ވިޔަފާރި

ލަކްޒަރީ ވިލާތަކާއެކު ލަކްސްގެ އާ ރިސޯޓު ހުޅުވައިފި

ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުން: މުހައްމަދު އަފްރާހު
Feb 1, 2019

ރިސޯޓަށް އަންނަ ގެސްޓް މީހާއަށް ބަޓްލަރުންގެ ހިދުމަތް ލިބޭ ވިލާތަކާއެކު ލަކްސްގެ ދެވަނަ ރިސޯޓު މިއަދު ހުޅުވައިފި އެވެ.

ދަތުރު ދާ ރަށެއްގެ ގޮތުގައި ކުރިން ބޭނުންކުރި އޮޅަހަލި އައިލެންޑުގައި ތަރައްގީ ކޮށްފައިވާ "ލަކްސް ނޯތު މާލެ އެޓޯލް" ހުޅުއްވައި ދެއްވީ މި ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މި ރަސްމިއްޔާތުގައި ލަކްސް ގްރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޑޮމިނިކް ރައުލް އާއި މި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯން ރޮޖާ ވެސް ބައިވެރި ވަޑައިގަތެވެ.

މި ރިސޯޓުގެ އެއް ރެސްޓޯރެންޓް ކަމަށްވާ "ބީޗް ރޮންގައި" ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ރިސޯޓުން ދައްކުވައިދެނީ ރާއްޖޭގެ ޓޫރިޒަމްގެ ރީތި ކަން ކަމަށެވެ.

"މިއީ ވަރަށް އުފެއްދުންތެރި މަސައްކަތެއް. މިތަނުގެ ފަރުމާ ވެސް އެހާ ފުރިހަމަ. މިއީ ޓޫރިޒަމަށް މުޅިން އާ ޕްރޮޑަކްޓެއް. ލަކްސްގެ ފޮޓޯއެއް ނަގައިފިނަމަ އެހެން ތަންތަނާ ފެންނީ މުޅިން ތަފާތު ރީތި ކަމެއް،" އަލީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯން ވިދާޅުވީ މި ރިސޯޓަކީ މިގޮތަށް މަތީ ފަންތީގައި އެދި އެންމެ ފެންވަރު ރަނގަޅު އެއް ރިސޯޓަށް ވާނެ ކަމަށެވެ.

ލަކްސްގެ މި ރިސޯޓުގެ އެންމެ ހާއްސަ އެއް ސިފައަކީ މިތަނުގައި ހަދާފައިވާ 67 ލަގްޒަރީ ވިލާ އެވެ. ނުވަތަ ރެސިޑެންސް އެވެ. ދެ ބުރިއަށްވާ ގޮތަށް ހަދާފައިވާ މިތަނުން ހަ ހެކްޓަރުގެ މި ރަށުގެ ރީތިކަން ދައްކުވައިދެ އެވެ. މި ރިސޯޓުން އެއް ފަހަރާ 200 ޓޫރިސްޓުންނަށް މަރުހަބާ ކިޔަ އެވެ.

ލަކްސް ކަލެކްޝަންގެ ސީއޯއޯ ޑޮމިނިކް މި ރަސްމިއްޔާތުގައި ވިދާޅުވީ ރާއްޖޭގައި ގިނަ ރިސޯޓު ތަކެއް އެބަހުރި ކަމަށާ، ނަމަވެސް މި ރިސޯޓު ވެގެންދާނީ މުޅީން ތަފާތު ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި މިތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 55 ޕަސެންޓަކީ ދިވެހިންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ރިސޯޓުން ހުށަހަޅައި ދެނީ މުޅިން ތަފާތު ކަމެއް. ހިދުމަތް ވެސް ތަފާތު ވާނެ. ރަށަށް އަންނަ މީހާ އަށް މުޅިން ތަފާތު ތަޖުރިބާއެއް ކުރެވޭނެ،" ޑޮމިނިކް ވިދާޅުވި އެވެ.

މާލެ އިން ފުރައިގެން ސްޕީޑް ލޯންޗުގައި އެއް ގަޑިއިރު ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި ސްޕާ އާއި މޫދު ކުޅިވަރުގެ ހާއްސަ ސެންޓަރެއް ހުރެ އެވެ. އަދި މި ތަނުގައި ހަދާފައިވާ ސްޕާއަކީ މިތަނަށް އަންނަ މީހުންނަށް އެންމެ މަތީ ޕްރައިވެސީ ލިބޭ ގޮތަށް ހަދާފައިވާ ތަންތަނެވެ. މި ރިސޯޓު ފަރުމާކޮށްފައިވަނީ ދިވެއްސެކެވެ. އަދި މިތަނުގެ އިންޓީރިއާ ފަރުމާ ކުރީ ސިންގަޕޫރު ކުންފުންޏަކުންނެވެ.