ހަބަރު

ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމަވައިފި އެވެ. އޭނާ ވާދަ ކުރެއްވުމަށް ނިންމާފައިވަނީ ގަލޮޅު ދެކުނު ދާއިރާއަށެވެ.

ނާދިރާއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި ކުރިން ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ނައިބުކަން ވެސް ކުރެއްވި އެވެ. އެ މަގާމުން އޭނާ ވަކިކުރީ ރައީސް ޔާމީނާއި ރައީސް މައުމޫންއާ ދެމެދު ހިޔާލު ތަފާތުވުންތަކަށްފަހު އެވެ.

ރައީސް މައުމޫން ވަނީ ނާދިރާއަކީ ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވެސް ކަނޑައަޅާފަ އެވެ. ނަމަވެސް ފަހުން ޕީޕީއެމް، ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެނެސް، ނާދިރާ އަދި ރައީސް މައުމޫން ވެސް އެ ޕާޓީއިން ވަކިކުރި އެވެ.

ނާދިރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ އަޑު އޭނާ އަހާނެ ކަމަށާއި އެ އަޑު އިއްވައިދިނުމުގައި ސާބިތުވެ ހުންނާނެ ކަމަށެވެ. ރައީސް މައުމޫން ވެސް ވަނީ ޓްވީޓް ކުރައްވައި ނާދިރާއަށް ތާއިދު ކުރައްވާކަން މިއަދު ހާމަ ކުރައްވާފަ އެވެ.

ނާދިރާ، މަޖިލިސް އިންތިހާބަށް ނުކުންނަވާނީ ރައީސް މައުމޫންގެ ތާއިދާއެކު އެވެ. އޭނާއަކީ މިހާރު ވެސް ރައީސް މައުމޫންގެ އެމްއާރްއެމް ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އެ ހަރަކާތް ސިޔާސީ ޕާޓީއަކަށް ހެދުމަށް ރައީސް މައުމޫން ވަނީ ނިންމަވާފަ އެވެ.

ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ތާއިދާއެކު އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށް ނިންމަވާފަ އެވެ. އެ ކެންޑިޑޭޓުންނަކީ ކޮބައިކަން ވަރަށް އަވަހަށް ހާމަ ކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫންގެ ތާއިދުގައި މަޖިލީހަށް ވާދަ ކުރުމުގެ ޝައުގުވެރިކަން 108 ފަރާތަކުން ފާޅުކޮށްފައިވެ އެވެ.

އަންނަ މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާ ވެގެން ދާނީ ވާދަވެރި ދާއިރާއަކަށެވެ. އެ ދާއިރާއަށް އެމްޑީޕީ ޔޫތް ވިންގްގެ ރައީސް މީކާއިލް ނަސީމާއި ރައީސް ޔާމީންގެ ތާއިދާއެކު މެންބަރު އައްސަދާއި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވެސް ވާދަ ކުރައްވަ އެވެ.