ވިޔަފާރި

ހުޅުމާލޭ ބީޗް ހަޓްތައް ނަގަން ފަށައިފި

ހުޅުމާލެ ބީޗުގައި ގޮނޑިއާއި ހަޓް ޖަހައިގެން ވިޔަފާރި ކުރަމުންދާތީ އެ ތަންތަން ނެގުމުގެ މަސައްކަތް އެޗްޑީސީއިން ރޭ ފަށައިފި އެވެ.

މި ތަންތަތަން ނަގަން އެއް މަސް ދުވަހުގެ މުހުލަތެއް ދިނުމަށްފަހު ހަޓްތަކާއި ގޮނޑިތައް ނަގަން ފެށީ އެތަންތަން ނަގަން އެންގުމުން ވެސް ގޮނޑި ބަހައްޓައިގެން ވިޔަފާރިކުރާ ބައެއް މީހުން އެތަންތަން ނުނެގުމުންނެވެ.

މި ތަންތަން ނަގަން އަންގައި އެޗްޑީސީން ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އިރުމަތީ ފަރާތުގެ ބީޗް ސަރަހައްދަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ބޭނުމަށް ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި ހައްދާފައިވާ ގަސްތައް ކޮށައި ހަޓް، ގޮނޑި، މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި އުސޫލުން މި ސަރަހައްދު ބޭނުން ކުރުމަކީ އެ ކޯޕަރޭޝަނުން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. ސަރަހައްދުގައި އެއްވެސް އިމާރާތެއް ހަދައި ނުވަތަ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްވެސް ކަމެއް ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް އެޗްޑީސީން ދީފައި ނުވާނެ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދާނަމަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ބީޗު ހުސްކުރަން އާއްމުކޮށް އެންގުމުން ވެސް އެތަން ހުސްނުކޮށް ގިނަ ފަރާތްތަކުން ދިޔައީ ވިޔަފާރި ކުރަމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް މުހައްމަދު ކުރިން "އަވަސް" އަށް ދެއްވި ވިދާޅުވީ އެ ތަންތަން ނަގަން ޖެހެނީ އެއީ އާއްމުން ބޭނުންކުރާ ސަރަހައްދަކަށް ވެފައި، އެތަން ޕަބްލިކަށް ބޭނުން ކުރެވޭނެ ގޮތަކަށް ބަދަލު ކުރަން ކަމަށެވެ.

"އެ ތަން ފުރަތަމަ ބޭނުންކުރަން ފެށީ ގެސްޓްހައުސްތަކުގައި ހުންނަ ރެސްޓޯރެންޓްތަކުން މީހުން ގިނަވެލުމުން ގޮނޑި ޖަހާލައިގެން ސާވް ކުރާ ގޮތަށް. އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތެއް. މިހާރު މައްސަލަ މި ދިމާވީ އެތަންތަން ހިޔާކޮށް ބަދިގެ ހެދުމުން،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސަރަހައްދަށް ދާ މީހުން ގޮނޑިޖަހާލައިގެން ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"ބީޗަށް ދާ މީހުންވެސް ބޭނުންވާނެ ކޮފީ ތައްޓެއް ބޯލަން. ނަމަވެސް މައްސަލަ މި އަންނަނީ މިތަނުގައި ރާނަން ފެށި ހިސާބުން،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީ އިން މި ތަންތަން ހުސް ކުރުމަށްފަހު ދެން އަލުން ދޫކުރާނެ ތޯ "އަވަސް" އިން ސުވާލު ކުރުމުން ސުހައިލް ވިދާޅުވީ މިތަންތަން ހުސް ކުރުމަށް ފަހު އަލުން ދޫކުރާނެ ކަމަށެވެ.

"މިހާރު އެ ދިމާލަށް ދިއައީމަ މީހުން ކައިރީ އެބަހުރި ބުނެފަ ދުރަށް ދާށޭ. މީތަނުގައި އިށީނދެ ލެވެން ވާނެ އޯޑަރު ނުކުރިއަސް. ކޮންމެހެން ޕަބްލިކުން އަންނަ މީހާ އޯޑަރު ކުރާކަށް ނުޖެހޭ،" ސުހައިލް ވިދާޅުވި އެވެ.

ދެން ދޫކުރާނީ ފީ ނަގައިގެނެއް ނޫން!

ސުހައިލް ވިދާޅުވީ ދެން މި ތަންތަން ދޫކުރާނީ، ފީއެއް ނަގައިގެން ނޫން ކަމަށާ، އެ ވިސްނުމެއް ނެތް ކަމަށެވެ.

"ފީއެއް ނަގައިގެން ކުރާކަށެއް ނޫން. އާއްމު ފަރާތްތަކަށްވެސް އެތަނުގެ ފައިދާ ލިބޭ ގޮތަށް ދޫކުރަން ވިސްނުން ހުރީ،" ސުހައިލް ވިދާޅުވި އެވެ.