ދުނިޔެ

އިންޑޮނީޝިއާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

Jul 1, 2015

އިންޑޮނީޝިއާގެ އަސްކަރީ މަތިންދާ ބޯޓެއް މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި، ބޯޓުގައި ތިބި 100 އަށް ވުރެ ގިނަ މީހުން އިއްޔެ މަރުވެއްޖެ އެވެ.

އެ ސަރަހައްދަށް ޒިޔާރަތްކުރެއްވުމަށް ފަހު އިންޑޮނީޝިއާގެ ވައިގެ ސިފައިންގެ ވެރިޔާ އަގުސް އުޕްރިއަތުނަ ނޫސްވެރިންނަށް ވިދާޅުވީ ބޯޓުގައި ތިބި 122 މީހުންގެ ތެރެއިން އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށެވެ. އަދި މިހާތަނަށް ގާތްގަނޑަކަށް 100 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

"ޓެކްނިކަލް މައްސަލައެއް ދިމާވީ ބޯޓު ނައްޓާލި ތަނުން. އެހެންވެ، އަނބުރާ ޖެއްސުމުގެ ހުއްދަ އަށް ޕައިލެޓް އެދުނު. ބޯޓު ވެއްޓުނީ އެއާޕޯޓާ ދިމާއަށް މިސްރާބު ޖަހާފައި ވަނިކޮށް،" އުޕްރިއަތުނަ ވިދާޅުވި އެވެ.

ބޯޓުގައި ގިނައިން ތިބީ ސިފައިންގެ އާއިލާތަކުގެ މެމްބަރުން ކަމަށްވެ އެވެ.

ސިފައިން އުފުލުމަށް ބޭނުންކުރާ ހާކިއުލެސް-30 މަރުކާގެ އެ ބޯޓު ފުރި ތަނާ ކަހަލަ ގޮތަކަށް މައްސަލަ ޖެހި ވެއްޓުނީ މެދަން އަވަށުގެ މީހުން އުޅޭ ސަރަހައްދަކަށެވެ. މި ހާދިސާގައި ބޯޓު ގޮސް ދެ ގެއަކާއި ހޮޓަލެއްގައި ޖެހި ގޮވުމުގެ ސަބަބުން ބޮޑު އަލިފާން ގުޅައެއް އުފެދުނެވެ. ވެރިރަށް ޖަކާޓާގައި ހުރި ބީބީސީގެ ނޫސްވެރިޔާ ބުނި ގޮތުގައި ބޯޓު އެއްކޮށް ފުނޑުފުނޑު ވެފައިވާއިރު، ހަމައެކަނި ފެންނަން އޮތީ ފަހަތުކޮޅުގެ ބައެކެވެ.

މިއީ 1964 ވަނަ އަހަރު އުފައްދާފައިވާ ވަރަށް ދުވަސްވީ ބޯޓެކެވެ. އެކަމަކު، އަސްކަރިއްޔާގެ އޮފިޝަލަކު ވަނީ އެ ބޯޓުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ބޯޓު ވެއްޓުނު ސަރަހައްދުގައި އަޅި އާއި ދުން ވަރަށް ބޯކޮށް ފެތުރިފައި ވާއިރު، ކައިރީގައި ހުރި ބައެއް ގެތަކުގައި ވެސް ވަަނީ ހުޅު ހިފާފަ އެވެ. އެ އިމާރާތްތަކުގެ ތެރޭގައި ބައެއް މީހުން ތާށިވެފައިވާ ކަމުގެ ބިރު ވެސް އެބައޮތެވެ. އެހެންވެ، މީހުން ސަލާމަތްކުރުމަށް މުޅި އެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އިންޑޮނީޝިއާގެ އަސްކަރީ މަތިންދާ ބޯޓުތައް ވެއްޓުމުގެ ހާދިސާތައް 2009 ގެ ފަހުން ވަރަށް ގިނައިން ހިނގާފައިވެ އެވެ. މިއީ މެދަން އަވަށުގެ މީހުން ދިރިއުޅޭ ސަރަހައްދަަކަށް އަސްކަރީ މަތިންދާ ބޯޓެއް ވެއްޓުނު ދެ ވަނަ ފަހަރެވެ. ސެޕްޓެމްބަރު 2005 ގައި ހިނގި ފުރަތަމަ ހާދިސާގައި، ބޯއިން 737 މަރުކާގެ ބޯޓެއް ނައްޓާލިތަނާ މައްސަލައެއް ޖެހި ވެއްޓުމާ ގުޅިގެން 143 މީހަކު މަރުވި އެވެ.