ދުނިޔެ

ޔަމަންގެ ޖަލެއް ފަޅާލައި ހާހަކަށް ވުރެ ގިނަ ހަނގުރާމަވެރިން ފިލައިފި

Jul 1, 2015

ޔަމަންގެ މެދުތެރޭގެ ހިސާބެއްގައި ހުންނަ ޖަލެއް ފަޅާލައި ގިނަ އަދަދެއްގެ އަލްގައިދާގެ ހަނގުރާމަވެރިން ހިމެނޭ ގޮތަށް، ގާތްގަނޑަކަށް 1،200 ގައިދީއަކު މިއަދު ފިލައިފި އެވެ.

ސަލާމަތީ ކަންކަމާ ގުޅޭ އޮފިޝަލުންނާ ހަވާލާދީ ގައުމީ ނޫސް އެޖެންސީ، ސަބާ އިން ބުނި ގޮތުގައި މެދުތެރޭގެ ތާއިޒް އަވަށުގައި ހުންނަ އެ ޖަލު ފަޅާލާފައި ވަނީ އަލްގައިދާގެ ހަނގުރާމަވެރިން ކަމަށް ބެލެވެ ބަޔަކު ދިން ހަމަލާއެއްގަ އެވެ.

އެހެން ނަމަވެސް، ރޮއިޓާސް އާއި އޭޕީ ނޫސް އެޖެންސީއާ ވާހަކަދެއްކެވި އެހެން ސަރުކާރުގެ ދެ އޮފިޝަލަކު ވިދާޅުވީ ގައިދީން ފިލީ ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ދެ ޖަމާއަތެއްގެ މެދުގައި ހިނގި ކުރިމަތިލުންތަކެއްގެ ބޭނުން ހިފައި، އެ ވަގުތު ކަމަށެވެ. އެ ހަމަލާތަކާ ގުޅިގެން ޖަލުގެ ގާޑުން ފިލުމާ އެކު، ގައިދީން ގޮޅުތަކުން ނުކުމެެގެން ފިލީ ކަމަށް އޭޕީއާ ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

އެހެންވެ، ޖަލު ފަޅާލި ސީދާ ގޮތް އަދި ސާފެއް ނުވެ އެވެ.

މިއީ މިދިޔަ މާޗު މަހުގެ ފަހުން ޔަމަންގައި މިފަދަ ގޮތަކަށް ޖަލު ފަޅާލައިގެން ގިނަ އަދަދެއްގެ ގައިދީންތަކެއް ފިލި ތިން ވަނަ ފަހަރެވެ.

ޔަމަން މި ވަގުތު އޮތީ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ. ޝީއީ މަޒްހަބަށް ނިސްބަތްވާ ހޫތީން ވެރިރަށް ސަންއާ އަށް ވެރިވެގަތުމާ އެކު، ޔަމަންގެ ރައީސް އަބްދުއްރަބާ މަންސޫރު ހާދީ ވަނީ ފިއްލަވައިގެން ސައުދީ އަށް ވަޑައިގެންފަ އެވެ. އެއާ އެކު، ސައުދީ އާއި ސުންނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ސަރަހައްދީ ގިނަ ގައުމުތަކެއް ބައިވެރިވާ ގުޅިފައިވާ ފައުޖުތަކުން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފަ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެ އޮޕަރޭޝަންގެ އަމާޒަކީ ހާދީގެ ވެރިކަން އިއާދަކުރުމެވެ.

ހާދީގެ ކުރިން ވެރިކަމުގައި ހުންނެވި އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވެސް މިހާރު ވަނީ، ސޯލިހްގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރި ހޫތީންނާ ގުޅިފަ އެވެ .ޔަމަންގެ މަސްރަހު އިންތިހާ އަށް ގޯސްވެ، އާބާދީގެ ގާތްގަނޑަކަަށް 80 ޕަސެންޓް މީހުން ހާލުގައި ޖެހިފައި ވާއިރު، އދ. އިން އިސް ނަގައިގެން ފަށާފައިވާ ސުލްހައިގެ މަޝްވަރާތަކުގައި މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނުވެ އެވެ. އެންމެ ފަހުން މި މަހުގެ މެދުތެރޭގައި ބޭއްވި މަޝްވަރާތައް ވެސް ނިންމާލީ އެއްވެސް ކޮޅެއްގައި ނުޖެހުމުންނެވެ.