ހަބަރު

ހީނާ ވަލީދު، ދިއްގަރު ދާއިރާއަށް ވާދަ ކުރައްވަނީ

ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއްގައި މަސައްކަތް ކުރެއްވި ހީނާ ވަލީދު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމަވައިފި އެވެ.

ހީނާ ނިންމަވާފައިވަނީ ދިއްގަރު ދާއިރާއަށް ކުރިމަތިލެއްވުމަށެވެ. އޭނާ ވާދަ ކުރައްވަނީ އަލަށް އުފެއްދި ޕީޕަލްސް ނޭޝަލް ކޮންގްރެސް، ޕީއެންސީގެ ޓިކެޓްގަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު އެވެ. ހީނާއަކީ ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

މިހާރު ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އަހުމަދު ފާރިސް މައުމޫން ވަނީ އެ ދާއިރާއަށް ދެން ކުރިމަތިނުލައްވަން ނިންމަވާފަ އެވެ. އެ ދާއިރާއަށް މިފަހަރު ދެން ވާދަ ކުރައްވަނީ ކުރިން ވެސް ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު ނާޒިމެވެ. އޭނާ އިންތިހާބަށް ނުކުންނަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދާއެކު އެވެ.

ހީނާ ވަލީދު މިފަހުން ވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވާފަ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގައި ވެސް ސިޔާސީ ނޫސްވެރިއެއްގެ ގޮތުން މަގުބޫލުކަން ހޯދި ހީނާ ވަލީދު މަސައްކަތް ކުރައްވާފައިވެ އެވެ.

އޭނާ ނޫނަސް މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެހެން ބައެއް ނޫސްވެރިން ވާދަ ކުރެ އެވެ. އެގޮތުން ވެލިދޫ ދާއިރާއަށް އަމިއްލަ ގޮތުން ޓީވީއެމްގައި ކުރިން މަސައްކަތް ކުރި އައިޝަތު ލީޒާ ވާދަކުރަން ވަނީ ނިންމާފަ އެވެ. ޕީއެންސީ ޓިކެޓްގައި ޗެނަލް13 ގައި މަސައްކަތް ކުރި ނޫސްވެރިޔާ ލަޔާލް މަނިކު ވެސް ވާދަކުރެ އެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި ގަމު ދާއިރާއަށް ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ވެސް އިންތިހާބަށް ނުކުމެ އެވެ.