ދުނިޔެ

ބައެއް ސިޓީ ގަނޑުވެ، އަނެއްބައި ސިޓީ ހޫނުން ފިހެނީ

ދުނިޔޭގެ ބައެއް ބޮޑެތި ސިޓީތަކަށް މިފަހުގެ ތާރީހެއްގައި މޫސުން ގޯސްނުވާ ވަރަށް ގޯސްވެ، ބޮޑެތި ކާރިސާތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މިއީ މިފަހުގެ ތާރީހެއްގައި މޫސުމީ ކާރިސާތައް އެއް ފަހަރާ މިހާ ބޮޑަށް ކުރިމަތިވި ފުރަތަމަ ފަހަރު ކަމަށް ސައިންސްވެރިން ބުނެ އެވެ.

މި ހަފްތާގެ ތެރޭގައި "ޕޯލާ ވޯޓެކްސް"ގެ ފިނި ވައިރޯޅިތައް އެމެރިކާގެ މިޑް ވެސްޓަށް ފެތުރި، 21 މީހަކު އެ ގައުމުން ވަނީ މަރުވެފަ އެވެ. އެމެރިކާގެ އާބާދީގެ ތިންބައިކުޅަ އެއްބައި ނުވަތަ ގާތްގަނޑަށް 200 ވަރަކަށް މިލިއަން މީހުންނަށް މި ދުވަސްވަރު އުޅެން ޖެހިފައި ވަނީ މައިނަސް 32 ޑިގްރީ ސެލްސިއަސްގެ ގަދަ ފިނީގަ އެވެ. އެމެރިކާގެ ޝިގާކޯ ފަދަ ބޮޑެތި ސިޓީތައް މިކަމާ ގުޅިގެން ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް ގަނޑުވެފަ އެވެ. އަދި އާންމު ދިރިއުޅުމާއި އިގްތިސާދު ހުއްޓިފައިވާ އިރު މިއީ ދުނިޔޭގެ އެންމެ ފިނި ހިސާބު އާކްޓިކްއަށް ފިނި ކަމާ އެއްވަރެވެ.

މީގެ އިތުރުން މި ހަފްތާގެ ތެރޭގައި އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑް އަދި ވޭލްސްގެ ފިނި ހޫނުމިން ވަނީ މައިނަސް 14.4 ސެލްސިއަސްއަށް ވެއްޓިފަ އެވެ. ޔޫކޭގެ މިޓްރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނަނީ، މިއީ 2012 ވަނަ އަހަރަށް ފަހު އެ ގައުމުގެ ފިނި ހޫނުމިން މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. އެ ސަރަހައްދުތައް ސުނޯއިން ފޮރުވިފައިވާ އިރު ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ވެހިކަލްތައް ނުދުއްވޭ ވަރަށް މަގުތަކުގައި ސްނޯ ބޯވެފައިވެ އެވެ. މީގެ އިތުރުން ފްރާންސްގެ މޫސުން ވެސް އާދަޔާ ހިލާފަށް ގޯސްވެ ފިނިގަދަވެ، ސުނޯގެ ތޫފާނަކާ އެ ގައުމަށް ކުރިމަތިވާނެ ކަމުގެ އިންޒާރުވަނީ ދީފަ އެވެ.

އެމެރިކާ އާއި ޔޫރަޕް ރެކޯޑް އަދަދެއްގެ ފިނިކަމުގެ ތެރޭގައި އޮތް ނަމަވެސް، އޮސްޓްރޭލިޔާގެ މީޓްރޮލޮޖީ ބިޔުރޯއިން ބުނަނީ ފާއިތުވި ޖެނުއަރީ އަކީ އެ ގައުމަށް ކުރިމަތިވި އެންމެ ހޫނު މޫސުން ކަމަށެވެ. އޮސްޓްރޭލިޔާއަށް އާދަޔާ ހިލާފަށް ހޫނުވެ ކުރިމަތިވި "ހީޓް ވޭވް"ގައި އެ ގައުމުގެ ބައެއް މަގުތަކުގައި ހުރި ތާރުތައް ގިރި، ބައެއް މަގުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. އަދި އެ ހޫނުގައި އެތައް ބަޔަކު މަރުވެ ހާހެއްހާ ޖަނަވާރުތައް ވެސް ވަނީ މަރުވެފަ އެވެ. މީގެ އިތުރުން ހޫނު ގަދަވެގެން ގޮސް، އޮސްޓްރޭލިޔާގެ ތަސްމޭނިޔާ ސަރަހައްދުގެ ބައެއް ޖަންގަލިތަކުގައި ރޯވެ ބައެއް ގެތައް ވެސް ވަނީ އަނދައިފަ އެވެ. އެ އަލިފާންގަނޑު އަދިވެސް މުޅިން ނިންވާނުލެވެ އެވެ.

އޮސްޓްރޭލިޔާގެ ހޫނުމިން ވަނީ، 46.6 ޑިގްރީސެލްސިއަސްއަށް މިހާރު އަރައިފަ އެވެ. މިދުވަސްވަރު އާންމުކޮށް ބޭރަށް ނުނިކުތުމަށް ވެސް އާންމުންނަށް ވަނީ އެގައުމުގެ އިދާރާތަކުން އިލްތިމާސްކޮށްފަ އެވެ. ސައިންޓިސްޓުން ބުނަނީ، މިއީ ދުނިޔެ ހޫނުވަމުން އައުމުގެ ސަބަބުން ދިމާވަމުން އަންނަ ބޮޑެތި މޫސުމީ ކާރިސާތައް ކަމަށާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަން މިހާރުވެސް ލަސްވެއްޖެ ކަމަށެވެ.