ދުނިޔެ

އައިއެސް އިން އަލަށް އާއްމުންގެ އަންހެނުންތަކެއް ބޯކަނޑައިފި

Jul 1, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ފުރަތަމަ ފަހަރަށް އަންހެނުންތަކެއްގެ ބޯކަނޑަލާއިފި އެވެ.

ސީރިއާގައި އުޅޭ ހަނގުރާމަވެރިންނާ ގުޅުން އޮންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން މިއަދު ބުނި ގޮތުގައި ބޯކަނޑާލައިގެން މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ ސީރިއާގެ އިރުމަތީ ބިތުގައި އޮންނަ ދައިރު އައްޒޫރު ސިޓީ އާއި އަލްމަޔާދީން ޓައުންގަ އެވެ. ވަކިވަކިން ހިނގި އެ ދެ ހާދިސާގައި ބޯކަނޑާލާފައި ވަނީ ސިހުރު ހެދުމުގެ ކުށް ސާބިތުވި ދެ އަންހެނުންނާއި އެ ދެ މީހުންގެ ފިރިންނަށް ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.

އައިއެސް އިން މީގެ ކުރިން ވަނީ ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ބައިތިއްބާފައި ތިބި ކުރުދީ އަންހެނުންތަކެއްގެ ބޯކަނޑާލާފަ އެވެ. އެކަމަކު، އާއްމުންގެ ތެރެއިން އަންހެނުންތަކެއްގެ ބޯކަނޑާލި މިއީ ފުރަތަމަ ފަހަރެވެ.

އައިއެސް އިން ދަނީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމުގެ ނަމުގައި ސީރިއާ އާއި އިރާގުގައި ލާއިންސާނީ ގިނަ އަމަލުތަކެއް ހިންގަމުންނެވެ. އެ ގޮތުން، ސިހުރު ހެދުމުގެ ކުށް ސާބިތުވާ ކަމަަށް ކަނޑައަޅައި މީހުންގެ ބޯކެނޑުމަކީ އާއްމު ކަމެކެވެ. އަދި ރޯދަ ނުހިފާތީ ކަމަށް ބުނެ، އަތުގެ މުލައްދަނޑިން ދަގަނޑު ހޮޅިއެއްގައި އެލުވާފައި ބައިތިއްބައިގެން ސީރިއާގެ ދެ ޒުވާނަކު މިދިޔަ ހަފުތާގައި ދަންޖައްސައި މަރާލާފައިވެ އެވެ.

މީގެ އިތުރުން، އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންނަ ސީރިއާ އާއި އިރާގުގެ އަވަށްތަކުގައި އުޅޭ އެހެން ދީންތަކާއި ބައިމަދު ގަބީލާތަކުގެ މީހުންގެ އިތުރަށް ޝީއީންނާއި ކުރުދީންގެ އާއްމުން މެރުމަކީ ވެސް އާއްމު ކަމެކެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.