިއްލޫރި ފުޅިތަކެއްގަ އެވެ. ބޭރަށް އެބަފެނެ އެވެ. ވަދެވިފައި މިހުރީ ހިއްކި މޭވާ އާއި ހަލުވާތަކާއި ބަދަނުގެ ގުދަނަކަށް ނޫނެވެ. ދުނިޔެ އަކަށެވެ. މިދުނިޔެ މިއޮތީ މަޖީދީ މަގުގަ އެވެ. މިތާނގައި ކުޅު ދިޔައިވާ ގޮތް އެބަވެއެވެ.
މި ފިހާރައިގައި ބަރިބަރިއަށް އަތުރާފައި ހުރި ފުޅިތަކުގައި އެތައް ވައްތަރެއްގެ ހިއްކި މޭވާ އެބަހުއްޓެވެ. މޭވާގެ އޮށާއި ބަދަނެވެ. ވާތްފަޅީގައި ހިއްކާފައި މިހިރީ އެކި ފާޑު ފާޑުގެ މޭވާ އެވެ. ކަނާތްފަޅީގައި ނަން ހުސްކުރާ ވަރަށް އެކި ސައިޒުގެ ބަދަނެވެ. ބަދަނުގެ ވެސް އެކި ވައްތަރެވެ. މި ބަދަންތައް ފޮނިކުރަމުން ކުރަމުން ގޮސް އެންމެ ފަހުން ޗީޒް އަޅައިގެން ބާބަކިއުހަދައި، ރޯފިލުވާލާފައި ވެސް އެބަހުއްޓެވެ.
ބަދަންތަކާ ޖެހިގެން މިހުރީ ދިވެހިންގެ ރަހަތަކާ މުޅިން ތަފާތު ދުބާއީ އާއި ތުރުކީގެ ފޮނި ހަލުވާ ތަކެކެވެ. ހަމައެކަނި ހަލުވާތައް ބަލައިލަން ވެސް ރީއްޗެވެ. ކާށި ހުންނާއި ހަކުރު އުނގުޅި ހަލުވާތައް ވަރަށް ވަރަށް ފޮންޏެވެ. މިއީ ތުރުކީ މީހުންގެ "ޓާކިޝް ޑިލައިޓްސް" އެވެ. ފޮނި ކަމުންގޮސް ކުޑަދުލަށް ވެސް ވަރަށް "ޑިލައިޓްފުލް" އެވެ.
ތުރުކީ މީހުންގެ "ސިގްނޭޗާ" ޓާކިޝް ޑިލައިޓްސް ރާއްޖޭގެ ބާޒާރުގައި އަތްފޯރާ އަގެއްގައި، ދިވެހިންނަށް ވިއްކި ދާނެ ކަމަށް ކުރިން ހީ ކުރެވިފައެއް ނޯވެއެވެ. އެކަމަކު މިއޮއް ވިކެނީ އެވެ. އަދި މި ހަލުވާތަކާއި ފޮނި މާމުޔާއި ފޮނި ހުންޏާއެކު މޮޑެވިފައި އޮތީ ވެސް ލޯބީގެ ކުޑަ ވާހަކަ އެކެވެ. "ފްރައިޑޭ ކިޗަން" ފެށެނީ މި ވާހަކައިންނެވެ. މި ފިހާރައިގެ ޑިސްޕްލޭގައި މިހިރަ ތުރުކީ ހަލުވާ ތަކުގެ ފޮނި ރަހަ މިގޮތަށް ލިބެން މި ފެށީ ދިވެހި ޖޯޑެއްގެ ލޯބީގެ ގުޅުމަކުންނެވެ.
މި ފިހާރައިގެ ވެރިންނަކީ އިންޑިއާގެ ހަބީބް ރަހްމާން މުހައްމަދު ހަނިފާ އާއި އޭނާގެ އަންހެނުން ރާއްޖޭގެ ރައުނާ މުހައްމަދެވެ. ރައުނާގެ ދޮށީ ފިރިހެންދަރިފުޅު އަދި ހަބީބުގެ ދޮންދަރިފުޅުގެ ކައިވެނި ހަފްލާ ދަރުބާރުގޭގައި ބޭއްވީ 2017 އިގެ މެދުތެރޭގައި އަރަބި ތީމަކަށެވެ. ކައިވެނީގެ އެ ހަފްލާގައި މެހެމާނުންނަށް ދިން ހަދިޔާ އަކީ މި "ފްރައިޑޭ ކިޗަން" ގައި މިހިރަ ކަހަލަ ފޮނިގަދަ "ޓާކިޝް ޑިލައިޓްސް" އެވެ. މެހެމާނުންނަށް ދިން އެ ކުޑަ ހަދިޔާއަށްފަހު، ދިވެހިން ވެސް ތުރުކީގެ ރަހަތަކަށް އާނއެކޭ ބުނާނެ ކަން ޔަގީން ވުމުން ޖެހިގެން އައި އަހަރު މި ވިޔަފާރި ފެށީ އެވެ.
"އެންމެ ފުރަތަމަ ކައިވެނި ޕާޓީގެ ތީމާމެދު ވިސްނި އިރުވެސް ހިއެއް ނުކުރަން މިކަހަލަ އެއްޗެއް ގެންނަން ޖެހޭނެ ކަމަކަށް. ދެން ފަހުން އަރަބިކް މޮރޮކޮން ތީމް ފައިނަލް ވުމުން، ވެޑިންގް ޕްލޭނާސް ވެސް ބުނި ގިވް އަވޭ އެއް ދެންޏާ ޖެހޭނީ ތީމް އާ ގުޅުވައިގެންނޭ ދޭން." މި ކަވެނިގައި ހިމެނުނު އަދި މިހާރު ފްރައިޑޭ ކިޗަން ހިންގުުމުގައި އިސްކޮށް އުޅޭ ޒުވާން އަންހެން ކުއްޖާ ބުންޏެވެ. "އެހިސާބުން ރަހަ ބަލާފައި ވިއްކުމުގެ ހިޔާލެއް އައީ. އަދި ދެން ވެޑިންގައި އެހާ ގިނަ މީހުންނަށް އިންވައިޓް ކުރާ އިރު ގިވް އަވޭ އަކަށް ދޭން ނިންމީ. ނިންމާފަ އެ ރަހަ ބެލި މީހުންގެ ފީޑްބެކަށް ބަލާފައި ރާއްޖޭގެ މީހުންނަށްވެސް ކަމުދާތީ 'ޓާކިޝް ޑިލައިޓްސް' ފިހާރައިގެ މެއިން ރަހައަކަށް ހިމަނާ ފިހާރަ ހުޅުވަން ނިންމީ"
މިކަން ފެށުނީ ފެށުނީ ކައިވެނީގެ ތެރެއިންނެވެ. ހިޔާލަކީ ދޮން ބައްޕަ ހަބީބުގެ ހިޔާލެކެވެ. އޭނާ ބުނި ގޮތުގައި އޭނާ އިންޑިއާއިން ކޮންމެ ފަހަރަކު އެއްޗެހި ގެންނަން ޖެހުމަށްވުރެ ރާއްޖޭގައި އެކަހަލަ ފިހާރަ އެއް ހުޅުވުން މާ ބުއްދިވެރި އެވެ. އަދި ރާއްޖޭ މީހުންނަށް މިކަހަލަ ހަލުވާއާ ބަދަންތައް މާ ބޮޑަށް ނޭނގުނަސް މި އެއްޗެހި ފަސޭހައިން ރާއްޖޭގައިވެސް ލިބުމަކީ އުފަލަކަށް ހަދަން ބޭނުންވީ އެވެ.
މި ފިހާރައަށް "ފްރައިޑޭ ކިޗަން" ދީފައި ވަނީ ވެސް ދޮންބައްޕަ، ހަބީބާ ގުޅުވައިގެނެވެ. ހުކުރު ދުވަހަކީ އޭނާގެ ވަރަށް ހާއްސަ ދުވަހަކަށް ވާތީ އެވެ.
"ހުކުރު ދުވަހަކީ ގޭގައި އަހަރެން ބަދިގެއަށްވަދެ ކައްކާ ދުވަސް. އެހެންވީމަ އެދުވަސް ވަރަށް ހާއްސަ ވާނެ އަބަދުވެސް. ކައްކާއިރު ބޭނުން ކުރާ ސްޕައިސްތަކާއި ބަދަންތައް ފިހާރައިން އެހެން މީހުންނަށް ލިބޭނެ ގޮތް ހެދޭތީ އަހަރެންގެ ހާއްސަ ދުވަހާ ގުޅުވާލާފައި 'ފްރައިޑޭ ކިޗަން' ކިޔުނީ،"
ރާއްޖޭގައި ބަދަނާއި ހިއްކާފައި ހުންނަ މޭވާތަކަށް ހާއްސަކޮށްގެން ފިހާރައެއް ހުޅުވިޔަސް، އަދިވެސް ރާއްޖެ މީހުންނަށް މި ބަދަންތަކުގެ މުހިއްމުކަން އެހާ ބޮޑަށް ނޭނގެ އެވެ.
"އަދިވެސް ފިހާރައިން އެންމެ ވިކެނީ އާމަންޑްއާއި ކެޝޫ ނަޓްސް، ދިވެހިންނަށް އަސްލު ނޭނގޭ ވޯލްނަޓް ކަހަލަ އެއްޗެއްސަކީ ވެސް ހަމަ ފައިދާ ކުރާނެ އެއްޗެހިކަން. ބައެއް ކަހަލަ ބަދަންތައް ކާނެ ގޮތްވެސް ޖެހެނީ ކިޔައިދޭން،"
އެކި ސައިޒުގެ ބަދަނާއި ފާޑުފާޑުގެ މޭވާތައް ހުރި މި "ފްރައިޑޭ ކިޗަން" އަކީ ރާއްޖޭގެ މި މާހައުލަށް މުޅިން އާ "ޓޭސްޓް" އެކެވެ. މަޖީދީ މަގުގެ ރަހަ ތަފާތު ކޮށްލީ މި ފިހާރައިންނެވެ.
ދޮންދަރިފުޅުގެ ކައިވެނީގެ ހަފުލާގައި މެހެމާނުން ރަހަ ބަލައިލަން ދިން ކުޑަ ހަދިޔާއިން ނުކުތް ހިޔާލު މިހާރު މިއީ އާއިލީ ވިޔަފާރިއަކަށް ވެފައެވެ. އެހެން ގައުމުތަކުގައި މަގުމަތީ ގާޑިޔާތަކުގައި ގިނަވެފައި އޮންނަ ބަދަންތަކާއި ހިއްކި މޭވާ ތަކުގެ ރަހަ ވެސް ދިވެހިންނަށް ލިބެން ފެށީ އެވެ.