ދިވެހި ސިނަމާ

"ލީނާ" ދައްކާލައިފި!

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭ ކުރިން މަރާލާފައިވާ، އަޒްލީނާ ނަފީސްގެ މަަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމު "ލީނާ" އެންމެ ފަހުން ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ފިލްމުގެ އޮފިޝަލް ޕޯސްޓަރާއި ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް އިއްޔެ ދައްކާލީ ފިލްމު ޓީމުގެ އޮފިޝަލް ފޭސްބުކް ޕޭޖުގަ އެވެ.

ފިލްމގެ ޓީޒާ ޓްރެއިލާ --

ފިލްމުގައި އަޒްލީނާގެ ރޯލުން ފެންނަ އައްޒަ، ޓްރެއިލާގެ ފުރަތަމަ 25 ސިކުންތުގައި ފެންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ބޮޑަށް ވައްތަރުވީ ލޯބީގެ ކަންތައްގަނޑެއް ހިނގާ ހިތާމަވެރި ފިލްމެއްގެ މަންޒަރުތަކަކާ އެވެ. ދެން ފެންނަނީ އަޒްލީނާގެ ގާތިލުގެ ރޯލުން ފެންނަ މުއާގެ އަނިޔާވެރި ތިން މަންޒަރެވެ. މާ ބޮޑު އަނިޔާ އެއް ނޫނެވެ. އައްޒަ ވައްޓާލާ ކޮޅުފައިން ޖަހާ މަންޒަރު ވެސް ފެންނަނީ ސިކުންތުކޮޅަކަށެވެ. މި ވާހަކަ އަކީ އަނިޔާވެރި ހާދިސާ އެއް ކަމުން އެކަހަލަ މަންޒަރުތަކެއް ޓީޒާގައި ވެސް މިއަށްވުރެ ދިގުކޮށް ފެންނާނެ ކަމަށް އުއްމީދު ކޮށްގެން ހުއްޓާ ޓީޒާ ނިމުނީ، އަޒްލީނާގެ ފަހު ނޭވާތަކުން ކަމަށް ބެލެވެ އެވެ.

"ލީނާ" ފިލްމު ފޮރުވައިގެން އެތައް ދުވަހަކު ގެންގުޅުމަށްފަހު ބެލުންތެރިންނަށް މި ދައްކާލީ ފިލްމުގެ ކުރު ޓީޒާ އެކެވެ. ޓީޒާ އާއެކު ފިލްމުގެ އޮފިޝަލް ޕޯސްޓަރެވެ. ޕޯސްޓަރުގައި ފެންނަނީ އައްޒަ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މަންޒަރެވެ. އަދި ފަހަތުގައި އޭނާގެ ގާތިލުގެ ހިޔަންޏެެވެ. ޕޯސްޓަރުގައި ލީޑް ދެ މީހުން ފެންނަ ތަނަކީ އެއީ އަސްލު ހާދިސާ ހިނގި ތަން، ވިޔަފާރިވެރިންގެ ޖަމިއްޔާތެރެ ގޮތަށް ހަދާފައިވާ ސަރަހައްދެއްގެ ގޮތުގަ އެވެ. ޕޯސްޓަރުގައި ސްލޯގަންއެއްގެ ގޮތުގައި ލިޔެފައިވަނީ ޝީ ވޯޒް އެން އިނޮސެންޓް ގާލް“ -- އެ އަންހެން ކުއްޖާއަކީ ކުށެއް ނެތް ކުއްޖެއް -- އެވެ.

ޓްރެއިލާ އާއި ޕޯސްޓަރު އިއުލާން ކުރި އިރު ފިލްމުގެ ޓީމުން މި ފިލްމުގެ ނަން ލިޔެފައި އޮތް ގޮތަށް ގެނެސްފައިއޮތް ބޮޑު ބަދަލު ފާހަގަ ކުރެވުނެވެ. ފިލްމު އެންމެ ފުރަތަމަ އިއުލާން ކުރެވުނު އިރު ނެރުނު ޕޯސްޓަރުގައި ނަން ލިޔެފައި އޮތީ ހަމަ އެކަނި "ލީނާ" އެއް ނޫނެވެ. "ލީނާ" ލިޔެ އެ ނަމުގެ ކުރީގައި "އޭ" އަކުރާއި "ޒެޑް" އަކުރުވެސް އޮތީ ފަނޑުކޮށް ޖަހާފަ އެވެ.

މި ފިލްމު އުފެއްދުމާމެދު އަޒްލީނާގެ އާއިލާ އިން އެދުވަސްވަރު ބުނަމުންދިޔައީ ހަމަ އެކަނި "ލީނާ" ޖަހާފައި އޮތަސް ފަނޑުކޮށް ލިޔެވިފައި އޮތް ދެ އަކުރުވެސް ފެންނަ ކަމަށެވެ. އަދި އާއިލާގެ ނުރުހުމުގައި ފިލްމު އުފައްދަން ނިންމާ އެންމެފަހުން ނަންވެސް ބޭނުންކުރީ ކަމަށް އޭރު ވާހަކަ ދެކެވުނެވެ. މިހާރު ފެންނަނީ މުޅިން އެހެން ފޮންޓަކުން ހަމަ އެކަނި "ލީނާ" ލިޔެފައިވާ ތަނެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އޭޕްރީލް މަހުގެ 20 ގައެވެ. ފިލްމުގެ އެޅުވުމުގެ ކުރިން އިތުރު ދިގު ޓްރެއިލާއެއް ފެންނާނެ ކަމަށް އުއްމީދު ކުރެވެ އެވެ. އަދި ހަގީގީ ހާދިސާގެ މުހިއްމު ކަންކަން ދެވަނަ ޓްރެއިލާއިން ފެންނާނެ ކަމަށްވެސް ބެލެވެ އެވެ.